އިލެކްޝަންސް ކޮމިޝަން

އިންތިހާބު އޮބްޒާވްކުރަން އަވަށްޓެރި ގައުމުތަކަށް ދައުވަތު ނުދޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ދައުވަތު ދިން ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އަވަށްޓެރި ގައުމުތައް ނުހިމެނޭ ކަމަށް އެނގިއްޖެ އެވެ.

ދައުވަތު ނުދޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އަވަށްޓެރި ބައެއް ގައުމުތަކަށް ދައުވަތު ނުދިނީ އެ ގައުމުތަކުންވެސް އެ ގައުމުތަކުގެ އިންތިހާބުތައް އޮބްޒާވްކުރުމަށް ރާއްޖެއަށް ދައުވަތު ނުދޭތީ ކަމަށެވެ.

"އެކަމަކު ދައުވަތު ނުދޭ އަވަށްޓެރި ގައުމުތަކުގެ މަންދޫބުން އެ މީހުންގެ އަމިއްލަ ހަރަދުގައި އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެ އަންނަނަމަ އެ ފުރުސަތު ހުޅުވިފައި އޮންނާނެ. މޮނިޓަރުންގެ ހުއްދަ އާއި ފާސް އަދި ވެވެން އޮތް އެހީއެއް އިލެކްޝަންސް ކޮމިސަނުން ވެސް ފޯރުކޮށްދޭނެ،" ފުއާދު ވިދާޅުވި އެވެ.

މިއަހަރު ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ދައުވަތު ދީފައިވަނީ 15 ގައުމަކަށެވެ. ދައުވަތު ދިން ކޮންމެ ގައުމަކުން ދެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެކަމަކު މި ބޭފުޅުންގެ ޓިކެޓު ހަރަދު އަދި އިންޝުއަރެންސް ހަރަދު އިލެކްޝަންސް ކޮމިޝަނުން ނުކުރާނެ އެވެ. އެކަމަކު ހުރުމާއި، ކެއުމާއި އަދި އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް އީސީ އިން ކުރާނެ އެވެ.

ފުއާދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ފުރުސަތު ދީފައިވާ ގިނަ ގައުމުތަކަކީ އެ ގައުމުތަކުގެ އިންތިހާބުތައް އޮބްޒާވް ކުރުމަށް ރާއްޖެ އަށްވެސް ދައުވަތު ދޭ ގައުމުތައް ކަމަށެވެ. އަދި ބައެއް އެހެން ގައުމުތަކަކީ ރާއްޖޭގެ އިންތިހާބުތައް ބޭއްވުމަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތައް ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރު ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން ކުރިއަށްދާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.