ދުނިޔެ

ތެލް އަވީވްގެ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

ތެލް އަވީވްގެ ފުލުހުންގެ ވެރިޔާ، އަމީ އެޝެދު ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން މުޅި އިޒްރޭލުގައި ހަމަނުޖެހުންތައް އިތުރުވެއްޖެ އެވެ.

ހަމަނުޖެހުންތައް އެންމެ ބޮޑީ އިޒްރޭލުގެ ވެރިރަށް ތެލް އަވީވް ގައެވެ.

އަމީ އެޝެދު ނޫސް ކޮންފަރެންސެއްގައި އިސްތިއުފާ އިއުލާންކުރައްވައި ވިދާޅުވީ އިތަމާރު ބެންގަވީރާ ހެދި ވަޒީފާ އަދާކުރެވެން ނެތީ ކަމަށެވެ.

އިތަމާރު ބެންގަވީރަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރެވެ. އޭނާގެ ހަރުކަމާއި ގޮތްކުޑަކަމުން މުޅި ދުނިޔެ އޮތީ ކަންބޮޑުވެފަ އެވެ.

އިސްތިއުފާ ދެއްވި އެންމެ ބޮޑު ސަބަބެއް ކަމަށް ފުލުހުންގެ ވެރިޔާ ވިދާޅުވީ މިނިސްޓްރީ އޭނާ ލައްވައި ކުރުވަން އެދޭ ހުރިހާ ކަމެއް އޭނާއަށް ކުރެވެން ނެތީ އެވެ.

އިޒްރޭލުގައި ދާހިލީ ހަނގުރާމައެއް ފެށުމަކީ ފުލުހުންގެ ވެރިޔަކަށް ހުންނަ މީހަކަށް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާނެ ކަމަށް އަމީ އެޝެދު ވިދާޅުވި އެވެ. އެހެންނަމަވެސް މިނިސްޓްރީގެ މިސްރާބު ހުރީ ދާޚިލީ ހަމަނުޖެހުންތަކަކާ ދިމާއަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ގާނޫނުއަސާސީގައި ފުލުހުންގެ ވެރިޔާއަށް އޮންނަ ބާރުތަކަށް ވުރެ ބޮޑު ބާރެއް އޭނާ ބޭނުން ނުވާ ކަމަށް ވެސް ފުލުހުންގެ ވެރިޔާ ވިދާޅުވި އެވެ. އަދި އިތަމާރު ބެންގަވީރު އެދިވަޑައިގަތް ނަމަވެސް، އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުން ނުހިފޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އަކީ ގަވާއިދުތައް މުގުރައި އުސޫލުތައް ދޫކޮށްލާނެ މީހެއް ނޫން ކަމަށް އަމީ އެޝެދު ވިދާޅުވި އެވެ.

އަމީ އެޝެދު މީގެ ކުރިން ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. ސަބަބެއް ކަމަށް ކޮންމެ ފަހަރަކު ވެސް މިނިސްޓްރީން ބުނަނީ -- އަމީ އެޝެދު ވިދާޅުވި ގޮތުގައި، މާބޮޑަށް ދޫދިނުމެވެ.

އިޒްރޭލުގެ މަގުތަކަށް އާންމުން ނުކުމެ ހިންގަމުން ގެންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި، އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކޮށް އަދި ފުލުހުންނަށް ޖެއްސުން ކުރުމަކީ އޮތް ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާކުރާ މީހުން އިޒްރޭލުގެ މުހިއމު މަގުތައް ބަންދުކޮށްފައިވާއިރު -- ފުލުހުން ފޮނުވައިގެން އެ މަގުތައް ހުޅުވުމަކީ، ހާލަތަށް ބަލާއިރު ކުރުން ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.