ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކާރުދާހުގެ ތެރެއިން ބާކީވާ ކަރުދާހުގައި ލޯވަޅެއް އެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީގެ މެންބަރުންގެ ބައްދަލުވުމެއްގައި މިގޮތަށް ނިންމީ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ ހިޔާލާއި ލަފާ ހޯއްދެވުމަށްފަހު އެވެ.
ގައުމީ ލަފާ ދޭ ކޮމިޓީގައި އިދިކޮޅު ޕީޕީއެމް އިން ހުށަހެޅީ ވޯޓުލާ ނިމުމުން ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހުންނަ ބާކީ ވޯޓު ކަރުދާސްތައް ނައްތާލުމަށެވެ. އެކަމަކު އެއީ އިންތިހާބާ ބެހޭ ގާނޫނު އިސްލާހުކޮށްގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ ބާކީ ވޯޓު ކަރުދާހުގައި ލޯވަޅެއް އެޅުމަށް އީސީގެ މެންބަރުންގެ ބައްދަލުވުމެއްގައި މިހާރު ނިންމަވާފައިވާ ކަމަށް އީސީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
"ބާކީ ވޯޓު ކަރުދާސްތައް ސެކިއުރިޓީ އުރައަށްލާ ބަންދުކުރުމުގެ ކުރިން ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައި ހުންނަ ދިމާލުން ވޯޓު ކަރުދާސް ޕަންޗްކޮށްލަން ކޮމިޝަންގެ ބައްދަލުވުމެއްގައި މިހާރު ވަނީ ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުން ބާކީ ހުންނަ ވޯޓު ކަރުދާސްތައް ނައްތާލެވޭނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު އަދި އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓުގައި ހިނގާނަމަ އެކަމެއް ނިމޭތާ 14 ދުވަސް ފަހުންނެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.