- އަމާންގެ ޓެލެންޓަކީ ބައްޕަ، އެކަމަކު ބައްޕަވީ ވަރަށް ދުރުގައި
- މޯލްޑިވިއަން އައިޑޮލްއާ އެކު މުޅި ދިރިއުޅުން ބަދަލުވެއްޖެ
- ފަހަތަށް އެޅި ފިޔަވަޅު ކުރިއަށް އަޅަން އެނގިއްޖެ
މޯލްޑިވިއަން އައިޑޮލްގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެންމެ މަޖާ އަދި އެންމެ ހަލަބޮލި މީހަކީ މިއީ އެވެ. މާލޭ ސިޓީގެ އޮޑިޝަނުގައި އޭނާ ބައިވެރިވީ ވެސް ސަކަރާތްޖަހަމުން ގޮހެވެ. އޮޑިޝަނުގެ ކޮޓަރިއަށް ވަދެ ހުނަރު ދައްކާލަން ޖެހުނުއިރު މީހާގެ އަޑަށް ވާނެ އެއްޗެއްވެފައި ހުރީވެސް އެ ސަކަ މިޖާޒަކާ ހެދިއޭ ބުނެވިދާނެ އެވެ.
އެކަމަކު ވެސް އިބްރާހިމް އަމާން ވެގެންދިޔައީ އޭނާގެ އޮޑިޝަނުގައި އެތައް ބަޔަކު ސިއްސުވާލި އަދި އެތައް ބައެއްގެ ލޯތްބާއި އިހްތިރާމާއި ހަމްދަރުދީ ވެސް ހޯދި ޒުވާނަކަށެވެ. ޔަގީނަށް ވެސް މިހާރު ކުރިއަށް މިދާ މޯލްޑިވިއަން އައިޑޮލްގެ "ސަޕްރައިޒް ހޮވުމަކަށް" އޭގެ ލަވަކިޔުންތެރިޔަކު ނަގާ ނަމަ އެ ސަޕްރައިޒަކީ އަމާން އެވެ.
ސަބަބަކީ މޯލްޑިވިއަން އައިޑޮލްގެ ތަޖުރިބާ، ޚުދު އަމާން އަށް ވެސް ނިކަން ބޮޑު ސަޕްރައިޒަކަށްވެފައި އޮތީމަ އެވެ.
"އޮޑިޝަނަށް ދިޔައިރު އެއްގޮތަކަށް ވެސް ހީއެއް ނުކުރަން ހޮވޭނެ ކަމަކަށް. އެކަމަކު ހިތުގައި އޮތް، ފުރަތަމަ މޯލްޑިވިއަން އައިޑޮލް އަށް ވާން ބޭނުމޭ. އެކަން ހާސިލުކުރެވޭނެއޭ އިރާދަކުރެއްވިއްޔާ. އެ ވަރަށް މަސައްކަތްކުރާނަމޭ،" މޯލްޑިވިއަން އައިޑޮލްގެ ގަދަ 12 އިން ފުރުސަތު ހޯދުމަށް ފަހު ކުރިއަށް އޮތް ގާލާ ރައުންޑަށް ތައްޔާރުވަމުން އަންނަ އަމާންގެ ވާހަކަ ފެށީ މިހެންނެވެ.
އަމާންގެ އިންޓަވިއު ނެގުމަށް އަޅުގަނޑުމެން ދިވެހި ރާއްޖޭގެ އަޑަށް ދިޔައިރު އޭނާ އުޅެނީ ޝޯގެ އެހެން ބައިވެރިންނާ އެކު ޓީވީއެމްގެ ކްރޫއާއެކުގަ އެވެ. ލަވަ ފަރިތަކުރުމުގެ ތެރެއިން ނެގި ބްރޭކެއްގެ ތެރެއިން އިންޓަވިއުއެއް ދިނުމުގަ އެވެ. އެއަށް ފަހު ދެން އައީ އަޅުގަނޑުމެންނާ ހަމަ އަށެވެ.
