މެރިޓައިމް ދާއިރާއިން ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ)އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ތައުލީމު ހާސިލްކޮށްދިނުމަށް ފުރުސަތުތައް ހޯދުމަށް އެއްބަސްވި އެއްބަސްވުމެކެވެ.
މިއެއްބަސްވުމުގައިވާ ގޮތުން، ފައުންޑޭޝަން ޕްރޮގްރާމްތަކުން ފެށިގެން ކޮލެޖް ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތަކާ ހަމައަށް ތައުލީމު ހާސިލްކޮށްދޭނެ އެވެ.
މީގެ އިތުރުން ކޯޑު އޮޕަރޭޝަނާއި މެރިޓައިމް ދާއިރާގެ އިތުރު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެމްޕީއެލްގެ މުއައްޒަފުންނަށް ފަހިވާނެ އެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވޭނީ ކޮން ގޮތަކަށްތޯ ދިރާސާކޮށް އެ ދިރާސާގެ އަލީގައި އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭން ބޭރަށް ކިޔަވަންދާ ދަރިވަރުންގެ ހަރަދުތައް ހަމަޖައްސާނީ އެމްޕީއެލްއިންނެވެ. އަދި އެހެނިހެން ފްރޮގްރާމްތަކަށް ހަރަދުކުރާނީ އެމްޕީއެލް އާއި އެންއެމްޔޫސީ ގުޅިގެންނެވެ.
އެންއެމްޔޫސީގެ ފަރާތުން މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން އެ ޔުނިވާސިޓީގެ އެގްޒެކެޓިވް ޗެއާމަން ރަސަލީ ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖޭގައި މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ފުރުސަތުތައް ހުޅުވޭނެ އެއްބަސްވުމެއް ކަމަށެވެ.