އިލެކްޝަންސް ކޮމިޝަން

ކެންޑިޑޭޓުންގެ ސަމާލުކަމަށް: އިންތިހާބަށް ހަރަދުކުރެވޭނީ އެކައުންޓެއް ހުޅުވައިގެން

ރިޔާސީ އިންތިހާބާ ގުޅޭ ހަރަދުތައް ކުރުމަށް ކޮންމެ ކެންޑިޑޭޓަކުވެސް އެބޭފުޅުންގެ ނަމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވަންޖެހޭކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދާންކޮށްދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހަނދާންކޮށްދީފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންދާ ބައެއް ބޭފުޅުން ކެމްޕޭން ފަށާފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ބޭނުންވާ ހަރަދު ކުރުމަށް ކޮންމެ ކެންޑިޑޭޓަކުވެސް ބޭނުންކުރަންވާނީ އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ އެކައުންޓް ކަމަށެވެ.

ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާ މި އެކައުންޓަކީ އެ ކެންޑިޑޭޓެއްގެ އަމިއްލަ ނަމުގައި ހުޅުވާ އެކައުންޓަކަށް ވިދާޅުވި އެވެ.

އިންތިހާބުގެ ތެރެއިން ލިބޭ އަދި އިންތިހާބާ ގުޅުންހުރި ފައިސާގެ އެހީވެސް ޖަމާވާނީ އެ ކެންޑިޑޭޓަކު އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ އެކައުންޓަށް ކަމުގައިވެސް ހަބީބު ހަނދާންކޮށްދެއްވާފައިވެ އެވެ.

ހަބީބް ވިދާޅުވީ ރާއްޖޭގެ ބޭންކްތަކާ ވާހަކަ ދައްކައިގެން ކެންޑިޑޭޓުންނަށް އެކައުންޓް ހުޅުވުމުގެ އިންތިޒާމު ފަސޭހަކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އީސީ އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ އެކީގައިވެސް މަޝްވަރާ ކުރައްވާފައި. އަދި ބޭންކްތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައި،" ހަބީބް ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.