އޭނާގެ ކިބައިގައި ހުރި "ކޫލްކަމަކާއި" އެކުވެރިކަމަކީ ސާފު ދިވެހި ހިތަކުން ނޫނީ ނުފެންނާނެ ވަރުގެ ހިތްގައިމުކަމެކެވެ. އެއް އިރެއްގައި ރާއްޖޭގެ ރީތިކަމާއި މީހުންގެ ހިތްހެޔޮކަމުގެ ވާހަކަ ބޭރުން އައި ފަތުރުވެރިންނަށް ވިއްކުމުގެ ވަޒީފާއެއްގައި އޭނާ އަށް އުޅެވުނީ ވެސް އެހެންވެ ކަމަށް ވެދާނެ އެވެ.
އަދި އެނގޭ ހެއްޔެވެ؟ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން އަމާނަށް ގޯލްޑެން ޓިކެޓް ލިބިގެން މަރުހަބާ އާއި ތައުރީފުގެ މެސެޖުތައް އޮހިގަތްއިރު އޭނާ އަށް އެންމެ ކުރިން މަރުހަބާކީ އެކަކަކީ ޓުއާ ގައިޑަކަށް އުޅުނު ދުވަސްވަރެއްގައި އަމާން މަގުދެއްކި ޑެންމާކްގެ ޓުއަރިސްޓެކެވެ.
އަމާންގެ ވާހަކަ އެހެން އެންމެންގެ ވާހަކަތަކަށް ވުރެ ހާއްސަވަނީ އޭނާގެ މި "ފިލްމެއްގައި" ހުރިހާ ކުލައެއް ޖެހިފައިވާތީ އެވެ. އެކަމަކު އެންމެ ފުރަތަމަ އޭނާގެ އަޑުން ފަށައިގަންނަމާ ހިނގާށެވެ. އިންޓަވިއު އަށް އައިސް ވާހަކަ ދައްކަން ފެށިއިރު އަޑު އާދަޔާހިލާފަށް ގަދަވީމަ އެ ވާހަކައެއް ނުދައްކައި ކުރިއަކަށް ވެސް ނުދެވުނެވެ.
"އަސްލު މިހާރު އަޑުގަދައީކީ ނޫން. އަޅުގަނޑަށް ހީވަނީ މިހާރު މިއިނީ ފުލް ޓްރެއިނިންއާ އެކު އަސްލު ވޮއިސް ރިކަވާކުރެވިފައިހެން. މިހާރު މިހުރީ އަމާންގެ އަސްލު އަޑު،" ހިނިގަނޑެއްގެ ތެރެއިން އަމާން ބުންޏެވެ.
"ޓްރެއިނިން ކުުރިއަށް ގެންދިއުމުގެ ސަބަބުން އަޅުގަނޑަށް އެނގިގެން ހިނގައްޖެ އަޅުގަނޑަކީ ކޮން ފީލްއެއްގެ ލަވަކިޔުންތެރިއެއްކަން ވެސް. ކޮންމެ މީހަކަށް ވެސް އިންނާނެ ވަކި ހާއްސަ ވައްތަރެއް. ވަކި ޓެލެންޓެއް ކޮންމެ މީހެއްގެ ވެސް ހުންނާނެ. އަޅުގަނޑުގެ އޭތި އަޅުގަނޑަށް މިހާރު ހޯދިއްޖެ."
ދެން އިންނަ ރައުންޑެއްގައި އަޅުގަނޑު ލަވަކިޔާއިރު ކުރީގެ ހުރިހާ ރައުންޑަކަށް ވުރެ އަޑު ވެސް ތަފާތުވާނެ. ވަރަށް ބޮޑު ވަރަށް ވަރުގަދަ ސަޕްރައިޒްއަކަށް ވެސް އެކަން ވެގެންދާނެ. އަޅުގަނޑު ކިޔަން މި އުޅޭ ލަވަ އަކީ ވެސް ސަޕްރައިޒެއް."
ކުރީގެ ދިރިއުޅުމުގައި ކުޅެން ޖެހުނީ މުޅިން ވެސް ހިތާމަވެރި ރާގެއް!
