ފިނިޕޭޖް

ވިކްޓާ ވެމްބަންޔާމާގެ ސެކިއުރިޓީ ދެކެ ބްރިޓްނީ ރުޅިއައިސްފި

ބާސްކެޓް ބޯޅަ ކުޅުންތެރިއެއް ކަމުގައިވާ ވިކްޓާ ވެމްބަންޔާމާ، 19، އާ ބައްދަލުކުރުމަށް އުޅުމުގެ ތެރޭގައި ލަވަކިއުންތެރިޔާ ބްރިޓްނީ ސްޕިއާޒް، ވިކްޓާގެ ސެކިއުރިޓީ ޓީމު ދެކެ ރުޅިއައިސްފި އެވެ.

ބްރިޓްނީ، 41، އަކީ ވިކްޓާގެ ފޭނެކެވެ. އަދި ބްރިޓްނީ އާއި ފިރިމީހާ ސޭމް އަސްގާރީ އާއި ދެ ރައްޓެހިން ކާން ދިޔަ ރެސްޓޯރަންޓަށް ވަންނަނިކޮށް ވިކްޓާ ދާތަން ފެނުމުން، ވިކްޓާއާ ބައްދަލުކުރުމަށް ޝައުގުވެރިވެގެން އުޅުމުގެ ތެރޭގައި ވިކްޓާގެ ސެކިއުރިޓީ މީހެއްގެ ފަރާތުން ބްރިޓްނީއަށް އަނިޔާވި ކަމަށް ބްރިޓްނީ ތުހުމަތުކޮށްފައިވެ އެވެ.

ބްރިޓްނީ މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ޕޮލިސް ރިޕޯޓެއް ފައިލްކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައިވެސް ޕޯސްޓްކޮށްފައި ވެއެވެ.

ބްރިޓްނީ ބުނީ ވިކްޓާގެ ސެކިއުރިޓީ މީހަކު އޭނާގެ މޫނުގައި ޖެހި ކަމަށެވެ. އަދި އޭނާ މިއުޒިކް އިންޑަސްޓްރީގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ކަމަށާއި އެންސީންކް ފަދަ އެތައް މަޝްހޫރު ބޭންޑާއި ސެލެބްރިޓީންނާވެސް ދިމާވިއިރު މިހާތަނަށް އެއްވެސް ސެކިއުރިޓީ މީހަކު ފޭނެއްގެ ގައިގައި ޖަހާ އަނިޔާކުރި ތަން ފެނިފައި ނުވާ ކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން ވިކްޓާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އެރޭ ރެސްޓޯރަންޓަށް ދިޔައިރު މީހަކު ގޮވި އަޑު އިވުނު ކަމަށާއި ސެކިއުރިޓީން ބުނީ ނުބަލައި، މަޑުނުކޮށް ކުރިއަށް ދިއުމަށް ކަމަށެވެ. ސަބަބަކީ މީހުން އެއްވާނެތީ އެވެ. އަދި މީހަކު ފަހަތުން ކޮނޑުގައި ހިފައިގެން ކަމަށާއި އޭނާ އެނބުރުމުގެ ކުރިން ސެކިއުރިޓީން އެމީހަކު ދުރުކޮށް، ކުރިއަށް ދާން ބުނި ކަމަށެވެ. ސެކިއުރިޓީ އެ މީހަކު ދުރުކުރުމުގައި ބޭނުންކުރީ ކިހާވަރެއްގެ ބާރެއްކަން ނޭނގޭ ކަމަށާއި އޭނާގެ ގައިގައި ހިފީ ބްރިޓްނީ ސްޕިއާޒްކަން އެނގުނީ މާފަހުން ކަމުގައިވެސް ވިކްޓާ ބުންޏެވެ.

ބްރިޓްނީ މިކަން ދޮގުކޮށް ބުނީ ވިކްޓާގެ ގައިގައި ނުހިފާ ކަމަށާއި އޭނާގެ ސަމާލުކަން ހޯދުމަށް ބުރަކަށީގައި ޓަކިޖަހާ ގޮތަށް އަތްޖައްސާލި ކަމަށެވެ.

ލާސް ވޭގަސް މެޓްރޯ ޕޮލިސް ޑިޕާޓްމަންޓުން ތަހުގީގުކުރުމަށްފަހު ބުނީ އެއްވެސް މީހަކަށް ދައުވާ ނުކުރާނެ ކަމަށާއި އެ ސެކިއުރިޓީ މީހާ ފަހަތަށް ނުބަލާ ވަރަށް ބާރަށް އަތްފޮޅުވާލުމުން ބްރިޓްނީގެ އަތްވިއްސައިގެންގޮސް މޫނުގައި ޖެހުނީ ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނީ ސެކިއުރިޓީ މީހުންނަށް ވެސް އެއީ ބްރިޓްނީކަން އެވަގުތު ނޭނގޭ ކަމަށެވެ. އަދި އެ ސެކިއުރިޓީ މީހާ ވަރަށް ބާރަށް އަތްފޮޅުވާލުމުން އޭނާގެ އަތް ބްރިޓްނީގެ މޫނުގައި ޖެހި އޭނާގެ އަވިއައިނު ވިއްސައިގެން ދިޔަ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ފުރަގަހުގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއެއް ޓީއެމްޒީއިން ޕޯސްޓްކޮށްފައިވެ އެވެ.

ވީޑިއޯއިން ފެންނަނީ "އެކްސްކިއުޒް މީ" ބުނަމުން ބްރިޓްނީ އޭނާއަށް ވުރެ ދެ ފޫޓު ދިގު ވިކްޓާއާ ފުރަގަހުން ކައިރިވާ ތަނެވެ. އަދި ބްރިޓްނީ އަތްނަގާފައި ކިރިޔާ ވިކްޓާގެ ބުރަކަށީގައި އަތްޖެހޭ ހިސާބުން ސެކިއުރިޓީ މީހަކު ބްރިޓްނީގެ އަތް ފޮޅާލަ އެވެ. އެއާ އެކު ބްރިޓްނީ ރުޅިއައިސްގެން މިއީ އެމެރިކާ ކަމަށް ބުނެ ހަޅޭއްލަވައެވެ. ވިކްޓާ ފަސް އެނބުރި ބަލާވެސް ނުލައި ހިނގަމުންދާ މަންޒަރުވެސް ފެނެ އެވެ.