ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސީރިއާގައި 70 އަށް ވުރެ ގިނަ ދިވެހިން މަރުވެއްޖެ: ރައީސް

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވި 70 އަށް ވުރެ ގިނަ ދިވެހިން މަރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ފުރަތަމަ ރަށް -- ށ. ކޮމަންޑޫ އަށް މިއަދު ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު މީހުން ނޫޅޭ ކަމަށާއި ހަނގުރާމައަށް ގޮސް އުޅޭ ދިވެއްސަކު ނޫޅޭ ކަމަށް ނިމިދިޔަ ސަރުކާރުގައި ބުނަމުން ދިޔަ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެ މައްސަލަ ބެއްލެވިއިރު އަދަދުތައް ފެނުނީ އެގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރައީސް ވިދާޅުވީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި 70 އަށް ވުރެ ގިނަ ދިވެހި ސީރިއާގައި މަރުވެފައިވާ ކަމަށެވެ. އަދި 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ އެތާ އެކަނިވެރިވެފައި ތިބި މަންމަ އިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށް މިއޮތް އޮގަސްޓް މަސް ނިމެންވާއިރަށް އެ އާއިލާތައް އަޅުގަނޑުމެން ރާއްޖެއަށް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

ސީރިއާގައި މަރުވި މީހުންގެ އަދަދުތަކެއް ރައީސް ވިދާޅުވި ނަމަވެސް އެ އަދަދުތައް ހޯއްދެވި ގޮތެއް ރައީސް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ ދިވެހި ގައުމުގެ އެންމެ މުހިއްމު ތަނބަކީ އިސްލާމް ދީން އިސްލާމް ދީން ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގެ ސައްހަ އަގީދާ
މިއަދުގެ ޒުވާނުންނަށް އަދި މުޅި މުޖުތަމައަށް ބުނެދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އަހުލުވެރި ބައެއް ކަމަށެވެ. އެހެންކަމުން ޒުވާނުންގެ ހުނަރާއި ވިސްނުން މިހާރަށް ވުރެ ބޮޑަށް ދައްކުވައިދެވޭނެ ގޮތެއް ހޯދައިދޭންޖެހޭ ކަމަށެވެ.