ރިއާލިޓީ ޝޯތަކުގައި ބައިވެރިވެ އާދައިގެ ނިކަމެތި ކުދިން މިލިއަނަރުންނަށް ބަދަލުވެގެންދާ މަންޒަރާއި ލަވަކިޔަން ފުރުސަތު ލިބިފައި ނެތް ކުދިން ގްރެމީ ވިނިން އާޓިސްޓުންނަށް ބަދަލުވެގެން ދާ މަންޒަރަކީ މިއޮތްހާ ދުވަހު ދިވެހިންނަށް ޓީވީ އިން ފެނުނު މަންޒަރެވެ. އެފަދަ ހާލަތެއްގައި އެފަދަ ބައިވެރިއެއްގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތާއި އޭނާ އަށް ކުރެވޭ އިހްސާސްތަކާއި އޭގެ ޖަޒުބާތުގައި ބީހިލުމުގެ ފުރުސަތު ކުރިން ދިވެހިން ތަޖުރިބާކޮށްފައެއް ނުވެ އެވެ.
އެހެން ނަމަވެސް މޯލްޑިވިއަން އައިޑޮލްއާ އެކު ދިވެހިން މި ވަނީ ރިއާލިޓީ ޝޯގެ އަސަރުގައި ނިކަން ގަދަ އަށް ޖެހިފަ އެވެ. އަދި އޭގެ ސަބަބުން ދިރިއުޅުން ބަދަލުވެގެންދާ ކުދިންގެ މަންޒަރު ވެސް ގާތުން ބެލުމުގެ ފުރުސަތު ލިބިފަ އެވެ.
ޔަގީނަށް ވެސް މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންތަކަށް ބަލާއިރު އަމާން އަކީ އޭނާގެ ދިރިއުޅުމުގެ ވާހަކަ އިން މި ޝޯގެ ބެލުންތެރިންނާ ނިކަން ވަރުގަދަ ފާލަމެއް ގާއިމުކޮށްފައިވާ ފަރާތެކެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ އަމާންގެ ވާހަކަ އަކީ ފިލްމެއް އުފައްދައިގެން ވެސް ކާމިޔާބުކުރެވިދާނެ ވަރުގެ ޕްލޮޓެއް އޭގައި އޮތް ވާހަކަ އެކެވެ.
މާލޭގެ ކޮންކްރީޓް ޖަންގަލީގެ "ކުޑަގޮޅިއެއްގައި" އެކަނިވެރި މަންމައަކާއި އާއިލާގެ އަށް ކުދިންނާ އެކު ދިރިއުޅެމުން އަންނަ ޒުވާނެކެވެ. އުމުރުން އަށް އަހަރުން ފެށިގެން ބައްޕައެއްގެ ފުރިހަމަ ލޯތްބެއް ނުވަތަ އަޅާލުމެއްގެ ނަސީބު ލިބިފައެއް ނުވެ އެވެ. އުނގެނެން ކިތަންމެ ބޭނުންވިޔަސް އެ ހުވަފެނުގައި ވެސް ބޭނުންވި ކުލަތަކެއް ޖެއްސިފައެއް ނެތެވެ. ލާޗާރުބިޗާރަށް ގޮސް ދިރިއުޅުމުގެ މަގުގައި ގެއްލުނީ އެވެ.
ކުރުގޮތަކަށް ބުނަނީ ނަމަ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުގައި ބައިވެރިވުމުގެ ކުރިން އަމާންގެ ދިރިއުޅުމުގެ ވާހަކަ އަކީ އެއީ އެވެ.
"އަމާން އަކީ އޭރު އެއްވެސް މީހެއް ނޫން، އަސްލު. އޭރު އަޅުގަނޑަކީ ހަމަ އުޅެމުން ދިޔަ މީހެއް. މޯލްޑިވިއަން އައިޑޯލްގައި ބައިވެރިވުމުގެ ކުރިން އުޅެމުން ދިޔަ ލައިފަކީ އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން އުޅެން ބޭނުންވި ލައިފެއް ނޫން. އަސްލު އޭތި އަމިއްލަ އަށް ވެސް ވިސްނޭ،" ގަދަ އަށް ހިނިއައިސްފައި ހުއްޓަސް އަމާންގެ އަޑުގައި ހުރި އަސަރު އޭނާގެ ވާހަކައިން ދެނެގަނެވެ އެވެ.
