މީރާ

ނުދައްކާ ހުރި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ހޯދައިފި

ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން މިދިޔަ އަހަރު 2.42 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފި އެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން ޓެކްސް ނުދައްކާ ފަރާތްތަކަށް އެޅި ފިޔަވަޅުތަކާއެކު މިދިޔަ އަހަރު ހޯދި 2.42 ބިލިއަން ރުފިޔާ ހިމެނޭ ގޮތަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި މީރާއަށް ޖުމްލަ 13 ބިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކަށް މިދިޔަ އަހަރު 20،295 ނޯޓިސް ދީފައިވާއިރު ޓެކްސް ދެއްކުމުގެ ކުރިން ހުށަހަޅާ ބަޔާން ހުށަނާޅާތީ 31،577 ފަރާތަކަށް ވަނީ ނޯޓިސްދީފަ އެވެ.

ނޯޓިސްދީގެން 1.46 ބިލިއަން ރުފިޔާ ހޯދާފައިވާއިރު ޑިއުސް ކްލިއާކުރުމުގެ މަރުހަލާގައި 864 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.

ފައިސާ ދެއްކުމަށް ހަނދާންކޮށްދީގެން 94.3 މިލިއަން ރުފިޔާ ހޯދާފައިވާއިރު އެކައުންޓް ފްރީޒްކޮށްގެން 1.7 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.

މީގެ އިތުރުން ގާނޫނީ ފިޔަވަޅު އަޅައިގެން 1.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.