ކުރިން އޮތް އަނިޔާވެރިކަން އަނބުރާ ގެނައުމަށް ފުރުސަތު ނުދޭނެ ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މާލިމީ ކަމުގައި އެމްޑީޕީގެ އޮޑި "އުފާވެެރި އަމާން ރާއްޖެ" އަކަށް ވަރަށް އަވަހަށް ބަނދަރުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ފޯކައިދޫގައި ކުރިއަށްދާ ޖަލްސާގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީން 2018ގެ ކެމްޕޭން ފެށީ އެއްވެސް ހުސް އަތާ ކަމަށެވެ.
"ކޮއްތެއް ފެނެއް ދަރެއް އެއްވެސް އެއްޗެއް ނުލައި. ހަމައެކަނި ގަދަ ހިތްވަރާއި ވަރުގަދަ އަޒުމާ އެކީގައި،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައިގެން 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށީ ހާއްސަ މަންޒިލެއް އޮވެގެން ކަމަށެވެ. ނަމަވެސް އެއީ ފަސޭހަ ދަތުރެއް ނޫން ކަމަށާއި ނަމަވެސް މަންޒިލަށް ފޯރީ އުއްމީދު ކުރި ގޮތަށް ކަމުގައި ވިދާޅުވި އެވެ.
"އެދަތުރުގައި ބިޔަ ބޮޑެތި ރާޅުތަކާ ކުރިމަތިވި. ބިރުން ފިއްކަޑައިގެންދާ ވަރުގެ ކޮޅިގަނޑުތަކާ އަޅުގަނޑުމެންނާ ދިމާވި. އެހެންނަމަވެސް އޮޑިދިޔައީ ނަގާ ރާޅަކަށް މޫސުމުގެ އޮޔާ ވަޔަށް ބެލުމެއް ނެތި މަންޒިލް އަތުލުމަށް. އެންމެންގެ ހިތްވަރާއި އެއްބާރުލުމުގެ ސަބަބުން ބިރުވެރި ނުރައްކާތެރި ދަތުރަކަށް ފަހު އަމާން މަންޒިލަކަށް ބަނދަރުކުރެވުނު،" ފައްޔާޒު ވިދާޅުވި އެެވެ.
އެކަމަކު ރައީސް ސޯލިހް ވެރިކަމާ ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަގުދީރު ނިޔާކުރި ގޮތުން ދިމާވީ ހިތާމަވެރި ހިތްދަތި ދުވަސްތަކެއް ކަމަށެވެ. ފައްޔާޒު އެ އިޝާރާތް ކުރައްވަނީ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ދަތިތަކަށެވެ. އެހެންވެ ފައްޔާޒު ވިދާޅުވީ ކަނޑުވުމާ ގުޅިގެން އަލުން ބަލުން ޖެހުނީ ދަތުރަށް ފަށަން ކަމަށެވެ. އެދަތުރުކުރަން ޖެހުނީ މާދަތި ހާލަތުގައި ކަމަށްވެސް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެ ހުރިހާ ގޮންޖެހުންތަކާ ހުރަސްތަކާ އެކު ވެސް ރައީސް ސޯލިހް މާލިމީ ކަމުގައި އަމާން ބަނދަރަކަށް ވާސިލްވެފައިވާ ކަމަށެވެ. ރައީސް ސޯލިހް ވަނީ ދިވެހިން ބޭނުންވާ ހެޔޮވެރިކަން ގާއިމުކޮށްދީ ގައުމުގެ ތަރައްގީގެ ބިންގާތައް އަޅުއްވައިދެއްވާފައި ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެއީ މިގައުމުގެ ތާރީހުގައިވެސް ނުދެކޭ ވަރުގެ ތަރައްގީ ކަމަށްވެސް ސިފަކުރެއްވި އެވެ.
"ރައްޔިތުންގެ މިނިވަންކަން ކަށަވަރުކޮށްދެއްވައިިފި. މުޅި ދުނިޔެއަށް ދިމާވި އާލަމީ ވަބާގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވިޔަ ނުދީ އެއްހަމައެއްގައި ހިފެހެއްޓެވި،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ މިރެއަކީ އުފާވެރި އުއްމީދީ ރެއެއް ކަމަށެވެ. އެމްޑީޕީގެ އާ އޮޑީގައި އާ މަންޒިލަށް މިރޭ މިވަނީ ދަތުރު ފެށިފައި ކަމަށާއި މިދަތުރުގެ މަންޒިލަކީ "އުފާވެެރި އަމާން ރާއްޖެ"އެއް ހޯދުން ކަމަށްވެސް ވިދާޅުވި އެވެ. އަދި މިރޭ ދަތުރު ފެށި އުފާވެެރި އަމާން ރާއްޖެއަށް ދެވޭނެ ކަމަށް އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިފަހަރު މިދަތުރުގެ ތަފާތަކީ ކުރިއާ ހިލާފަށް އަޅުގަނޑުމެން މިތިބީ ވަރަށް ވަރަށް ވަރަށް ގަދަކޮށް. އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތާއި ތެލާއި ފެނާ އަރުވާ ބަރުކޮށްލާފައި. އަޅުގަނޑުމެންގެ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރުގެ ބާރު ވަރުގަދަ އިންޖީނު އަޅާލާފައި އަޅުގަނޑުމެންގެ އޮޑީގައި މިއަދު މިފުރަނީ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަލަށް މި ފެށި ދަތުރުގައި ފަސް އެނބުރި ބެލުމެއް ނެތް ކަމަށާއި ދޫކުރުމެއް ވެސް ނެތް ކަމަށެވެ. ކުރީގެ އަނިޔާވެރި ވެރިކަން އަލުން އިއާދަކުރަން ފުރުސަތުވެސް ނުދެއްވާނެ ކަމަށެވެ.