"ވަރަށް މަޖުބޫރީ ދިރިއުޅުމެއް އެއީ. މަސައްކަތްކުރެވުނީ ތިމާ މީހާ އެހެން މީހެއްގެ ގޮތުގައި ދައްކުވައިދޭން. ޓު ބީ ސަމްވަން ދެޓު ޔޫ އާ ނޮޓް."
"އުމުރުން 13 އަަހަރުގައި އަޅުގަނޑު ނުކުމެއްޖައީން ވަޒީފާގެ ފުރުސަތުތަކަށް. ސްކޫލްގައި ޕާޓްޓައިމްކޮށް އަޅުގަނޑަށް އަބަދުވެސް އުޅެވުނީ. އަސްލު ވަރަށް ކިޔަވާހިތްވޭ. ކިޔަވަން ވެސް ކިޔެވިން. އެކަމަކު ލައިފްގައި އަންނަ ސްޓްރަގަލްތަކާ ގުޅިގެން ކިޔެވުމާ ދުރުވީ."
އެ ސްޓްރަގަލްތަކަކީ ކޮބައިތޯ އެވެ؟
"ސްޓްރަގަލްއޭ މި ބުނަނީ މިސާލަކަށް އެއިޓް ސިބްލިންސްއާ އެކަނި އުޅޭ މަންމައަކާ އެކު ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ދިރިއުޅެން ޖެހުން. ދެކޮޅުން ވެސް މާލެވެފައި ދާނެ އެހެން ވަކި ރަށެއް ވެސް ނެތިފައި މާލެ އިން އެ އަންނަ ދަތިތަކާ އުނދަގޫތައް. މާލޭގެ ލައިފަކީ މުޅި ދިވެހިރާއްޖެ އަށް ބެލިޔަސް މާ ދަތިލައިފެއް."
މިހާ ހިސާބަށް ދިއުމުން އަމާންގެ ބައްޕަގެ ޚަބަރު ވެސް ބަލައިލުނެވެ. އެ ސުވާލަށް އޭނާ "މަޖާ ޖަވާބެއް" ދިނަސް ހަގީގަތަކީ ދިރިއުޅުމުގެ މި އަނދިރިކަމުގައި އަމާންގެ ހަޔާތުގެ ބޮކި ވެސް އޭރު އަނދާފައި އޮތްކަމެވެ.
"ބައްޕަ ހުންނާނީ އަބަދުވެސް ބައްޕަގެ ގޭގަ. އެއީ ކުޑަގޮޅި،" އަމާން ޖަހާލީ ލާނެތް ހިނިގަނޑެކެވެ.
"ބައްޕަ އަކީ ޑްރަގް އެޑިކްޓެއް. އެކަމަކު މިހާރުވީ ރިހެބުގަ. ވަރަށް އަވަހަށް ނިމޭނެ. ބައްޕަ އަށް ލައިފް ސެންޓެންސެއް އައިސްފަހުރީމަ އެއް ފަހަރު މައާފްވެސް ލިބުނު. އެކަމަކު އަނެއްކާވެސް ބައްޕަ ދިޔައީ."
މިއީ ބައްޕަގެ ޓެލެންޓް! އެކަމަކު އެންމެ ބޮޑު ކްރެޑިޓެއް މަންމަ އަށް!
އަމާންގެ ސަމާސާ މިޒާޖު މިފަދަ ކީބޯޑަކުން ސިފަކޮށްދޭނެ ގޮތެއް ނޭނގެ އެވެ. އަމާންގެ "ފުލް ޕެކޭޖު" ބަލައިލުމަށް ނުވަތަ ތަޖުރިބާކޮށްލުމަށް ޖެހޭނީ އޭނާއާ ބައްދަލުވެލާށެވެ. އަމާން ބުނާ ގޮތުން ނަމަ އޭނާ އަށް ވުރެ އަދި މަޖާ މީހަކީ އޭނާގެ ބައްޕަ އެވެ. އަދި އަމާންގެ ފަރާތުން މިއަދު ފެންނަ ހުނަރުވެރިކަމެއްގެ އަސްލު ވެސް ގުޅިފައި ވަނީ އެ ބައްޕައާ އެވެ.
