ފިނިޕޭޖް

ބޮބް މާލީގެ ބަޔޯޕިކް އަންނަ އަހަރު ނެރެނީ

ބޮބް މާލީގެ ބަޔޯޕިކް -- "ބޮބް މާލީ: ވަން ލަވް" އަންނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު ނެރެން ނިންމައިފި އެވެ

ޕެރަމައުންޓް ޕިކްޗާސް އިން މި ބަޔޯޕިކްގެ ޓީޒާ މިއަދު ވަނީ ނެރެފަ އެވެ. މިއީ ބޮބް މާލީގެ ވާހަކަ ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ.

މި ބަޔޯޕިކްގައި ބޮބް މާލީގެ ހަޔާތާއި އިންގިލާބީ މިއުޒިކް ފާހަގަކޮށް، އޭނާ ކާމިޔާބީތައް ވެސް ގެނެސްދޭނެ އެވެ. ބޮބް މާލީގެ މަރުގެ ފަހުންވެސް އެތައް ޖަނަރޭޝަނެއް އިންސްޕަޔާކޮށްފައިވާ ލޯތްބާއި އެއްބައިވަންތަކަމާއި އިންސާފްވެރިކަމާއި ސުލްހަވެރިކަމުގެ މެސެޖްތައްވެސް މި ފިލްމްގައި އެކުލެވިގެންވާނެ އެވެ.

ބޮބް މާލީ ވަނީ އޭނާގެ މިއުޒިކް މެދުވެރިކޮށް ގައުމުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތްކޮށްފަ އެވެ.

"ބޮބް މާލީ: ވަން ލަވް" ގައި ބޮބް މާލީގެ ރޯލު އަދާކުރަނީ ކިންގްސްލީ ބެން-އަޑީރް އެވެ. އަދި ބޮބް މާލީގެ އަންހެނުން ރީޓާގެ ރޯލު އަދާކުރަނީ ލަޝާނާ ލީންޗެވެ. މީގެ އިތުރުން ތޯސިން ކޯލް، މައިކަލް ގެންޑޯލްފީނީ، ނަދީން މާޝަލް، ޖޭމްސް ނޯޓަން އާއި އެންތަނީ ވެލްޝް މި ފިލްމްގައި ހިމެނެ އެވެ.

ބޮބް މާލީގެ ދޮށީ ދަރި ޒިގީ މާލީ، 54، އިންސްތަގްރާމްގައި މި ބަޔޯޕިކްގެ ވާހަކަ ޕޯސްޓްކުރަމުން ބުނީ ވަގުތުގެ ކުރިން އެއްވެސް ކަމެއް ނުވާނެ ކަމަށާއި މިހާރު ބައްޕަގެ ވާހަކަ ގެނެސްދޭނެ ވަގުތު އައިސްފި ކަމަށެވެ.

ޒިގީ އިތުރަށް ބުނީ ބައްޕަގެ މިއުޒިކް އަޑުއެހުމުން އޭނާއަކީ ކާކުކަން އެނގޭހެން ހީވިނަމަވެސް، އޭނާގެ ހަޔާތުގައި ދިމާވި ކަންކަމުން އޭނާ ބައްޓަންވި ގޮތް ހަމަ ހަގީގަތުގައި އެނގޭތޯ ސުވާލުކޮށްފައިވެ އެވެ. އަދި އެ ލެޖެންޑްގެ ގާތުގައި އުޅޭއިރު ކުރާ އިހްސާސްތަކާއި ބޮބް މާލީގެ އުފާވެރި ކަންކަމާއި ހިތާމަތަކާއި ކެކުޅުންތައް ފެނިގެންދާނެ ކަމަށްވެސް ޒިގީ ބުންޏެވެ. ޒިގީގެ ކޮއްކޮ ސްޓީވަން މާލީވެސް މި ފިލްމްގެ ވާހަކަ އިންސްތަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

މި ބަޔޯޕިކް ޑައިރެކްޓްކުރަނީ "ކިންގ ރިޗަޑް"ގެ ޑައިރެކްޓާ ރައިނާލްޑޯ މާކަސް ގްރީން އެވެ. އަދި މި ބަޔޯޕިކް ހަދަމުންގެންދަނީ ބޮބް މާލީގެ އާއިލާއާ ގުޅިގެންނެވެ.

މި ފިލްމު ޝޫޓްކޮށްފައިވަނީ ޖެމައިކާގައި އާއި އިނގިރޭސިވިލާތު ގައެވެ. އަދި މިހާރު ކުރިއަށްދަނީ މި ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތެވެ.

1960 އާއި 1970 އަހަރު ތަކުގައި ރެގޭ، ސްކާ، ރޮކްސްޓެޑީ ފަދަ މިއުޒިކް ޖޮންރަތަކުގެ ލަވަ ކިޔާ މަޝްހޫރުކަން ހޯދި ބޮބް މާލީ އަކީ ތަފާތު އަޑެއް އޮންނަ އަދި ތަފާތު ގޮތަކަށް ލަވަ ކިޔާ އާޓިސްޓިކެޓެވެ. މި އަލިގަދަ ތަރި އޮއްސިފައިވަނީ 1981 ގައި އުމުރުން 36 އަހަރުގައި ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށްފަހު އެވެ. ބޮބް މާލީގެ ލަވަތައް އަދާ ހަމައަށްވެސް ވަރަށް ހިނގަމުންދެ އެވެ.