ތުރުކީ

އިސްލާމޯފޯބިއާއާ ދެކޮޅަށް މުސްލިމުން އެއްބައިވާންޖެހޭ: އުރުދުޣާން

އިސްލާމޯފޯބިއާ ނުވަތަ މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކާ ދެކޮޅަށް މުސްލިމުން އެއްބައިވެ މަސައްކަތް ކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގޮވާލައްްވައިފި އެވެ.

ރައީސް އުރުދުޣާން މިކަމަށް ގޮވާލައްވާފައި މިވަނީ އެމެރިކާގައި މަސައްކަތް ކުރަމުން އަންނަ ޕާކިސްތާން ޖަމާއަތަކާއި އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މިބައްދަލުުވމުގައި އުރުދުޣާން ވިދާލުވީ އަހަރެމެން ހުރިހާ މުސްލިމުން އެއް ހިތަކާ އެކު މަސައްކަތްކޮށްފިނަމަ މުސްލިމުންގެ ކަރާމަތް ނަގާލުމަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް އެއްވެސް ބަޔަކު ހިތަށްވެސް އަރުވާނުލެވޭނެ ކަމަށެވެ.

"އަހަރެމެންގެ މާތް ކީރިތި ޤުރުއާނަށް އަޟްހާ އީދުގެ ފުރަތަމަ ދުވަހު ސްވިޑްންގައި ކުރި އިހާނަތުން ދައްކައިދެނީ މުސްލިމުންނާ ދެކޮޅަށް އޮތް އިސްލާމޯފޯބިއާގެ ނުރައްކާ އޮތް މިންވަރު،" ނޯތް އެމެރިކާގައި އޮންނަ ޕާކިސްތާނު ދަރިކޮޅުގެ ފިޒިޝަނުންގެ 46 ވަނަ ބައްދަލުވުމަށް ރައީސް އުރުދުޣާން އިއްޔެ ފޮނުއްވި ވީޑިއޯ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

މިފަދަ އިހާނެތި ދެވަނަ އަމަލެއް ކުރިމަތި ވިޔަ ނުދިނުމަށް އުރުދުޣާން ވަނީ އެންމެހާ މުސްލިމުންގެ މައްޗަށް އޮތް މަސްއޫލިއްޔަތުގެ މައްޗަށް ބައްލަވާލައްވާފަ އެވެ.

"އަހަރެމެން އެންމެހާ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް މިފަދަ އިހާނެތި އަމަލުތައް ތަކުރާރު ނުވާނެހެން މަސައްކަތް ކުރުން. އަހަރެމެން ތުރުކީ އިން ވަރަށް ހަރުކަށިކޮށް މިއަމަލުތަކާ ދެކޮޅަށް ތެދުވަން. އަހަރެމެން އެއް ހިތަކާ އެކު މަސައްކަތްކޮށްފިނަމަ މުސްލިމުންގެ ކަރާމަތް ނަގާލުމާއި ދެކޮޅަށް ފުރައްސާރަ ކުރުމަށް އެއްވެސް ބަޔަކު ހިތައްވެސް ނާރާނެ،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވަނީ ތުރުކީ އާއި ޕާކިސްތާނާ ދެމެދު އޮންނަ އަޚުވަންތަކަމުގެ ވަރުގަދަ ގުޅުން ފާހަގަކޮށް އެ ގުޅުމަކީ ޚާއްސަ ގުޅުމެއް ކަމުގައިވެސް މި ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.