ފިނިޕޭޖް

މޭގަން ޓްރޭނާއަށް ދެވަނަ ކުއްޖެއް ލިބިއްޖެ

ގްރެމީ އެވޯޑް ލިބިފައިވާ ލަވަ ކިޔުންތެރިޔާ މޭގަން ޓްރޭނާ، 29، އާއި ފިރިމީހާ ޑެރީލް ސަބާރާ، 31، އަށް ދެވަނަ ކުއްޖާ ލިބިއްޖެ އެވެ.

މޭގަން އާއި ޑެރީލް މި ހަބަރު ހިއްސާކޮށްފައިވަނީ އިންސްތަގްރާމްގައި ޕޯސްޓްކުރި ފޮޓޯތަކަކުންނެވެ.

މިޕޯސްޓްގައި ލިޔެފައިވާ ގޮތުގައި މޭގަން އަށް ދެވަނަ ކުއްޖާ، ގާތްގަނޑަކަށް ހަތަރު ކިލޯގެ ބެރީ ބްރޫސް ޓްރޭނާ ލިބިފައިވަނީ ސިޒޭރިއަން ހެދުމަށްފަހު ޖުލައި އެކެއް ގައެވެ.

މޭގަން ބުނީ މި ތާރިހަކީ މޭގަން އާއި ޑެރީލް މީގެ ހަތް އަހަރު ކުރިން ފުރަތަމަ ޑޭޓަށް ދިޔަ ދުވަސް ކަމަށެވެ.

މި ޕޯސްޓްގެ ފޮޓޯތަކުގެ ތެރޭގައި މޭގަން ސިޒޭރިއަން ހެދުމުގެ ކުރީގެ ފޮޓޯއަކާއި މޭގަން، ބޭބީ ގައިގައި ބައްދާލައިގެން އޮތް ފޮޓޯއަކާއި ޑެރީލް، ބޭބީ އަތްމައްޗަށް ލައިގެން އިން ފޮޓޯގެ އިތުރުން ބޭބީގެ އެކަނި ފޮޓޯތަކެއްވެސް ހިމެނެ އެވެ.

މި ޕޯސްޓްގައި މޭގަން ވަނީ އޭނާއަށް ފަރުވާދީ، އެހީތެރިވި ޑޮކްޓަރުންނަށާއި ނަރުހުންނަށް ޝުކުރުއަދާކޮށްފަ އެވެ.

މި ދެމަފިރިންގެ ފުރަތަމަ ދަރިފުޅަކީ ދެ އަހަރުގެ ފިރިހެން ކުއްޖެއް ކަމުގައިވާ ރައިލީ އެވެ.

ޑެރީލް މީގެކުރިން ހާމަކުރި ގޮތުގައި ރައިލީ ހުރީ ދެވަނަ ކުއްޖާ ލިބޭތީ އާއި ބޭބެއަކަށް ވުމަށް ވަރަށް ކެތްމަދުވެފަ އެވެ. އަދި މޭގަން މަދުވެގެން ހަތަރު ކުދިން ބޭނުންވާ ކަމަށް އިންޓަވިއުތަކުގައި ބުނެފައިވެ އެވެ.

މޭގަން އާއި ޑެރީލް ލޯބީގެ ގޮތުން ގުޅުނީ 2016 ގައެވެ. މޭގަން އާއި ޑެރީލް ޑޭޓަކަށް ހަމަޖައްސައިދިނީ މޭގަންގެ ރަހްމަތްތެރިޔާ އެކްޓްރެސް ކްލޮއީ ގްރޭސް މޮރެޓްސް އެވެ. އަދި ރަސްމީކޮށް ގުޅުނު ކަމަށް ހާމަކޮށްފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި ޑިސެމްބަރު 21، 2017 ގައި އެންގޭޖްވެ، ކައިވެނި ކުރީ ޑިސެމްބަރު 22، 2018 ގައެވެ.

ޑެރީލް އަކީ ފިލްމު އަދި ވޮއިސް އެކްޓަރެކެވެ. އަދި "ސްޕައި ކިޑްސް"، "ވިޒަޑްސް އޮފް ވޭވަލީ ޕްލޭސް" އާއި "ބެން 10" ފަދަ ފިލްމް އަދި ސީރީޒްގައި މަސައްކަތްކޮށްފައިވެ އެވެ.