ރިޔާސީ އިންތިހާބު 2023

ރައީސްގެ ކެމްޕޭނަށް ބޭނުންކުރައްވަނީ އަމިއްލަ އުޅަނދެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގައި ދަތުރުކުރެއްވުމަށް އަމިއްލަ އުޅަނދެއް ބޭނުންކުރަން ފަށައިފި އެވެ.

ށ. އަތޮޅަށް ރައީސް އިބްރާހިމް މުހައްމަދް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭންގައި ބޭނުންކުރައްވާ އުޅަނދަކީ އަމިއްލަ އުޅަނދެއް ކަމަށް އެމްޑީޕީން ވެސް ބުނެ އެވެ.

އެމްޑީޕީގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ދައުލަތުގެ އުޅަނދުތައް ދޫކޮށް، އަމިއްލަ އުޅަނދެއް ބޭނުންކުރަން ފެއްޓެވި ހަމައެކަނި ރައީސް އަކީ ރައީސް ސޯލިހް ކަމަށެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ށ. ކޮމަންޑޫ އަށެވެ. ރައީސްގެ މިދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގަންނަވާނެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކީ "އުފާވެރި އަމާންރާއްޖެ" އެވެ.

ރައީސް ސޯލިހް ގެންދަވަނީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.