އަވަސް ވީކެންޑް

ރާއްޖޭގައި "ނަން ރީތީ" ސަލީމް!

Feb 12, 2016
19

މިއީ ސްރީލަންކާގެ ރިއޯ އައިސް ކިރިމި ރެސްޓޯރެންޓެވެ؛ މިތާނގައި މަޑުކޮށްލައިގެން އަހަރެން މީނީ އަހަރެންގެ ތިން ކުދިންނާއި އަންހެނުންނާއެކު އެވެ. އެކަމަކު ލޮލުގެ އަމާޒު ކައްސާ ނުލައި ބެލެނީ ދުރުނޫން ހިސާބެއްގައި އެހަރަ މޭޒުގައި ދަބަހަކާއެކު އެކަނި މާއެކަނި އައިސް ކިރިމި ބޯލަ ބޯލައި އިން މީހާއަށެވެ. އަހަރެން އޭނާ ދަންނަމެވެ. ހާއްސަކޮށް މުންޑޫ މީހުންގެ ތެރޭގައި އެއީ ވަރަށް މަޝްހޫރު މީހެކެވެ. މުންޑޫ މީހުން އޭނާއަށް ކިޔަނީ "ދަތުރު ކުރާ ސަލީމް" އެވެ. އަސްލު އޭނާގެ ނަމަކީ އިބްރާހިމް ސަލީމެވެ. ބުނެވޭ ގޮތުގައި އޭނާއަށް ދަތުރު ކުރާ ސަލީމް ކިޔަނީ އަބަދުވެސް ކޮންމެވެސް ދަތުރެއް މަތީގައި އުޅޭތީ އެވެ. ސްރީލަންކާގެ މިނިވަން ޖައްވުގައި އޭނާ އެކަނި މާއެކަނި މިހާރުވެސް އެއި އިނީ ދަތުރެއްގައިތާ އެވެ؟ އޭނާގެ ދަތުރާއި އޭނާގެ ނަމާމެދު މިހެން އިނދެ ވިސްނައިލީމާ އަހަރެންގެ ގާތަށް ހިސާބަކަށް ހިނި އަންނަ ގޮތް ވެއްޖެ އެވެ. ހިތަށް އަރަ އެވެ؛ ރާއްޖޭގެ "ނަން ރީތީ" ސަލީމެވެ. ނަމަކަށް ސަލީމް ކިޔައިފިތަ، ކޮންމެވެސް ފައްކާ ނަމެއް ކުރިޔަށް ލާފައި އޮވެއެވެ. އަދި އެ ސަލީމްތައް އެހާ މަޝްހޫރު ވެސް މެއެވެ. ސަލީމާއެކީ އަހަރެންގެ ދަތުރު ފަށަން ހެއްޔެވެ؟

އަހަރެންގެ ފުރާވަރަށް އަރައިގެން އައި ދުވަސްވަރު މުންޑޫގައި ޖެހި ސިޔާސީ ބޮޑު ހުޅެއްގެ ފަހަތުގައި ތިބި ސަތޭކައެއްހާ މީހުން ހައްޔަރު ކުރާން ރެއެއްގެ މެންދަމު ބިޑި ފަތިތަކާއި ބަޑިތައް ހިފައިގެން ގުންފާޖަހާފައި މުންޑޫއަށް ސިފައިން އަރައިފި އެވެ. އެ މީހުން ބަޑިވެސްޖެއްސެވެ. އެކަމަކު ވާލަށާއި ކާޅަށެވެ. އެ ދަތުރުގައި ދިޔަ ސިފައިންގެ ވަރަށް ގިނަ މީހުން ނިދައި ކައިބޮއި ހެދީ އަހަރެމެންގެ ގެއިންނެވެ. ލާމުގައި މަޝްހޫރު ރުއްކޮއްޓު ގެއިންނެވެ.

ކަންދިމާ ކުރި ގޮތުން އެމީހުން ގޭގެއަށް ވަދެ މީހުން ހިފައި ހައްޔަރުކޮށް ވާލަށް ބަޑިޖަހައި އުޅުނު އިރު އަހަރެން އުޅެނީ ކުޅި ބަލާށާއި "ނުބައި ނުލަފާކަން ދައްކާން" ރަށުތެރޭގަ އެވެ. މާ "ބިރުކުޑަވެގެން" ހަސްފަސްކަނޑާލައިގެނެވެ. އަހަރެން ނުކުމެ ގަނެގެން އުޅޭތީ ބައްބަޕަ އަހަރެން ދަމާހަލާ ގެންދިޔައީ އަހަރެމެންގެ ގޭގައި ގުޅައަކަށް ޖެހިގެން ތިބި ސިފައިންގެ މީހުންގެ ތެރޭގައި އިން ބޮޑު ބިޔަ މީހެއްގެ ގާތަށެވެ. އަހަރެން ރަށުތެރޭގައި ހިނގާތީ އެވެ.

ގެންދިޔައިމާ "ބައްޕާ އަޅުގަނޑު ނުދަމޭ" ބުނެވުނެ ހަނދާން ވެއެވެ. އެކަމަކު އެތާނގައި އިންމީހާ "މި އުންބެ ސަލީމަށް ދޮގެއް ނުހެދޭނޭ" ބުނި އަޑު އަހަންނަށް އިވުނީ ޖަހައިލި ހޮނު ގުގުރިއެއްހާ ބާރަށެވެ. އެވީގޮތެއްވެ، އަހަރެން ލައިގެން ހުރި ސޯޓް ތެމި ފޯވެއްޖެ އެވެ. ރޮނގެންހެން އޮވެ ފައިބަ އެވެ. ދެ ލޮލުން ހޯސްލާފައި ކަރުނައި އައިސް ބިރުން އަވަދިކޮށްލައިފި އެވެ. އެހަރަ ވަރުގަދަ ފުން ލޮލެކެވެ. އެހަރަ ބަރު އަޑެކެވެ.