"އަޅުގަނޑުގެ ފަރާތުން މި ފެންނަ ޓެލެންޓަކީ އަޅުގަނޑުގެ ބައްޕަގެ ފަރާތުން އަންނަ ޓެލެންޓެކޭ އަޅުގަނޑު ބުނާނީ. ބައްޕަ އަކީ ލަވަކިޔާ މީހެއް. ދެން ބައްޕަ އަކީ ކޮންމެ ކަމެއްކޮށްލިޔަސް ވަރަށް މަޖާކޮށް އެކަމެއް ކުރާ މީހެއް އަބަދުވެސް،" މާލޭ ސިޓީގެ އޮޑިޝަނަށް ގޮސް އެތަނުގައި ތިބި ބައިވެރިންނާއި ޖަޖުން ވެސް ހެއްވާލި އަމާން ކިޔައިދިނެވެ.
"ބައްޕަ އިންނާނެ ލަވައެއް ވެސް ރިކޯޑްކޮށްފައި. އެ ލަވަ އަކީ، ބައްޕާ ދޭން ވާނޭ ވަލީ، އިންނަން މި އުޅޭ ކުއްޖާ އަށް. އެ ލަވަ. ޖަލުގައި ހުއްޓަސް ވަރަށް ގިނަ ލަވަތައް ހުންނާނެ ބައްޕަގެ. މިސާލަކަށް، ނޭނގޭ މަށަށް، އެއީ ވެސް އެއް ލަވަ. ޅެންވެރިކަމަށް ވެސް ވަރަށް މޮޅު މީހެއް ބައްޕަ އަކީ. ހުސެއިން ނާޒިމް. ގިނަ މީހުން ބައްޕަ ދަންނާނީ އެޗްބީގެ ނަމުން."
ބައްޕަގެ ހުނަރުވެރިކަމެއްގެ ވާހަކަ ކިޔައިދެމުންދިޔައިރު އަމާން ދިޔައީ ބައްޕަގެ ބައެއް ލަވަތަކުގެ ތަންތަންކޮޅު ވެސް ކިޔައިދެމުންނެވެ.
"ބައްޕަ ގޭގައި އުޅުނުއިރު އަބަދުވެސް އޮންނާނެ ހުރިހާ ކުދިން ގޮވައިގެން މިއުޒިކް ކުޅުން. ހަފުތާއަކު ދެ ދުވަހު އޮންނާނެ ހުރިހާ ދަރިންކޮޅު ގޮވައިގެން ބައްޕަގެ މިއުޒިކް ކުޅުން. ވަރަށް މަޖާވާނެ. އެންމެން ވަށް ބޮޅެއްގެ ސިފައަށް އެތުރިގެން ބައްޕަ އިންނާނީ ގިޓާ ހިފައިގެން މެދުގައި،" މާ ކުރީގެ ހަނދާނަކުން ގަނޑެއް ނަގައި އުކާލަމުން އަމާން ބުންޏެވެ.
"ބައްޕައަކީ ވަރަށް ބޮޑު ކްރެޑިޓެއް. އެކަމަކު އެއަށް ވުރެ ބޮޑު ކްރެޑިޓެއް އަޅުގަނޑު ދޭނަން މަންމަ އަށް. އަޅުގަނޑުމެންގެ އުމުރުން އަށް އަހަރާ ހިސާބުން ފެށިގެން އެއީ މަންމަ އަބަދުވެސް. އެހާ ކުޑައިރުއްސުރެން ފެށިގެން މި އުމުރަށް އައިއިރު ވެސް ބައްޕައާ އެކު އެހާ އުޅެވިފައެއް ނެތް."
މޯލްޑިވިއަން އައިޑޮލްގެ އެންމެ ބޮޑު ހަދިޔާ އަކީ ޑިސިޕްލިން!
އަމާންގެ ކެރެކްޓާ ވަރަށް ވެސް މުއްސަންޖެވެ. ނެތް ރަހައެއް ނެތް އިހްސާސެއް ނެތްއިރު އޭނާގެ އަނެއް ހާއްސަ ސިފައަކީ ފޫހިކަމެއް ނެތި އެތަޅާލާ އަނގަ އެވެ. އަދި ސާފުސީދާ ތެދުވެރި ޖަވާބެވެ.
