ވިޔަފާރި

އުންމީދާއެކު ރާއްޖެ އައިޓީބީ ފެއާއަށް ފުރިހަމައަށް ތައްޔާރުވެފައި

  • އައިޓީބީ ފެއާގެ މެއިން ސްޕޮންސާއަކީ ރާއްޖެ
  • ފެއާގެ 30 ހޯލުން ރާއްޖޭގެ އިޝްތިހާރު ފެންނާނެ
  • ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ބޮޑު

ޖަރުމަނުގައި އަންނަ މަހު ބާއްވާ "އައިޓީބީ ފެއާ" ގެ މެއިން ސްޕޮންސާގެ ގޮތުގައި އުންމީދާއެކު ރާއްޖެ މި ފެއާއަށް ފުރިހަމައަށް ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 9-13 އަށް ބާލިންގައި ބާއްވާ އައިޓީބީ ފެއާ ބެހޭ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް (މޯޑު) ވިދާޅުވީ މި ފެއާގައި ހޮސްޓް ކަންޓްރީގެ ގޮތުގައި ބައިވެރިވާ ގައުމަށް އިޝްތިހާރު ކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭން ގިނަ އިޝްތިހާރުތަކެއް ނަގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިޓީބީގައި ބާއްވާ ގާލާ ޑިނާވެސް ހޮސްޓް ކުރަން ޖެހޭނެ. މި ގާލާ ޑިނާއަށް 2،000 މީހުންނަށް ރާއްޖޭގެ ފަރާތުން ދައުވަތު ފޮނުވާނެ. މީގެ ތެރޭގައި އެކި ގައުމުތަކުގެ 100 އަށްވުރެ ގިނަ މިނިސްޓަރުން ވެސް ހިމެނޭ. މީގައި އެންމެ މުހިންމު ކަމަކީ ރާއްޖޭން ހުށަހަޅައިދޭ އައިޓަމް،" ސަރުކާރުގެ މާކެޓިން ކުންފުނީގެ، ޑީއެމްޑީ، މޯޑު ވިދާޅުވި އެވެ.

ރާއްޖޭން ވަނީ އައިޓީބީ ފެއާއަށް ހާއްސަކޮށްގެން ރާއްޖޭން ސަގާފީ ހަރަކާތްތަކާއެކު ހާއްސަ ޑިޒައިންއަކަށް ރާއްޖޭގެ ސްޓޯލްތައް ފަރުމާ ކުރާނެ އެވެ.

އެމްއެމްޕީއާރުސީގެ ޑީއެމްޑީ މޯޑު ވިދާޅުވީ އައިޓީބީ ފެށުމުގެ ކުރިން މިމަހުގެ ތެރޭގައި ވެސް ހާއްސަ ޕްރެސްކޮންފަރެންސެއް ރާއްޖޭން ބޭރުގައި އޮންނާނެ ކަމަށާއި، އަދި އައިޓީބީ ފެއާގެ ތެރޭގައި ވެސް ރާއްޖެއަށް ހާއްސަ ނިއުސް ކޮންފަރެންސެއް އޮންނާނެ ކަމަށެވެ.

"ކުރިން އައިޓީބީ ފެއާގައި އަޅުގަނޑުމެން [ރާއްޖޭ] ގެ އިންނަނީ 405 ސްކެއާ މީޓަރުގެ ސްޓޭންޑެއް. ނަމަވެސް މި އަހަރު 600 ސްކެއާ މީޓަރަށް ހެދިފައި. ދެ ބުރިއަށް ސްޓޭންޑް ހެދިފައިވާނެ. މީގެ އިތުރުން ވެސް އިތުރު ހޯލެއްގައި ވެސް އެޑްވެންޗާ ޓޫރިޒަމް ސްޓޭންޑެެއް ވެސް އޮންނާނެ. މީގެ އިތުރުންވެސް ސްޓޭންޑެއް ހުންނާނެ،" މޯޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން އައިޓީބީގައި ދެ ތިން އިޝްތިހާރެއް ހުރިނަމަވެސް، މި ފަހަރު އައިޓީގެ 30 ހޯލުގައި ވެސް ރާއްޖޭގެ އިޝްތިހާރު ފެންނާނެ ކަމަށެވެ.

"ހުރިހާ އިޝްތިހާރެއް ނަގާފައިވާނެ. ސްޓޭންޑުގެ ހަރަކާތްކާއެކު ކުރިއަށް ދާނެ،" މޯޑު ވިދާޅުވި އެވެ.

އައިޓީބީ ފެއާގެ މެއިން ސްޕޮންސާގެ ގޮތުގައި ބައިވެރިވުމުން އެހެން ގައުމުތަކުގެ ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މޯޑް ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭން މި ފެއާއަށް އިންވެސްޓްކުރި އަދަދުގެ 43 ޕަސެންޓް އިތުރަށް ރިޓާން އެންޑް އިންވެސްޓްމަންޓްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވިފައިވާ ކަމަށް މޯޑު ވިދާޅުވި އެވެ.

"އިންޑިޔާ، ތުރުކީ އަދި އިންޑޮނޭޝިޔާ ފަދަ ތަންތަނުން ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު. އައިޓީބީއަށް އެކި ދިމާދިމާލުން އަންނާނީ،" މޯޑު ވިދާޅުވި އެވެ.