އެއީ އުންބޭ ސަލީމެވެ. އޭރުވެސް ފަހުން ވެސް އަދި މިހާރުވެސް އެ ނަން އިވުނީމާ އަހަރެން މިހިރަ "ނުލަފާ" މީހާ ފާޑަކަށް ރޫރޫލައިގަންނަ ހަމައެކަނި ނަމަކީ އުންބޭ ސަލީމްގެ ނަމަވެ. ހަޔާތުގައި އެކިި ކަހަލަ މީހުންނާ ބައްދަލުވެ އެކި ކަހަލަ މައްސަލަތައް ހައްލުކޮށް އެކި މިޒާޖުގެ މީހުންގެ ހަޔާތް ބަދަލުކުރުވި އެހި ހިދުމަތްތެރިޔާ މިހާރު އަވަހާރަވެއްޖެ އެވެ. މާތް ﷲ އޭނާއަށް ފުއްސެވުން ދެއްވާށި އެވެ!

ދެން އާދެވުނީ މާލެއަށެވެ. އެއީވާ ދަތުރެކެވެ. ރާޅާ ހަލުވަވަމުން ގަޅުވަމުން ނުމެ ކެވި ނުމެ ދިރި އެވެ؛ އައްޑިހައިގެ މެދު އަރުތައް ނިމި ދިހައިގެ ފަހު ބައިގައެވެ. މާލެއަށް ފޭބި ވަގުތު އިސްލާމީ މަރުކަޒުގެ އެހަރަ ބިޔަ ގުއްބާއި އަރާ އޮބާފައި އެހަރަ މުންނާރަށް ބަލައިލެވުނު ހަނދާނވެ އެވެ. ދެން ހަނދާންވީ އުންބޭ ސަލީމްގެ މަތިންނެވެ. ބިރުން ގޮސް ބައްޕަގެ އަތުގައި ބާރަކަށް ހިފައިލެވުނު ހަނދާން އިއްޔެވީ ކަމެއްހެން ލޮލަށް އެބަ ފެނެ އެވެ. -- ހެހެ

މާލެ އައި ދުވަސްވަރާ ދިމާވީ ރައީސުލް ޖުމްހޫރިއްޔާގެ ވާދައި ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތްތެރެއަށެވެ. ގޭގައި އިންނަ އިރު ރޭގަނޑު އަހަރެން އެ ޕްރޮގްރާމަކަށް އިންތިޒާރު ކުރާ ޕްރޮގްރާމަކީ އެ އަހަރު ފޮނުވި "ފުޓްބޯޅަ 87" ޕްރޮގްރާމެވެ. ޕްރޮގްރާމް އަޑު އަހާއިރު ވެލެންސިޔާގެ މެޗްތައް ގެނެސްދޭ ރޭރޭ އަބަދުވެސް ކެޕްޓަން ހީނާ އަހުމަދު ސަލީމްގެ މޮޅު ޕާސްތަކުގެ ވާހަކަ އާދެ އެވެ. އަހަރެން ދެކެން ބޭނުންވެފައި ހުންނަ ހީނާ ސަލީމާ ފުރަތަމަ ބައްދަލުވީ އަހަރެން ނޫސްވެރިޔަކަށްވީ ފަހުން ހަވީރުގެ ތެރެއިންނެވެ. މިހާރުވެސް ހީނާ ސަލީމަކީ ވަރަށް އިހުތިރާމް ކުރާ އަދި ބައެއް ފަހަރާ ސަމާސާ ވެސް ކޮށްލެވޭ މަޝްހޫރު ނަމަކެވެ. އަހަރެން ފެނުމުން މަޑުކޮށް ނުލައި ގޮވައި ނުލައި "ކޯޗް" ހީނާ ނުދެ އެވެ.

މާލޭގައި އަހަރެން ފުރަތަމަ ހުރީ ގޯނިން ހަދާފައި ހުންނަ ގެއެއްގަ އެވެ. މ. މުތާފުށި ކިޔާ ގެއެކެވެ. މިހާރު އެއީ ބޮޑު ސިންގާހާ އިމާރާތެކެވެ. މިހާރުވެސް އެ ގެ ބަލައިލާން ބައެއް ދުވަސް ދުވަހު އަހަންނަށް ދެވެނީ އެއީ ހަޔާތުގެ ވަރަށް މުހިންމު ބިންކޮޅަކަށްވާތީ އެވެ. އެ ގޭގައި ފުރަތަމަ މަސް ދުވަސް ދިޔައީ އިސްކޫލަށް ވަދެވޭ ގޮތް ނުވެ އެވެ. އެހެންވެ ފޫހިވާތީ އެގޭ ބޭބެ އަހަރެން ގޮވައިގެން ފަރީދީ މަގުގައި ހުންނަ ކުޑަކުޑަ ސައި ހޮޓަލަކަށް ދެ އެވެ. އެއީ ކާކުގެ ކޮން ހޮޓަލެއްކަން އަހަންނަށް ދަސްވީ ބޭބެ އިނދެގެން އުޅޭ ދައްތަ އަހަރެންގެ ބޮޑުދައިތަ، އަޒީޒާ ބޭބެއަށް ގޮވާލާފައި ބުނާ އެއްޗަކުންނެވެ. ހަމަ ކޮންމެ ދުވަހަކު ގޮވާލާނެ އެވެ. ބުނާނެ އެވެ: "ދޮން މުހައްމަދާ އެވެ. އާދަނު އޭނީ ފޫހިވެފައެވެ. ގޮވައިގެން އައްޕަ ސަލީމް ހޮޓަލަށް ދޭބާލާ" ށެވެ.

ފަހުން އައްޕަ ސަލީމް ހޮޓަލަށް ދަނީ އަހަރެން އެކަންޏެވެ. ނޮވެމްބަރު 3 އައި އިރުވެސް އައްޕަ ސަލީމް ހޮޓާ ހުރެ އެވެ. ހޫނު ބޮޑު ދެ ގުޅަޔާއި ފެނު ކެއްކި ބިހަކާ މާޅޮސްކެޔޮ ވަކެއްވަރުގެ ފޮނި ދެ ފޮޅި ދިރުވާލައި ބޯތައްޓެހާ ބޮޑު މުށި ތައްޓެއްގެ ފޮނި ކަޅުސައިތައްޓެއް ދަމާލައިގެން ހަތަރު ރުފިޔާ އާއި ހަތަރު އަނާއެއް ދިނީމާ ލޯ އަޅާލާފައި ދޫކޮށްލަ އެވެ. ލޯއަޅައިލަނީ ހަތަރުއަނާއެއް މަދުވެގެނެވެ. ސޭޓަކަށް އިނދެފައި އަހަންނަށް ލޯ އަޅައިލަނީ އައްޕަ ސަލީމެވެ. އޭނާ އަހަރެން ދޫކޮށްލަނީ ދޮންމުހައްމަދު ގެއަށް ފައިބާ ހުންނަ ގޮލައަކަށްވާތީ އެވެ. ވަރުގަދަ އަޑެއް އޮންނަ ކައުންޓަރު މަތީގައި ފަންސުރުބުރިން ހިސާބު ހަދާން މޮޅު މީހެކެވެ. އެއީ އައްޕަ ސަލީމެވެ. ނުދެކޭތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެ އެވެ.

