ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ށ. މަރޮށްޓަށް ރައީސްގެ ގިނަ ވައުުދުތަކެއް

ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެނަމަ ށ. މަރޮށި އަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

މަރޮށީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ ފެށުނީއްސުރެ މަރޮށީގެ ރައްޔިތުންނަކީ ސިޔާސީ ކަންކަމުގައި ވަރަށް އިސްސަފުގައި އެމަނިކުފާނާއި އެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ.

ރައީސް ވިދާޅުވީ މަރޮށްޓަކީ މީގެ ކުރިން ބާކީކުރެވި، އެކަހެރިކޮށްފައި އޮތް ރަށެއް ނަމަވެސް މިހާރު މަރޮށި ވަނީ ރާއްޖޭގެ ޗާޓަށް އަލުން އަނބުރާ ވަދެފައި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފެނާ ނަރުދަމާގެ ނިޒާމާ ގުޅޭ ކޮންޓްރެކްޓު ހަވާލުކުރެވުނު އެއް ރަށަކީ ވެސް މަރޮށި ކަމުގައި ވިދާޅުވި އެވެ.

މަރޮށްޓަށް އެންމެ ފަހުން ވަޑައިގެންނެވި ދަތުރުގައި މަރޮށީގެ ރައްޔިތުން އެދިފައިވަނީ އެ ރަށުގެ ބަނދަރު ތަރައްގީކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތް މިހާރު ނިމުމަކާ ކައިރިވެފައިވާ ކަމަށާއި ބަނދަރު ނިމިގެންދާއިރު މި ބަނދަރަކީ ރާއްޖޭގެ އުތުރުގައި އޮތް އެންމެ ފުރިހަމަ އަދި އެންމެ ފަސޭހަ ބަނދަރަށް ވެގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިޖަލްސާގައި މަރޮށްޓަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ އެރަށުގެ ގިރާ ސަރަހައްދާ ގުޅިގެން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވާފަ އެވެ. އަދި މަރޮށީގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް އެރަށު ރައްޔިތުން އެދޭ ކަމަށްވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅާ ގުޅުވައިގެން ރައީސް ވިދާޅުވީ މަރޮށީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް 40 ހެކްޓަރުގެ ބިން ހިއްކައި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން 50 ހައުސިން ޔުނިޓް މަރޮށީގައި އަޅާނެ ކަމަށެވެ.

މީގެ އިތުރުން މަރޮށީގައި ޒަމާނީ ފެންވަރަށް މަގު ހަދައި، އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވެ އެވެ. އަދި މަރޮށީގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.