އޮޑިޓާ ޖެނެރަލް އޮފީސް

ސީއޭ މޯލްޑިވްސްއިން އެކައުންޓިންގެ ހާއްސަ ފޯރަމެއް ބާއްވަނީ

ރާއްޖޭގައި އެކައުންޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ފޯރަމެއް ބޭއްވުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ނިންމައިފި އެވެ.

ސާފާ އައިއެފްއާރްއެސް އެންޑް އައިއެސްއޭއެސް ފޯރަމްގެ ނަމުގައި މި ފޯރަމް ކުރިއަށް ގެންދާނީ މިމަހުގެ 19 އިން 20 އަށެވެ. މި ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓާވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ސީއޭ މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ފޯރަމް އަމާޒުކޮށްފައިވަނީ އެ އިންސްޓިޓިއުޓްގެ މެމްބަރުންނަށާއި، އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އެކައުންޓިން ދާއިރާގައި ތައުލީމު ހާސިލުކުރަމުންގެންދާ ދަރިވަރުންނަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ސީއޭ މޯލްޑިވްސްއިން ބުނެ އެވެ.

ފޯރަމުގައި ބައިވެރިވުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީއެއް ނެގުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ އަތުންނާއި އެކައުންޓިން ދާއިރާގައި އުޅޭ ދަރިވަރުންގެ އަތުން ފީއެއްގެ ގޮތުގައި 1،500 ރުފިޔާ ނެގުމަށް ނިންމާފައިވެ އެވެ. މީގެއިތުރުން އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަތުން 2،000 ރުފިޔާ ނެގުމަށްވެސް ވަނީ ނިންމާފަ އެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރާ މީހުންނަށް 10 ޕަސަންޓް ޑިސްކައުންޓެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.