އޭނާ ބުނާ ގޮތުން މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވެގެން އޭނާގެ ދިރިއުޅުމަށް އެތައް ބަދަލެއް އައިސްފައިވާއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަމިއްލަ އަހުލާގަށް އައި ބޮޑު ބަދަލެވެ.
"އެރު ހިޔާލާއި ފިކުރު ހުރީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައި. ކޮންފިއުޒްޑް މައިންޑެއް. ދުނިޔެއަކަށް ރަނގަޅަކަށް ލޮލެއް ނުހުޅުވޭ. ހިތަށް އަރަނީ، ކީއްބާއޭ އަމަން ދެން ލައިފްގައި ކުރާނީ. ދުރަކަށް ނުވިސްނަން. ފަސް އަހަރު ކުރިއަކަށް ނުވިސްނަން،" ލަވަކިޔުމުގެ އިތުރުން ލިޔުންތެރިކަމަށް ވެސް ބޮޑު ޝައުގުވެރިކަމެއް ހުރި އަމާން ކިޔައިދިނެވެ.
"އޭރު ފިޔަވަޅު އެޅީ ފަހަތަށް. މިހާރު ފިޔަވަޅު މި އަޅަނީ ކުރިއަށް."
"އަޅުގަނޑުގެ ފެންވަރު އަދި އެންމެ މަތިންނެއް ނުދެއްކޭ. އޮޑިޝަނަށް ދިޔަ ދުވަހު ވެސް އަޅުގަނޑުގެ އަޑުހުރީ ވޯކަލްކޮށް ވަރަށް ބޮޑަށް ޑެމޭޖުވެފައި. އޭރަކު ނުވިސްނަން އަޑަކާ މެދަކު ވެސް،" އަމާން ބުންޏެވެ.
"އެކަމަކު މިހާރު ހޭލާ ގޮތަށް ދެން މުޅި ދުވަހުހެން އުޅެވެނީ ޕްރެކްޓިސްކުރުމުގައި. ދެން ކާލަން އަދި ނަމާދުކޮށްލަން ނަގާ ވަގުތާއި ގެއަށް ގޮސް ހޭދަކޮށްލާ ވަގުތެއް ލަވަ ފަރިތަނުކުރާ ވަގުތަކަށް ދާނީ. ދެން މުޅިން ވެސް މިތަނުގައި އުޅެނީ ނިދަން ގެއަށް ދަންދެން."
"ވަރަށް ކޮންފިޑެންސާއެކު އަޅުގަނޑު މި ބުނަނީ. އިރާދަކުރެއްވިއްޔާ ދެން ދައްކާނީ ވަރަށް ވަރުގަދަ ޕާފޯމެންސެއް. ވަރަށް ވަރުގަދަކޮށް ލަވަވެސް ކިޔާނީ. ކުރިއަށް ވެސް ދާނެ އިރާދަކުރެއްވިއްޔާ."
ކުރިއަށް އޮތް ޕިއާނޯ ރައުންޑަށް އޭނާ ފަރިތަކުރަމުން އަނީ ދިވެހި މިއުޒިކްގެ ލެޖެންޑް، އީސަގެ ލަވައެކެވެ.
"އެ ލަވައެއް ނުބުނެވޭނެ. އޭތި ބާއްވާނީ ސަޕްރައިޒެއްގެ ގޮތުގައި."
"މީގެ ސަބަބުން އަޅުގަނޑުގެ ދިރިއުޅުމަށް އައި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑިސިޕްލިން. މުޅި ދިވެހި ރާއްޖެ، މުޅި މި މުޖުތަމައު އެކުގައި ބަލާ ޝޯއެއްގައި ފެނި އެނގިގެން ގޮސް އެތައް ބައެއްގެ ސަޕޯޓް ލިބުނީމަ ނުވަތަ މަގުމަތިން ހިނގާލާފައި ދާއިރު މީހުންނަށް ފެނިގެން ގޮވާލުމާއި ކަންމަތީ ފިހާރައަށް ދިޔައީމަ އެތަނުގައި އިންނަ ސޭޓް ވެސް އަދި ސްކޫލް ނިންމާލާފައި މަންމަމެންނާ އެކު ދާ ކުޑަކުދިން ވެސް އަޅުގަނޑު ފެނުނީމަ ގޮވާ އަޑު އިވެނީ އެއޮތް ދަނީ އަމާން ބޭބެއޭ."
