ހަބަރު

މަފާޒު އަނެއްކާވެސް ބަންދުން ދޫކޮށްލައިފި

Jul 5, 2023

ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި ކަމުގެ ތުހުމަތުން ސަލާމަތްވި ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އަނެއްކާވެސް ބަންދުން ދޫކޮށްލައިފި އެވެ.

ތޫނު ހަތިޔާރަކުން ބޮލަށް ހަމަލާދީ ނަދީމް މަރާލިކަމުގެ މައްސަލައިގައި މަފާޒު ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރު ގެއެއްގައި ފިލާ އޮއްވާ އެވެ.

ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށްފަހު ދައުލަތުން މަފާޒުގެ މައްޗަށް ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލި އެވެ. ނަމަވެސް މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމު ކުުރުމުން އޭނާ ދޫކޮށްލީ އެވެ.

އޭގެފަހުން މަފާޒު ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގެ ތެރެއިންނެވެ.

މަފާޒުގެ ބަންދަށް ދެ ފަހަރު 15 ދުވަސް އިތުރުކުރުމަށްފަހު އޭނާގެ ބަންދާ މެދު ތިންވަނަ ފަހަރަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ނަދީމްގެ މަރުގެ މައްސަލައިގެ އިތުރުން ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މަފާޒްގެ މާރާމާރީއާ ގުޅުންހުރި އެހެނިހެން ފަސް ދައުވާއެއް އުފުލާ ދިނުމަށްވެސް އެދި ހުށަހަޅާފަ އެވެ.