ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ވަގުތީ ޗެއާޕާސަނަކަށް ހަސަން ލަތީފް

އެމްޑީޕީގެ ވަކިވެގެން ދިޔަ އިސް ބޭފުޅުންތަކެއް ގުޅިގެން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް"ގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހަމަޖައްސައިފި އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން 300 މެންބަރުންނާ އެކު ބާއްވަންޖެހޭ ޖަލްސާ އެ ޕާޓީން ރޭ ވަނީ ގިޔާސުއްދީން ސްކޫލުގައި ބާއްވާފަ އެވެ.

މިޖަލްސާގައި ވަނީ ޕާޓީގެ ނަމާއި، ލޯގޯ އާއި ކުލަތަކާއި ޕާޓީގެ ވަގުތީ މަގާމުތަކަށް ބޭފުޅުން ހަމަޖައްސާފަ އެވެ.

އެގޮތުން ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަަންގެ މަގާމަށް ހަސަން ލަތީފް ހަމަޖެއްސުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބް އެވެ.

މިޖަލްސާގައި ވަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅަކު ވެސް ހަމަޖައްސާފަ އެވެ. އެގޮތުން މި މަގާމުތަކަށް ހަމަޖެއްސީ އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރުގެ އިތުރުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ.

މިޖަލްސާގެ ރިޔާސަތުގައި އިންނެވި ހަސަން ލަތީފް ވަނީ މިޖަލްސާގައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ރަނގަޅަށް ފުރިހަމަކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ލިޔުމެއް ދިން ކަމަށްވެސް ވިދާޅުވެފަ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން ބާއްވަންޖެހޭ މިޖަލްސާގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. މިޖަލްސާގައި އެމަނިކުފާނު ވަނީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރުމަށް ނިންމާފަ އެވެ.