"ފަސް ރުފިޔާ އެއް ފަހަރު! ފަސް ރުފިޔާ ދެފަހަރު! ފަސް ތިންފަހަރު! ފަސް ރުފިޔާ އަށް ލަކުޑީ މޭޒު އައްޕަ ސަލީމަށް ވިކިއްޖެ!" އެންމަ ފަހުން އަހަރެން އައްޕަ ސަލީމް ދުށީ ބާޒާރު ނީލަމެއްގެ ތެރެއިންނެވެ.

އިސްކޫލަށް ދެވެން ފެށުމާއެކު ބޯޅައިގެ ފޯރި ގަދަވެއްޖެ އެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑަށް ވެސް ދެވެން ފައިފި އެވެ. އަހަރެން ސަޕޯޓް ކުރަނީ އަބަދުވެސް ނިއުއަށެވެ. އަހަރެން ޖަހަނީވެސް ބޯޅަ ލަވައެވެ. އެންމެ ގިނައިން ޖަހާ ލަވައަކީ:

ކުޑަ މޫސަ ބުނާހެން ހީވެޔޭ ފުޓްޅަ ތިމާމެން ފެން ފަދައޭ!
އެންމެ މޮޅު މީހަކީ ހަމަ ކަލީމޭ ދަންނަ އެންމެން ބުނާތީ އެހީމޭ!
ފެންނަ ފެނުމަށް މޮޅީ ހަމަ އެޓީމޭ ރަށު ތެރޭގައި ކިޔާ އަޑުއެހީމޭ!
ހަމަ ގައިމު އެއީ މޮޅު ކެޕްޓަނެކޭ، ފުޓްބޯޅަ ތިމާމެން ފެން ފަދައޭ!

ފުޓްބޯޅައި ފޯރި ގަދައިރު ވެލެންސިޔާ ނިއު ބައްދަލު ކުރާ މެޗްތަކުގައި އަހަރެން ހާސްކުރުވާ ދެ ކުޅުންތެރިޔަކު ވެލެންސިޔާއަށް ކުޅެ އެވެ. އެއީ ކިޔަވާ ސަލީމާއި މެޓާ ސަލީމެވެ. ކަލީމް ކުޅުން ހަލާކުކޮށްލާ ވަރުގަދަ ޓެކްލިން އެކްސްޕާޓަކީ ކިޔަވާ ސަލީމެވެ. ވަރަށް ފޫހިވެ އެވެ.

ލެއްބެ އާއި ކަލީމާއި ކެންޓޭ ގުޅިގެން އުފައްދާ ޕާސްތަކާއި ހުރަސްތަކަށް އަރައި ކުޑަ މޫސަ މޮޅަށް ބާރަށް ފޮނުވާލާ ބޯޅަތައް ބޭކާރު ކޮށްލަނީ ވެލެންސިޔާގެ ކީޕަރު މެޓާ ސަލީމެވެ. ކިޔަވާ ސަލީމާއި މެޓާ ސަލީމާ ދެމީހުން ދެކެ އަހަރެން ވަރަށް ފޫހިވެ އެވެ. އެކަމަކު މެޓާ ސަލީމަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން ގާތް ރަހުމަތްތެރިއެކެވެ. މިހާރުވެސް އަހަރެން ފެނުނީމާ މަޑު ނުކޮށެއް ނުދެ އެވެ. މެޓާ ސަލީމް ދިން ގަމީހެއް ވެސް މަގޭ ފޮށީގައި އެބައޮތެވެ. ކިޔަވާ ސަލީމް ވެސް އަހަރެން ދަންނާނެ އެވެ. އެކަމަކު އެއީ ގާތް ކަމެއް އުފެއްދުނު ނަމަކަށް ނުވި އެވެ. ފާޑެއްގެ ސަަބަބެއް ވެސް އޮތީ އެވެ. މި ސަބަބުން އެންމެ ރަނގަޅަށް އެނގޭނީ ވެލެންސިޔާގެ ގޯލަށް ކުޅުނު ކީޕަރު ހަބީބަށެވެ.

ސްކޫލްގެ ފުރަތަމަ އަހަރަށްފަހު ބޮޑު ޗުއްޓީއަށް ރަށަށް ދާންވެގެން އަހަރެން ބަލައި ބައްޕަ މާލެ އަތުވެއްޖެ އެވެ. އެފަހަރު އަހަރެން ގޮވައިގެން ބައްޕަގެ ރައްޓެހި ގެއަކަށްދިޔަ އެވެ. އެއީ ހެންވޭރުގައި ހުންނަ ގެއެކެވެ. އޭގައި އުޅޭ ދައްތަގެ ފިރިމީހާއަށް ކިޔަނީ ތިނަދޫ ސަލީމެވެ. ވަރަށް މަޝްހޫރު މީހެކެވެ. ވަރަށް ބޮޑެތި ސިޔާސީ މަޖާ ވާހަކަ ދައްކާ މީހެކެވެ. މިހާރު ވެސް ތިނަދޫ ސަލީމްގެ ނަން މަޝްހޫރެވެ. އެކަމަކު އަހަންނަކަށް ތިނަދޫ ސަލީމް ވީތަނެއް ބުނެދޭކަށް ނޭނގެ އެވެ.

