ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީންނެވެ.
އެމްޑީޕީން މިގޮތަށް ހުށަހެޅީ މަޖިލީހުން ބޮޑެތި މައްސަލަތަކެއް ނިންމަން ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް މިދިޔަ މަހުގެ 22 ވަނަ ދުވަހު ޗުއްޓީއަށް ގޮސްފައި ވަނިކޮށެވެ.
ދައުރުން ބޭރުގައި ޖަލްސާ ބާއްވައިދިނުމަށް އެދި އެމްޑީޕީގެ 29 މެންބަރުން ސޮއިކޮށް ހުށަހެޅީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސޮއިކޮށް ހުށަހަޅައިފިނަމަ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ. 14 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް
- މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
- މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ
- ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ
- ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
- މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް
- މަޖިލީހަށް ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް
- ޖޭއެސްސީ އަލުން އެކުލަވާލުމުގެ ބިލް
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މެއި 18 ވަނަ ދުވަހު އެވެ. ދެވަނަ ދައުރުގައި 14 ޖަލްސާއެއް ބާއްވާފައިވެ އެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ އޮގަސްޓް 16 ވަނަ ދުވަހު އެވެ.