ހަބަރު

އިސްގާޒީ ޗުއްޓީއަށް، ކޯޓު ހިންގުން ގާޒީ ބާރީއަށް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީ ނަންގަވައިފި އެވެ. އިސްގާޒީ ޗުއްޓީ ނެގުވުމާ ގުޅިގެން ކްރިމިނަލް ކޯޓު ހިންގެވުން ވަގުތީ ގޮތުން ވަނީ އެ ކޯޓުގެ ގާޒީ، އަބްދުލް ބާރީ ޔޫސުފާ ހަވާލުކޮށްފަ އެވެ.

އިސްގާޒީ ޗުއްޓީ ނެންގެވީ ކިތައް ދުވަހަށް ކަމެއް ސާފުވެފައިނުވީ ނަމަވެސް ކޯޓު ހިންގެވުމުން ގާޒީ ބާރީއާ ހަވާލުކޮށްފައިވާކަން ކްރިމިނަލް ކޯޓުން ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

ގާޒީ ބާރީ ފަނޑިޔާރުކަން ކުރައްވާތާ 8 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ގާޒީ ބާރީއަކީ ބޮޑެތި ގިނަ މައްސަލަތަކެއް ބައްލަވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ވެސް ގާޒީ ބާރީ އިންނެވެ. އަދި މިހާރު ވެސް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ ބާރީ އެވެ.

ގާޒީ ބާރީ ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތި ލައްވާފަ އެވެ. އިސްގާޒީ އަބްދުﷲ މުހައްމަދު މިދިޔަ އަހަރު ވެސް ޗުއްޓީއެއް ނަންގަވާފައިވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކާނަލް ނާޒިމްގެ މައްޗަށް ހުކުމް އިއްވިއިރު އިސްގާޒީ ހުންނެވީ ޗުއްޓީގަ އެވެ.

އިސްގާޒީ ޗުއްޓީ ނެންގެވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނާ މައްސަލަ ބައްލަވަނީ އިސްގާޒީ އެވެ. އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހިޔާނާތުގެ މައްސަލަ ވެސް ބައްލަވަނީ އިސްގާޒީ އަބްދުﷲ އެވެ.