އެ ދުވަސްވަރު ބައްޕަގެ ވަރަށް ގާތް ރިސޯޓް އޯނަރެއް ވެސް ހުރެއެވެ. އެއީ ޖީޓީ މަނިކެވެ. އޭނާގެ ވެލައްސަރު ރިސޯޓަށް އަހަރެން ދިޔައިމެވެ. ޖީޓީ މަނިކުގެ މުއްސަނދިކަން ހުރިވަރު ފެނިފައި އަހަރެންގެ އަނގައިން ސޮނި ވެއްޓުނެވެ. ކުރި މަތީގައި ދިއްލާ އަޅާފައި އޮންނަ ބޮޑު ބިޔަ މަސް ފެންގަނޑެކެވެ. މިޔަރާއި ނަރު ނަގޫ މަޑިއާއި ހަނދި ބައިގަނޑުގަނޑާއި އެނޫން ވެސް ފަރުމަހުގެ ބާވަތްތަކާއި ޒާތްޒާތުގެ އިހި އެ ފެންފަނޑުގެ ތެރޭގައި ދުވެ ނަގާއިރު އޭނާގެ އަމުރު އަންނަނީ ކުއްލިއަކަށެވެ. ވިދާޅުވަނީ "އަހަރެން ބޭނުމީ އޭނދަ މަހޭ" އެވެ.

ދުލުން ހަމަ ބޭރުވުމާއެކު މުނުމަތީ އަޅައިގެން ޖަނގިޔާކޮޅުގައި ފުންމާލާ ދެމީހަކު ވެގެން އެބުނާ މަހެއް އަތުލައިގެނެ ދަގަނޑު ހަރާލައިގެން ޖީޓީ މަނިކަށް ބާބެކިޔޫ ހަދައިދެ އެވެ. އެހެން ނެގި މުޑަހަންޖެއްގެ ޅިޔައެއް ކެއުމުގެ ޝަރަފު އަހަންނަށް ލިބުނުނެވެ.

އިއްތިފާގު އައި ގޮތުން ޖީޓީ މަނިކު އަވަހާރަވުމުގެ ކުރިން އެންމެ ފަހުން ކައިވެނި ބައްލަވައިގަތީ އަަހަރެންގެ އާއިލާއިން ޒުލޭހާ ކިޔާ ބޭފުޅަކާ އެވެ. އެ ކައިވެންޏާއެކު ބޭއްވި ކުޑަ ހަފުލާއެއްގެ ތެރެއިން ޖީޓީ މަނިކުގެ ހާއްސަ ރައްޓެއްސަކާ ބައްދަލުވި އެވެ. އެއީ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. ނަމަކީ މަސްއޮޑި ސަލީމެވެ. ވަރަށް މަޑުމައިތިރި ވަރަށް ރީއްޗަށް ހެދުން ތުރު ކުރައްވައިގެން ހުންނަވާ ބޭފުޅެކެވެ. މުޅީންމެ ދައްކަވަނީ ވިޔަފާރީގެ ވާހަކަ އެވެ. ފަހުން ކަނދޮޅުދޫ ވަހީދުއާއެކު އަޅުގަނޑު ކުރި ދަތުރެއްގެ ތެރެއިން ވެސް މަސްއޮޑި ސަލީމާ ބައްދަލުވި އެވެ. އެ ދުވަހުވެސް ތަފާތެއް ނުފެނުނެވެ. ފައްކާ މީހެކެވެ. ހަނދާނުން ފިލައި ނުދާނެ ނަމެކެވެ.

އިސްކޫލްގެ ފުރަތަމަ އަހަރާއި ދެވަނަ އަހަރުވެސް ކިލާހުން އެއްވަނަ ދަމައިގަތީމެވެ. އެހެންވެ މާލޭގައި އުޅޭ ބޮޑުބޭބެއަކު އިނދެގެން އުޅޭ މާލޭގެ ދައްތައެއް އަހަންނަށް ބައިސްކަލެއް ގެނެދީފި އެވެ. މިހާރު ފައިބައި ހުސްވަމުން މިދާ ބުޅި ރޯނު، އިސްތަށިގަނޑު އޭރު ވަރުގަދަ އެވެ. ބިޔަ ހަތާގަނޑެއްހެން ފުއްޕާލާފައި ބޯމަތީ އޮންނަ މި ކުޑަކުޑަ "މުންޑޫ" އެއަށް ބޮޑު ރެލީ ބައިސްކަލްގެ ހުރަސް ދަގަނޑު މައްޗަށް އަރައި އޮވެގެން ތަޅުވަމުން އަނބުރަމުން ނެއްޓެމުން ވެއްޓެމުން ދުއްވާ މަންޒަރާ ލައިގަންނަ މަންޒަރާއި މަޑިމަތީފައި "މަކުނެއް" ހެން އަރާ އިންނަ އިރު ޖަހާ ސިފަ ހިތަށް އަރަނީ މިހާރު އެވެ. އެ ފޮޓޯތައް އެއް ހާލިން އަނެއް ހާޔަށް ބަދަލުވަމުން ގޮސް ވީތަނެއް ނޭނގެ އެވެ. ހުރިނަމަ ހީނހީނ އަވަދިވާރުގެ ފައްކާ ފޮޓޯ ހުންނާނެ އެވެ.

އެ ބައިސްކަލް ގަތީ އިންޑީއާ އެމްޕޯރިއަމުންގައި އުޅޭ މީހެއްގެ އަތުންނެވެ. ފިހާރައަކުން ނޫނެވެ. ގަންނަން ދިޔައީ ސިފައިންގޭގައި އުޅޭ ސަލީމްބެ ކިޔާ މީހެކެވެ. އޭނާ މަޝްހޫރުވެފައި އޮންނަނީ ބޮޑީގާޑް ސަލީމްގެ ގޮތުގަ އެވެ. މިހާރުވެސް އެބައުުޅުއްވައެވެ. ނަލަ މީހެކެވެ.

