ހޮލީވުޑް

"ހީރޯސް" އަނެއްކާވެސް ޓީވީ ސްކްރީނަށް!

އެންބީސީން 2006 ވަނަ އަހަރު ބްރޯޑްކާސްޓް ކުރަންފެށި ޓީވީޝޯ "ހީރޯސް" އަކީ އެތައް ބައެއްގެ މަގްބޫލުކަން ހޯދި ޝޯއެކެވެ. އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ އިންސާނުންތަކެއް ދައްކުވައިދީފައިވާ މިޝޯގެ ހަތަރު ވަނަ ސީޒަނާއި އެކު ބެލުންތެރިންގެ ލޯމަތިން ގެއްލިގެންދިޔައީ ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ފެންމަތިކުރުވާފައެވެ.

އެސުވާލުތަކުގެ ޖަވާބުލިބުމާމެދު ނާއުންމީދުވެ ފާއިތުވި ހަތަރު އަހަރު މި ޝޯގެ އެޕިސޯޑްތައް ރިޕީޓްކޮށް ބަލާލި ޝޯގެ އެތައް ފޭނުންނެއް އެބަތިއްބެވެ. ނަމަވެސް މިހާރު މި ވަނީ ހީރޯސް ފޭނުންގެ ނާއުންމީދުވެފައިވާ ހިތްތަކަށް އާ ދިރުމެއްލިބިފައެވެ. އެން ބީސީންވަނީ "ހީރޯސް ރީބޯން" ގެ ނަމުގައި 13 އެޕިސޯޑްގެ ޝޯއެއް މި އަހަރު ތެރޭގައި ބޭލުންތެރިންނާ ހަމައަށް ގެނެސްދޭނެކަމަށް އިޢުލާންކޮށްފައެވެ.

"ހީރޯސް" އިން ގިނަބައެއްގެ މަގްބޫލުކަން ހޯދި ޖެކް ކޯލްމަން "ހީރޯސް ރީބޯން" އާ އެކު ބެލުންތެރިންނާ ބައްދަލުކުރާނެކަން އިޢުލާން ކޮށްފައިވާއިރު "ޗަކް" ސީރީސްގެ ތަރި ޒެކަރީ ލީވައިވެސް މިފަހަރު ހީރޯއެއްގެ ގޮތުގައި ފެނިގެންދާނެކަމަށްވަނީ އެއްބަސްވެފައެވެ. ޒެކަރީ ބުނެފައިވާ ގޮތުގައި ހީރޯސްއަކީ އެޝޯ ފެށުނީއްސުރެ އޭނާ ވަރަށް ބައިވެރިވާހިތުން ހުރި ޝޯއެއްކަމަށެވެ.

"ހީރޯސް" ގެ އެންމެ އިސްތަރިން މި ޝޯގެ ލީޑުން ނުފެނުނުނަމަވެސް އެކި އެޕިސޯޑްތަކުން އެކި ކެރެކްޓާތައް ދައްކުވައިދޭން މަސައްކަތް ކުރާނެކަމަށް ޝޯގެ އުފެއްދުންތެރިން ވަނީ ބުނެފައެވެ. އަދި ސީޒަން ހަތަރެއް ނިމުނުއިރު ބެލުންތެރިންނަށް ޖަވާބު ނުލިބިހުރި ގިނަ ސުވާލުތަކަކަށް މި 13 އެޕިސޯޑުން ޖަވާބު ލިބިގެންދާނެކަމަށްވެއެވެ.

ކާމިޔާބީއާއެކު ނިންމާލާފައިވާ ސީރީސްތަކުގެ މުޅިން އާ ސީޒަންތައް ބެލުންތެރިންނަށް ގެނެސްދޭންފަށާފައިވަނީ ކާމިޔާބު ސިލްސިލާ "ޓްވެންޓީ ފޯ" ގެ އާ ސީޒަނަކާއި އެކުއެވެ.