"މީހުންނަށް އެނގޭ މިވަރުގެ މަގްބޫލު މީހަކަށްވީމަ ރަނގަޅުކޮށްލަން ބޭނުންވާ ކަންތައްތަކެއް އެބަހުރި. މިސާލަކަށް މަގުމަތީގައި ކުރިން ހިނގާލާފައިދާއިރު ހިނގާލާފައި އެދާ ސްޓައިލްގަނޑާއި މީހުންނަށް ގޮވާލާ ގޮވުމާ އެހުރިހާ އެއްޗެއް ޑިސިޕްލިން ގޮތަކަށް ބަދަލުވުމުން މީހާ އަށް އާދޭ އަސްލު ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
"ކުރީގައި ނަމަ އެއްވެސް ފަރުވާލެއް ނެތް. ވަރަށް އާދައިގެ މީހެއް. މިހާރު މުޅި ލައިފް ބަދަލުވެއްޖެ. އެކަމަކު އެހެން މީހުންނާ އަޅާ ބަލާފައި އަޅުގަނޑު ވަކި މޮޅެކޭ ބުނަނީކީއެއް ނޫން."
އަމާން ބުނީ މީހުން ބަލައިގަންނަ ފެންވަރުގެ މީހަކަށް އޭނާ މިހާރު ބަދަލުވަމުންދާ ކަމަށެވެ. އަދި ކުރިން އުޅެވުނު ދިރިއުޅުމުގެ އަސްލު މަންޒަރު މިހާރު ފެންނަ ކަމަށެވެ.
"މިހާރު އެންމެ ބޮޑަށް ކުރެވޭ އުއްމީދަކީ މިހާރު މި ކުރާ ކަމިުން މީހުން އަޅުގަނޑު ބަލައިގަތުން. ކުރީގަ އުޅުނު އުޅުމަކުން މީހުންނެއް އަމާން ބަލައެއް ނުގަނޭ. އޭތި ވަރަށް ބޮޑަށް އެނގިއްޖެ. މިހާރު އެބަބަލައިގަނޭ. މިހާރު މީހަކަށްވޭ އެބަ. މިހާރު ބޭނުންވަނީ މި ދާއިރާއިން ކާމިޔާބުވެ ވަރަށް ކުރިއަށް ދާން."
އަމާން އަށް މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރެވިދާނެތަ؟
އަމާންގެ އުއްމީދުތައް ވަރަށް ވެސް ބޮޑެވެ. ބޮޑު ނުވާންވީ ސަބަބެއް ވެސް ނެތެވެ.
"އަޅުގަނޑު ހީއެއް ނުކުރަން ތިއޭޓާ ރައުންޑަށް ވެސް ދާނެ ކަމަކަށް. އެހެން ނަމަވެސް މިހާރު މިހުރީ ޓޮޕް ސިކްސްޓީން އަށް ހޮވިފައި. ބުނެދޭން ވެސް ނޭނގޭ ކަހަލަ އިހްސާސްތަކެއް މިހާރު ކުރެވެނީ. ވަރަށް އުފާވޭ." އަމާން ބުންޏެވެ.
"އަސްލު ވަރަށް ބޮޑަށް ގަބޫލުކުރެވޭ (މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރެވިދާނެ ކަމަށް). އެގޮތަށް ގަބޫލުކުރެވޭ ސަބަބަކީ ފެށިއިރަކު ހިތަކަށް ނާރާ މިހާ ހިސާބަކަށް އަންނާނެ ކަމަކަށް. އެކަމަކު މިހާރު އެނގޭ މަސައްކަތްކޮށްފިއްޔާމު އަދި މިއަށްވުރެ ވެސް ކުރިއަށް ދެވިދާނެކަން."