އަހަރެންގެ ބައިސްކަލުން ވައި ނުދާ ދުވަހެއް ހަންފަޅައިގެން ނުދާ ހަފުތާއެއް މަދުވާނެ އެވެ. އެވަރަށް ދުއްވާ މާލެ ކުޑަ ކުރަމެވެ. ވައި ދިޔައިމާވެސް ހަންފަޅައިގެން ދިޔާއިމާ ވެސް އަހަރެންގެ ރީނދޫ ކުލައިގެ ގަންބޫޓަށް އަރައިގެން ކަށިމަތީ ފެނުގެ ތެރޭގައި އިހު ރެލީގެ އެއޮއް ބޮޑު ގޮލާ ދަމާފައި ދަނީ ސަލީމް ގަރާޖަށެވެ. ގަރާޖް ސަލީމަކީ ބައިސްކަލް ހަން ބައްދަން އެއްވަނަ އެވެ. ކޮންމެ ދުވަހަކު ގަރާޖް ސަލީމް ހަން ބައްދައި ޕެޗް އަޅައިދީފައި ދޫކޮށްލަނީ "ދެން ފަޅައިގެނެއް ނުދާނެއޭ" ބުނެފައެވެ. ހަރާން ހަފުތާއެއް ނުވެ އެ ގޮލާ ބަޑި ޖަހަ އެވެ. އިންޓޯލް ފައިސާއިން އެއްލާރި ދެލާރިއަށް ހަދައިގެން އާ ހަމެއް ގަރާޖް ސަލީމް އަޅުވައިދޭއިރު ބާ ހަމުގައި ޕެޗްއަޅައިގެން ބައްދާ ބައްދާ އެ ހަން އޮންނަނީ ފުރޭންޏަކަށްވެ، ދެވަރުން އެއްވަރުވެފަ އެވެ.

މިހާރު ނޮވެމްބަރު ތިނެއް އައިސް ބަޑިތަޅައި މީހުން މަރާ އަވަދިވެއްޖެ އެވެ. އިންޑިޔާ ސިފައިން މާލެ ތެރޭގައި އުޅެ އެވެ. ގޭގެ ކުނިކޮތަޅު އުކައިލާން ދާންޖެހެނީ އަހަރެން ފަކީރެކެވެ. ކޮންމެ ރެއަކު ހިތަށް އަރަ އެވެ. ލޯހެން ގެންގުޅޭ އަހަރެންގެ ބައިސްކަލްގައި މީ ކޮންފަދަ ބޮޑު ބަލާވެރި ކަމެއްޔެވެ؟

އިންޑިޔާ ސިފައިންނަށް ގަންނާކުރައްވާ ބިރުން ކުނި އުކައިލާން އޮންނަ ތޮށިގަނޑާ ހަމައަށ ދާކަށް ނުކެރެއެވެ. ހަދާ ގޮތަކީ ދެކޮޅު ބަލާލާފައި އެތާނގައި ހުންނަ ފިހާރައެއްގެ އޮޅި މަތީގައި ކޮތަޅު ބަހައްފައި ބުޅި އިސްތަށިގަނޑު ހާވަމުން ހާވަމުން ގޮސް ބައިސްކަލަށް ރަނގަޅަށް ނާރާ ފައިން ޖަހަމުން ކިސަޑުގަނޑުތެރެއިން ދުއްވާލަނީ އެވެ. ކައްސާލައިގެން ލެޑިފައި ހުންނާނީ މަދެއްކޮށެއް ނޫނެވެ. މިހެން ހަދާތާ ވަރަށް ގިނަ ދުވަސްވީ ފަހުން އެއީ ފިހަރައިގެން މިހުން އަހަރެން އޮބައިގަނެ އޮބި އަޅައިފި އެވެ. އޭގެ ތެރެއިން މީހަކު އަތް ދަމާފައި ބޮލު ފުއްކިބައިގައި ޖެހިވެސް މެއެވެ. އޭނާ ވެސް އެނގެ އެވެ. އެހިސާބުން ކާކުގެ ކޮން ފިހާރައެއްކަން އެނގިއްޖެ އެވެ. އެއީ ކުރީގެ މިނިސްޓަރު އާދިލް ސަލީމްގެ ބައްޕަ ހަކަތަ ސަލީމްގެ ފިހާރަ އެވެ.

މި ކުނި ކޮތަޅެއްގެ މައްސަލާގައި ދަމާހަލާ ސިފައިންގެއަށް ގެންދަނީ އަނެއްކާވެސް އުންބޭ ސަލީމެވެ. މިފަހަރު ވެސް ވީހަމަ އެވަރެވެ. ފާޑަކަށް ރޫރޫ އަޅައިގެންފައި ފަޓްލޫނު ތެމުނީ އެވެ. އޭރު މުންޑުވެސް ލައި އުޅެމެވެ. އެކަމަކު މުންޑު ހަޑިވެގެން ލާން ލަދުގަނެއްޖެ އެވެ. މި މައްސަލާގައި ހަފުތާއަކަށް ގޭބަންދު ކުރި އެވެ. އެއި ކޮން ގާނޫނަކުން ކިހިނެއް އައި ހުކުމެއްކަމެއް އެނގޭ މީހަކު މި އުޑުދަށަކު ނެތެވެ.

ނަވަރާސަތޭކެ ނުވަދިހައިގެ ތެރޭގައި މާމަ މާލެ އަތުވެއްޖެ އެވެ. މާމަ ހުންނަނީ އެހެން ގެއެއްގަ އެވެ. ހުކުރު ދުވަހު އެއްކަލަ ގަންބޫޓަށް އަރައިގެން ފެނު ހިނގާފައި ނައްޓާލަނީ މާމަ އިންނަ ގެއަށެވެ. އަސްލު ދަނީ މާމަކައިރިއަށްވުރެ ބޮޑަށް އެގޭގެ ކައިރީ ހުންނަ އެހެން ގެއެއްގެ އަނބުގަހަށް ގާ އުކައިގެން އަނބު ބިންނާށެވެ.

މާމަ އިންނަނީ ފޮރި ސަލީމްގެ ގޭގައެވެ. ފޮރި ސަލީމަކީ މަންމަ ފަރާތު މާމައާ ކާފަގެ މާ ގާތް މީހެކެވެ. އެހެން ސަލީމްތައްހާ މަޝްހޫރު ނޫނަސް ފޮރި ސަލީމަކީ މަޝްހޫރުކަން ކުޑަ ސަލީމެއް ނޫނެވެ. ފޮރި ސަލީމާއި މާމަ އާއި ކާފަގެ ވާހަކަ ވަރަށް އޮލަވާނެ އެވެ. އެމީހުންގެ ވާހަކައިން ސިނކުނޑީގައި ކަނޑައި ނެގިފައި އިންނަ ވާހަކައެއް ބުނެދީފާނަމެވެ.

