އައިޖީއެމްއެޗް

އައިޖީއެމްއެޗަށް 22 ޑޮކްޓަރުންނާއި 24 ނަރުހުން ހޯދަނީ

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ހޯދަނީ 22 ޑޮކްޓަރުންނާއި 24 ނަރުހުންނެވެ.

މިއިއުލާނާ ގުޅިގެން ވަޒީފާއަށް ހޮވޭ ޑޮކްޓަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 18،129 ރުފިޔާ އަދި ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 11،428 ރުފިޔާ ލިބެ އެވެ.

މީގެ އިތުރުން ކޮންމެ ދާއިމީ ޑޮކްޓަރަކާއި ނަރުހަކަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮންނަ މަގާމުގެ އެލެވެންސާއި ހާޒިރީގެ އިނާޔަތް ވެސް ލިބޭނެ އެވެ. މިގޮތުން ޑޮކްޓަރުންނަން މަގާމުގެ އެލެވެންސުގެ ގޮތުގައި 10،382 ރުފިޔާ އަދި ހާޒިރީގެ އެލެވެންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 281 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. ދާއިމީ ނަރުހުންނަށް މަގާމުގެ އެލެވެންސްގެ ގޮތުގައި 5،333 ރުފިޔާ އަދި ހާޒިރީ އެލެވެންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 144 ރުފިޔާ ދިނުމަށްވެސް ހަމަޖައްސާފައިވެ އެވެ.

ވަޒީފާއަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއާއި ގާބިލްކަމަށް ބެލުމަށްފަހު އެވެ. މި މަގާމުތަކަށް ޝަރުތު ހަމަވާ މީހުން މަގާމަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.