އަމާން ބުނީ އޭނާގެ ހިތުގައި އޭނާ އަކީ އަބަދުވެސް އެންމެ ދަށް މީހާ ކަމަށެވެ. އެންމެ ގަދައަޅައި މަސައްކަތްކުރަން ޖެހޭ މީހާ ކަމަށް ހިތުގެ އަޑިން ގަބޫލުކުރާ ކަމަށާއި އެއީ ލިބޭ ހިތްވަރެއް ވެސް ކަމަށެވެ.
"މިހާރު ލިބިފައި ހުރި ކޮންފިޑެންސަކީ ސަޕޯޓަރުންގެ ސަބަބުން ލިބިފައިވާ ކޮންފިޑެންސެއް. ހުރިހާ ބައިވެރިންނަށް ގަދަ 16 އިން ބަލާ ނަމަ އަޅުގަނޑެއް ނުބުނާނަން ވަކި މިވެނި މީހެކޭ އެންމެ މޮޅީ. އެކަމަކު އެންމެން ވެސް ވަރަށް ވަރަށް މޮޅު،" އަމާން ބުންޏެވެ.
"މިސާލަކަށް ގަދަ 16 އިން ހަތަރު ކުދިން ކަޓާ ނަމަ އަޅުގަނޑު އަބަދުވެސް ބޮލުގައި ބަހައްޓައިގެން ހުންނަނީ އެ ހަތަރު ކުދިންގެ ތެރޭގައި އަޅުގަނޑު ހިމެނޭނެ ކަމަށް. އެހެންވީމަ އަޅުގަނޑޭ ޖެހޭނީ އެންމެ މަސައްކަތްކުރަން. އެއީ ހިތުގައި އޮންނަ ގޮތަކީ."
އަމާން ބުނީ ޝޯގެ މިހާ ހިސާބަށް އައިއިރު ހަގީގަތުގައި އޭނާ ބޭނުންވާ ފެންވަރު ވެސް އަދި ނުދެއްކޭ ކަމަށެވެ.
"އަޅުގަނޑުގެ ފެންވަރު އަދި އެންމެ މަތިންނެއް ނުދެއްކޭ. އޮޑިޝަނަށް ދިޔަ ދުވަހު ވެސް އަޅުގަނޑުގެ އަޑުހުރީ ވޯކަލްކޮށް ވަރަށް ބޮޑަށް ޑެމޭޖުވެފައި. އޭރަކު ނުވިސްނަން އަޑަކާ މެދަކު ވެސް،" އަމާން ބުންޏެވެ.
"އެކަމަކު މިހާރު ހޭލާ ގޮތަށް ދެން މުޅި ދުވަހުހެން އުޅެވެނީ ޕްރެކްޓިސްކުރުމުގައި. ދެން ކާލަން އަދި ނަމާދުކޮށްލަން ނަގާ ވަގުތާއި ގެއަށް ގޮސް ހޭދަކޮށްލާ ވަގުތެއް ލަވަ ފަރިތަނުކުރާ ވަގުތަކަށް ދާނީ. ދެން މުޅިން ވެސް މިތަނުގައި އުޅެނީ ނިދަން ގެއަށް ދަންދެން."
"ވަރަށް ކޮންފިޑެންސާއެކު އަޅުގަނޑު މި ބުނަނީ. އިރާދަކުރެއްވިއްޔާ ދެން ދައްކާނީ ވަރަށް ވަރުގަދަ ޕާފޯމެންސެއް. ވަރަށް ވަރުގަދަކޮށް ލަވަވެސް ކިޔާނީ. ކުރިއަށް ވެސް ދާނެ އިރާދަކުރެއްވިއްޔާ."
ކުރިއަށް އޮތް ޕިއާނޯ ރައުންޑަށް އޭނާ ފަރިތަކުރަމުން އަނީ ދިވެހި މިއުޒިކްގެ ލެޖެންޑް، އީސަގެ ލަވައެކެވެ.
"އެ ލަވައެއް ނުބުނެވޭނެ. އޭތި ބާއްވާނީ ސަޕްރައިޒެއްގެ ގޮތުގައި."