"ދަރީން މުޖުތަމައަށް ދޫކޮށްލާންވާނީ ފިސާރި ދަރިންނަށް ހަދާފައެވެ!" އަހަރެން މިހާރު ތިން ކުދީން ތިބެ އެވެ. އެކުދިން "ފިސާރީ ދަރީންނަށް" ހެދޭތޯ އަހަރެން ވަރަށް އުޅެމެވެ. އެކަންވާނެ އެވެ. އެ ތިން ގޮލައިން މިހާރު ވެސް މިތިބީ އައްޓަމަހެއްހެން ބުރަކަށީގައި ތަތްވެފަ އެވެ.

މާމަ މަރުވުމުގެ ކުރިން މާލެ ފޭބި އެއް ދަތުރަކީ ދަތް ޖަހަން ކުރި ދަތުރެކެވެ. މާމަ ގޮވައިގެން އަހަރެމެން ދިޔައީ ދަތްޖަހާ ސަލީމް ގާތަށެވެ. މިހާރުވެސް ހަނދާ އެބަހުއްޓެެ. ދައްޖަހާ ސަލީމް މާމަ ކުރެން އެއްސެވެ. ތި އުމުރުގައި ދައްތަ ބަލަހައްޓަނީ ކާކު ހެއްޔެވެ؟ މާމަ އަހަރެމެން އެންމެން ދައްކާފައި ބުންޏެވެ. "މިތިބަހާ ނޯޖަވާނުން އެތިބީ މަގޭ ހިދުމަތުގަ" އެވެ. މާމަގެ އެ ވާހަކައިން ދަތްޖަހާ ސަލީމް ހީނލުމުން އޭނާގެ ހުރިހާ ދަތެއް ބޭރަށް ފެންނަވަރުވި އެވެ.

ސްކޫލްގައި ޅެން ހަދާން ޖެހުނު ދުވަހަކީ ކަޑަވި ދުވަހެކެވެ. ސަބަބަކީ އަހަންނަށް ނޭނގުނު އެކަމަކު އަދިވެސް އެންމެ އެނގެން ބޭނުވާ ކަމަކީ ޅެން ހެދުމެވެ. ހަމަ ހިލާ އެ ދުވަހު އެކަމެއް ނުވި އެވެ. އެންމެ ފަހުން ބަލާލާފައި ކޮޕީ ކޮށްލީ އެވެ. ކޮޕީކޮށްލި ފޮތް ހޯދީ މިހާރު އިކްނޮމިކް މިނިސްޓަރަކަށް އެހުންނެވި މުހައްމަދު ސައީދުގެ އަތްޕުޅުންނެވެ. އޭރު ސައީދު އަޅުގަނޑަށް ކިޔާނީ "މުންޑޭ" އެވެ. އަހަރެމެން ތެރޭގައި ސައީދަށް ކިޔަނީ " ލަޔަނޯ" އެވެ. -- މިނިސްޓަރު، ވަރަށް ބޮޑަށް މާފް

އަހަރެން ކޮޕީ ކުރި ޅެމަކީ މަޝްހޫރު ޅެންވެރިއެއްގެ ޅެމެކެވެ. ހޯރަފުށީ ސަލީމްބެގެ ޅެމެކެވެ.

ކާޅު އުޅުނޭ މާކުރީގެ ޒަމާނުގައި!
ފާޅުގައި އުދުހެން ޕަރީގެ މިސާލުގައި!

ދިވެހި މުއްދައްރިސް އަހަރެން އަތުލައިގެނެ ގެޔަށް ފޮނުވާލީ އެވެ. ދުވަހަކުވެސް ސަލީމްބެއަކަށް ނުވެވޭނެއޭ ވެސް ބުންޏެވެ.

އިސްކޫލް ވެސް ނިމުނީ އެވެ. އަހަރެން ވެސް ބޮޑުވެއްޖެ އެވެ. މީހުނާވެސް ހިތާވާން ފަށައިފީމެވެ. މާލޭގައި ލާޗާރު ބިޗާރަށް އެތަން މިތަނުގައި ތެޅިބާލައި އެންމެ ފަހުން ރިސޯޓަކަށް ވެސް ހިނގައްޖައިމެވެ. ބަނޑޮހަށެވެ. މަގޭ ދެވަނަ ގެއެވެ. އެތާނގައި އުޅުނު އިރު ފޯނުތައް ހަލާކުވީމާ ފޯނު ހަދަން އަންނަނީ ފޯނު ސަލީމެވެ. ސިއްކަ ވަހީދު ބުނީމާ އެ ސަލީމަށް ގުޅަނީ ވެސް އަހަރެންނެވެ. އެއީ މާ ގަދަ މީހެކެވެ. އެއް ގޮތް ނުވެފައި ހުންނަ ފޯނު ވެސް އޭނާ އެ ރަށަށް އަރާތާ އިރުކޮޅެއް ނުވެ "ރީން ރީން" ލައްވައިގަނެ ހޭރޭން ފަށައިފާނެ އެވެ. އެތާނގައި އުޅެނިކޮށް އެވީ ގޮތެއްވެ ސިއްރު ނޫސްވެރިޔަކަށްވެއްޖެ އެވެ. ބަނޑޮހުގައި ހުރެގެން ލިޔާ މީހަކީ "މުންޑޫ އާދަމް ހަލީމް" ކަން އަތުލައިގަތް މީހުންގެ ތެރޭގައި ކުޑަބަންދު ސަލީމް (ކުޑަބަންދޭ) ހިމެނެ އެވެ. މި ސަލީމެއްގެ ބލ ވަރަށް ބޮޑަށް އަހަންނަށް ޖެހުނެވެ.

ދެން ފެށުނީ އަހަރެންގެ އާފަތިހެވެ. ފުރަތަމަ އަހަރެން ލިޔާން ފެށި އިރު ހިތަށް އަރަ އެވެ. ހަވީރުގައި އެ އުޅޭ ހޯރަފުށީ ސަލީމް ލިޔާ ކަަހަލަ ހަބަރު ލިޔެވޭނެ ނަމަ އެވެ. އެއީ ވަރުގަދަ ސުރުހީތައް ހޯދި އޭރު މަޝްހޫރު ނޫސްވެރިޔެކެވެ. އޭނާގެ ސުރުހީތަކުގެ ތެރެއިން ދުވަހަކު ހަނދާނުން ނުފިލާ ސުރުހީއެއް އޮވެ އެވެ. އެއީ "ޔޭ އަދާލަތު އިސްނަތީޖޭޕަރް ޕޮހޮނޗީހޭ!" އެވެ. އޭގައި އެ ބުނާ އެއްޗެއް އަހަންނަކަށް ހަމަގައިމުވެސް ނޭނގެ އެވެ. އެކަމަކު ހިތަކުން ނުމެފިލައިދިޔަ އެވެ. މި ވާހަކައިން އެންމެ ހިނި އަންނާނީ ޑރ. އަލީ ރަފީގާއި ޝަހީބާއި މޫސަ އާއި ސަލީމެވެ.

