މުހައްމަދު އަސްލަމް

މަޖިލީހުގެ ގަވާއިދު ނަހަމަ ގޮތުގައި ދަނީ ބޭނުން ކުރަމުން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށް ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާ ފެށުމަށްފަހު އެއްވެސް ކަމެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލާފައިވާއިރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ރިޔާސަތުން މަޖިލީހުގެ ގަވާއިދު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށާއި އެކަމަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅުމުން އެއީ މަޖިލީހުގެ ގަވާއިދު ޖާގަދޭ ކަމެއް ނޫން ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވަމުންދާއިރު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމަކީ މަޖިލީހުގެ ގަވާއިދުން ޖާގަދޭ ކަމެއް ކަމަށެވެ.

ގަވާއިދު ޖާގަނުދޭ ކަމެއްނަމަ އެއް މައްސަލަ އަނބުރާ ނަގާނެ ކަމަށާއި ދެ މައްސަލަ ހުށަނާޅާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ އެއް މައްސަލަ ނެގުމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާއިރު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް ވަކި ފަރާތަކަށް ނުޖެހި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކަމަށް ބުނެ މަޖިލީހުގެ ގަވާއިދުން ބޭރުން ކަންކަން ކުރާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ މަޖިލީހުގެ ގަވާއިދު ހިންގަވައިދެއްވުމަށް އަސްލަމް ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފަ އެވެ.

"މަޖިލީހުގެ ގަވާއިދު ހިންގަވައިދެއްވާށޭ މަޖިލީހުގެ ގަވާއިދު ހިންގަވަން އުޒުރުވެރިވެވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާށޭ،" އަސްލަމް ގޮވާލެއްވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ތެރެއިން ހައްލު ނުހޯދިއްޖެ ނަމަ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިގެން ނަމަވެސް ހައްލު ހޯއްދަވާނެ ކަމަށެވެ.