ގައުމީ ދާރުލް އާސާރު

ދާރުލްއާސާރުގައި ދިދަ ތިރިކުރަން އުޅުނު މީހާއަށް ބޮޑު އަނިޔާއެއް

ގައުމީ ދާރުލްއާސާރުގައި ނަގާފައިވާ ގައުމީ ދިދަ ތިރިކުރަން އުޅުނު ބިދޭސީއަކަށް ބޮޑު އަނިޔާއެއް ލިބި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ ބިދޭސީ ފިރިހެނަކަށް ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ގައުމީ ދާރުލްއާސާރުގައި ނަގާފައިވާ ދިދަ އިއްޔެ އިރުއޮއްސި 6:00 ޖެހުމާ އެކު ގޮނޑިއަކަށް އަރައިގެން ތިރިކުރަން އުޅުމުގެ ތެރޭގައި ވެއްޓި ޒަހަމް ވެގެން ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ބައެއް މީހުންގެ ފަރާތުން އަވަސްއަށް އެނގިފައިވާ ގޮތުގައި އެމީހާ ގޮނޑިން ވެއްޓި ހޮޅި ދަނޑީގައި ވާގަނޑު އައްސަން ހަދާފައިވާ ދަނގަޑުގަނޑަށް އެމީހާގެ ކަރު ވަނީ ހެރިފަ އެވެ. އަދި އަމިއްލައަށް ތެދުވެގެން ދަނިކޮށް އެމީހާ ހޭނެތިގެން ވެއްޓުނީ ކަމަށްވެސް އެނގިފައިވެ އެވެ.

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.