ދެން ރަނގަޅަށް ނޫސްވެރިކަން ފަށައިގަތީ އެވެ. އެންމެ ގިނައިން އިންޓަވިއު ކުރަންޖެހުނު އެއް ބޭފުޅަކީ ބަންދު އިބްރާހިމް ސަލީމެވެ. (ބޮޑު ބަންދޭ) އެވެ. ވަރުގަދަ ބޭފުޅެކެވެ. މޯރަލީ ގޮތުން މީހަކު ބަދަލުކޮށްލަން އެވަރުގެ ޝަހުސިއްޔަތެއް އަހަރެން ހަޔާތުގައި ނުދެކެމެވެ. އަޖައިބެއް ކަހަލަ ކަރެސްމެޓިކް ބޭފުޅެކެވެ.

އެ ދުވަސްވަރު އާންމު އިންތިހާބުތައް އައުމާއެކު އަހަރެން އަޅައިގަންނަ ފޮޓޯގަނޑެއް ޗާޕްޖައިގެން ފާރުތަކުގައި ހިއްޕާފައި ހުއްޓާ ދެކެމެވެ. ނަމެއް ނޯވެ އެވެ. އޮންނަނީ ހަމައެކެނި މިހެނެވެ. "މިފަހަރު ވެސް ދޯޅަނބު" މިހެނެވެ.

ގައިމު އެ ބޭފުޅަކު މަޝްހޫރީތާ އެވެ. "މިފަހަރުވެސް ދޯޅަނބު" އޭ ބުނުމުން އެންމެނަށް އެނގޭނީ ސަބަބެއް އޮވެގެނެވެ. އެއީ ދޯޅަނބު ސަލީމެވެ. ވަރަށް މަޝްހޫރު އެހާ ސްމާޓް ވިޔަފާރިވެރިއެކެވެ. މިހާރު އަހަރެންގެ ވަރަށް ގާތް "ސަލީމްބެ" އެކެވެ. އޭނާއާއެކު ސައި މޭޒް ތަކުގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން އެހެން ސަލީމެއް ވެސް ދަސްވެއްޖެ އެވެ. އެއީ ޖަނބްރޯލް ސަލީމެވެ. ވަރަށް ގިނަ މީހުންނަށް ޖަނބުރޯލް ސަލީމް އެނގެ އެވެ. ވަރަށް މަގުބޫލެވެ. އެކަމަކު ދުވަހަކުވެސް ނުއެއް ދެކެމެވެ.

ބައްޕައާއެކު އެއް ދުވަހަކު މިނިސްޓަރު އަބްދުﷲ ހަމީދާ ބައްދަލުވާން އެޓޯލްސް މިނިސްޓްރީއަށް ދިޔައިމެވެ. އެ ނޫނަސް ވަރަށް ގިނައިން ދަމެވެ. ބައްޕަ އެދިވަޑައިގެންނެވި ކަންތައްތައް ކޮށްދެއްވާން ވެގެން ހަމީދު ގޮވާލެއްވީ ރެޑްވޭވް ސަލީމަށެވެ. ފިސާރިއަކު ދުލެއް އޮންނަ ވާހަކަ ގިނަ މައުލޫމާތު ވެސް މުއްސަނދި ބޭފުޅެކެވެ. ރެޑްވޭވް ސަލީމް ދަސްވި ފަހުން އެއީ ރެޑްވޭވް ފިހާރައިގެ ވެރިޔާކަން ވެސް އެނގުނެވެ. މިހާރު ދެން މަޖިލިސް މެންބަރަށްވެފައި ސިޔާސީ ގޮތުންނާއި ވިޔަފާރީގައި ބޮޑު ބޭފުޅަކަށް ވެވަޑައިގެންނެވުމުން މާ ބޮޑަށް ވެސް ފަރިތަ ނަމަކަށް އޮންނަނީ ވެފައެވެ. އެވެސް އަހަރެންގެ "ސަލީމްބެ" އެކެވެ.

ޒުވާން ދުވަސްވަރު އެންމެ ސަމާސާ ބޮޑުކޮށް ދިޔައީ ހަފުތާ ބަންދު ޝޯތައް ބަލަން ދިއުމުގަ އެވެ. ތަފާތު އިސްތަށިގަނޑު ލީ އަންހެން ކުދިންނާއެކު ގޮސް ކޯލާ ބޮއެ ނަށާއި އުޅުނު އަދަދު ގުނާކަށް ހަމަ ނޭނގެ އެވެ. އޭރު ވެސް މިހާރުވެސް ޑިސްކޯ ސަލީމްގެ ނެށުން ހަމަ ފައްކަލެވެ. އެ ސްޓެޕްތައް މަށަށް އަޅައިލެވޭނެ ނަމައޭ ހިތަށް އަރަ އެވެ. އެއީ ހަމަ ރަނގަޅަށް ވެސް ޑިސްކޯ ސަލީމެކެވެ.

ދެން ދާންޖެހުނީ ނޫސްވެރިއެއްގެ ގޮތުގައި ޝަހީބާ މޫސައާއެކު ދަނޑަށާއި ވޮލީ ކޯޓްތަކަށެވެ. ދަނޑާއި ކޯޓުން އަނެއްކާވެސް އާ ދެތިން ސަލީމެއް ފެނިއްޖެ އެވެ. މިފަހަރު ރެފްރީ ސަލީމާއި ކުނޑި ސަލީމެވެ. ދެން މާޒް ސަލީމެވެ. މީގެ ތެރެއިން ފުޓްބޯޅަ ރެފްރީ ސަލީމަކީ ރާއްޖޭގެ ތާރީހުގައި ނުފެދޭވަރުގެ މޮޅު ރެފްރީއެކެވެ. ވަރަށް ގާތް ރައްޓެއްސެކެވެ. މަޑުމައިތިރި ބޭފުޅެކެވެ.

