ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތް ޝަރީއަތްވެސް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދުގެ ހެނދުނު 9:00 އަށް ތާވަލްކުރި އަޑުއެހުންވެސް ކެންސަލް ކުރީ ދައުވާ ލިބޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ.
މިއީ މި މައްސަލައިގެ ޝަރީއަތް ޖެހިޖެހިގެން ކެންސަލްކުރި ފަސްވަނަ ދުވަހެވެ.
މި މައްސަލައިގައި ޖޫން 19 ވަނަ ދުވަހާއި 20 ވަނަ ދުވަހުވެސް ޝަރީއަތް ބާއްވަން ތާވަލުކުރި އެވެ. އަދި މިމަހުގެ ދެވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތްވެސް ކެންސަލް ކުރީ ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.
ފުއްގިރި މައްސަލައިގައި ދައުލަތުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްވެސް ދައުވާ އުފުލާފަ އެވެ.
ޝަރީއަތް ކެންސަލްވެފައިވާއިރު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޝަރީއަތްތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އެވެ.
ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.