އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބު ކަވަރުކުރަން ތަމްރީން ހަދާކަށް ނުޖެހޭ

ރިޔާސީ އިންތިހާބު ކަވަރުކުރަން ތަމްރީން ހަދަން ނުޖެހޭ ގޮތް ހަދައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން އެކުލަވާލި އުސޫލެއްގައިވާ ގޮތުން ރިޔާސީ އިންތިހާބު ކަވަރު ކުރާ ނޫސްވެރިން ކަމާ ގުޅޭ ހާއްސަ ތަމްރީނެއް ހަދަންޖެހެ އެވެ. ނަމަވެސް އީސީއަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މިހާރު ވަނީ އެކަން އިސްލާހުކޮށް ތަމްރީން ފުރިހަމަ ކުރަން ނުޖެހޭ ގޮތް ހަދާފަ އެވެ.

ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބް ކަވަރުކުރުމަށްޓަކައި ތަމްރީނުތަކެއް ހަދަން ނުޖެހޭ ގޮތަށް އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ އިންތިހާބު ކަވަރުކުރާ ނޫސްވެރިންނާއި އޮބްޒާވަރުން ހާއްސަ ތަމްރީނެއް ފުރިހަމަކުރަންޖެހޭ ވާހަކަ ކުރިން ބުނި ނަމަވެސް އެއީ ތަމްރީން ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްދާ ކަމަކަށް ވުރެ އެއީ ދެގަޑިއެއްހާއިރުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކަމަށެވެ.

"އެއީ ތަމްރީނެއް ކަމަށް ކުރިން ދެންނެވުމުން އެކަން ބޮޑު މައްސަލައެއްގެ ގޮތުގައި ވެގެން ދިޔައީ،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ މަސްއޫލިއްޔަތު އޮޅުންފިލުވައިދީ ބުނެދިނުމަކީ ކޮމިޝަންގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

"މިހާރު އަޅުގަޑުމެން ގަވާއިދަށް ގެނައި ބަދަލަކީ ނޫސްވެރިންނާ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކުން ސުލޫކީ މިންގަޑުގައި ހުރި ކަންތައްތައް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށް އިގުރާރުވެވަޑައިގަތުމުން އެބޭފުޅުންނަން ހުއްދަ މިދެނީ. މިގޮތަށް ހެދުމުގެ ސަބަބުން މިއީ ނޫސްވެރިންނަށާއި އޮބްޒާވަރުންނަން ލިބިގެންދިޔަ ވަރަށް ބޮޑުލުޔެއް،" ހަބީބް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮމިޝަނުން ބޭނުންވަނީ ރިޔާސީ އިންތިހާބާ ގުޅޭ ހުރިހާ ކަމެއްގައިވެސް ނޫސްވެރިންނާއި އޮބްޒާވަރުންގެ ދައުރު ވީހާވެސް ފުޅާކޮށް އޮތުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.