އެފަހުން ދެން ދެވުނީ ވޮލީ ބަލާށެވެ. ވޮލީ ކޯޓުން ފެނުނީ ވާހަކަ ގިނަ ކުރުމުގެ ބަދަލުގައި "ތަށިން ޖަވާބުދޭ" ކޯޗެކެވެ. މަޝްހޫރު މާޒް ސަލީމެވެ. މިހާރު ސިޔާސީ ބޭފުޅެކެވެ. މުޒާހަރާ ކުރުމާއި ކަންކަން އިންތިޒާމްކޮށް ރޭވުމުގައި މާޒް ސަލީމް މަޝްހޫރެވެ. ދެން މިހާރު ސާފް ގޭމްސްގައި ވޮލީ ރެފްރީކަން ކުރާ ކުނޑި ސަލީމަކީ ވޮލީގައި އެއްވަނަ އެވެ. ފައްކާ ސަލީމެކެެވެ.

ދެން ވަދެވުނީ ޝަރުއީ ކޯޓަށެވެ. ހިރިގާ އެ ދިމާއަށް އަހަރަން ކޮއްޕާލީ އެވެ. އެތަނުން ދިމާވަނީ ގާނޫނީ ވަކީލް ރޭނީސް ސަލީމްއާ އެވެ. އެހާ ގަޔަކު ނުވި އެވެ. އެކަމަކު ނޫސްވެރިކަމުގެ ހަޔާތުގައި އެތައް ފަހަރަކު ބައްދަލުވާންޖެހުނު ވަރަށް އާދަޔާހިލާފު ސަލީމެކެވެ. ރޭނީޒް ސަލީމާ އަހަރެން ގަޔާ ނުވިޔަސް ސަލީމަށް އަހަރެން ވަރަށް ކަމުދާހެން ހީވެ އެވެ. -- ލޯލް

ޑރ. ސަލީމަކީ ވެސް އަހަރެން ހަޔާތުގައި މުހިންމު ނަމެކެވެ. އަދި މަޝްހޫރު ޑައިވަރު ބްލޭ ސަލީމްގެ ނަންވެސް އަހަރެން ޑައިރީގައި ކޮންމެވެސް ގަނޑެއްގައި އޮންނާނެ އެވެ. ހޭޔާންބޯ ހުށަހަޅައިދިން ކުޑަ ސަލީމް (ކުޑަ ސައްލޭ) އަކީ މުހިންމު އަދި މަޖާ، ތިމާވެށީގެ ސަލީމެކެވެ. ފަސޭހަ ދުލެއް އޮތް ސަލީމެކެވެ. މިހުރިހާ ސަލީމްތަކުގެ ތެރެއިން ވަރަށް ހާއްސަ ސަލީމެއް ވެސް އެބައޮތެވެ. އެއީ އެކުވެރިކަން ދެގޮތެއް ނުވާ، ހަޔާތުގައި އެތައް ކަމެއްގެ މައްޗަށް އެތައް އިބްރަތްތެރި ފިލާވަޅުތަކެއް ނަގައި ދެއްވި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ އަދި މިހާރު ޕާކިސްތާނުގެ ހައިކޮމިޝަނަރު، އަަހަރެން ވެސް އަދި އެހެން މީހުން ވެސް ދަންނަ ނަންރީތި ސަލީމެވެ.

ފޭސްބުކްގައި "ސަލީމް" ޖަހާފައި ހޯދައިލުމުން އެތަކެއް ބައިވަރު "ދިވެހި ސަލީމް" ދައްކާލަ އެވެ. ގާތްގަނޑަކަށް ހުރިހާ ސަލީމެއްގެ ކުރިޔަށް ވެސް ކޮންމެވެސް މަޖާ ނަމެއް އޮވެއެ އެވެ.

ވަރަށް މަޖާ އެހެން ވާހަކައެކެވެ. އަހަރެން ވެސް ހިމަނައިގެން އެއްބަނޑު އެއްބަފާ އަށް ކުދިން ތިބެ އެވެ. އޭގެ ތެރެއިން ތިން އަންހެން ކުދިންގެ ފަހަތަށް ބައްޕަ ކިޔާފައި އޮނަނީ "ސަލީމާ" އެވެ. އެކުދިން މިހާރު ނަންތައް ބަދަލުކޮށް ފުރޮޅައި ހަދައިގެން އެކަކަށް "ދޮނީ" އަނެކަކަށް "އައިޝާ" އަނެކަކަށް "ކުޑާ" ކިޔައިގެން އުޅުނަސް އެއީ "ސަލީމާ" އިންތަކެކެވެ. އަހަރެން މިހާރު ހިތަށް އަރައެވެ. އަަޅެ، ބައްޕަ އަހަރެންގެ ނަމަކަށް "އާދަމް ސަލީމް" ނުކީ ކީއްވެގެން ހެއްޔެވެ؟ އެހެންނާ ރާއްޖޭގެ އެންމެ ނަންރީތީ ސަލީމް ވިއްޔާ އެވެ.

ސްރީލަންކާގެ މި ރެސްޓޯރެންޓްގައި އިނދެ "ސަލީމް" އާ ބެހޭ ގޮތުން އަހަންނަށް ވިސްނުނު އެއްޗެއް އަހަރެންގެ ހަޔާތުގެ ދަތުރުގެ އެކި ހިސާބާ ގުޅުވާލައި މިލިޔެލީ އެވެ. މިތަނުން ބެޗުމުގެ ކުރިން ދުރުގައި އެކަނި މޭޒެއް ކައިރީ އައިސް ކިރިމި ބޯން އިން ދަތުރުކުރާ ސަލީމް ގާތުގައި ކޮންދުރެއްތޯ ސުވާލުކޮށްލީމެވެ. އޭނާ ބުނީ ބޭހަށްކުރި ދަތުރެކޭ އެވެ. ތެދެކެވެ. އޭނާ އުމުރުން މިހާރު ވަރަށް ދުވަސްވެދާނެ އެވެ. ބަަލާބެލުމަށް ވަރަށް ބަލިކަށިވެފައި ވަރުދެރަ ކަމަށް ވެސް ދައްކަ އެވެ. އާސަންދައިގެ އެހީގައި ކުރާ ބޭހުގެ ދަތުރު، ދަތުރު ކުރާސަލީމަށް މިހާރު މުހިންމުވާނެ އެވެ.