ބޮލީވުޑް

އަހަރެއް ފަހުން ޕަރިނީތީ އަށް ކުޅޭނެ ފިލްމެއް ލިބިއްޖެ

Feb 10, 2016

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން 2011 ވަނަ ބޮލީވުޑަށް ތައާރަފުވި ޕަރިނީތީ ޗޯޕްޅާ އަށް މާކާމިޔާބު ފިލްމުތަކެއް މިހާތަނަށް ކުޅެވިފައެއް ނެތެވެ. ދެހާސް ސާދަވަނަ އަހަރު ނިކުތް "ކިލް ދިލް" އިން އެންމެފަހުން ފެނިގެން ގޮސްފައިވާ ޕަރިނީތީ ވަނީ އެފިލްމުގެ ނާކާމިޔާބާއެކު ގެއްލިގެން ގޮސްފަ އެވެ.

ހިތްހަމަޖެހޭ ވަރުގެ ފިލްމެއް ނުލިބުމުގ ސަބަބުންނާއި ބިޔަކޮށް ހުރި ހަށިގަނޑު ހިއްކާލުމަށް ވަގުތު ބޭނުންވެގެން ޕަރިނީތީ ވަނީ މިދިޔަ އަހަރު އެއްވެސް ފިލްމެއް ކުޅެފައެއްނުވެ އެވެ.

މިފަހުން ޕަރިނީތީގެ ހިއްކާލާފއިވާ ހަށިގަނޑުގެ ފޮޓޯތަކެއް ސޯޝަލް މިޑީއާގައ ދައުރުވާން ފެށި ހިސާބުން، އޭނާ ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަނީ ކަމަށް ބުނަމުން އައި ވާހަކަތަކަށް މިވަނީ ނިމުން އައިސްފަ އެވެ.

އިއްޔެގެ ވަގުތެއްގައި ޔާޝް ރާޖްގެ އޮފިޝަލް ޓްވިޓާއިން ކުރި ޓްވީޓެއްގައި ވަނީ މިއަހަރުގެ އެމީހުންގެ މިއަހަރުގެ ދެވަނަ އެންމެ ބޮޑު ޕްރޮޖެކްޓް އިއުލާންކޮށްފަ އެވެ. ޔާޝް ރާޖުން އާންމުކުރި ވީޑިއޯއެއްގައި ވަނީ "މެރި ޕިޔާރީ ބިންދޫ"ގެ ބަތަލާ އަކަށް ޕަރިނީތީ ހަމަޖައްސާފައިވާކަން އަންގާފަ އެވެ. އަދި ޕަރިނީތީ އާއެކު މިފިލްމުގެ ބަތަލުގެ ރޯލުން ފެނިގެންދަނީ އާޔުޝްމާން ކުރާނާ އެވެ.

މިފިލްމުގެ ބަތަލާގެ ރޯލަށް ހަމަޖެއްސުމާއި ގުޅިގެން ޕަރިނީތީ މިވީޑިއޯގައި ވަނީ އަހަރެއްހާ ދުވަސް ފަހުން އޭނާ އިންތިޒާރުކުރަމުން އައި ކަހަލަ ފިލްމެއް ލިބިއްޖެ ކަމަށާއި ދެން ކުޅޭ ފިލްމެއްގެ ގޮތުގައި މިފިލްމު ކުޅެން ސޮއިކޮށްފައިވާ ކަމަށެވެ.

އިތުރަށް މިފިލްމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޕަރިނީތީ ވަނީ މިފިލްމުގައި އޭނާ ކުޅެނީ ލަވަކިޔުންތެރިއެއްގެ ރޯލުކަމަށާއި ވީޑިއޯއިން އަޑުއިވިގންދާ ލަވައަކީ އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ކަމަށް ބުނެފަ އެވެ. "މާނާކީ ހަމް ޔާރް ނަހީ" މިލަވަ އޭނާ ކިޔާފައިވަނީ ފިލްމުގެ ޑައިރެކްޓަރު އެގޮތަށް ބޭނުންވެގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުންވެސް ޕަރިނީތީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ކަހަލަ ފިލްމެއް ލިބުމުން އެކަމާ އުފާކުރާ ކަމަށް ބުނެފަ އެވެ.

"މެރި ޕިޔާރީ ބިންދޫ" އަކީ ލޯބީގެ ފިލްމެކެވެ. ޕެރިހުގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ މިފިލްމު ޕްރޮޑިއުސްކުރަނީ މަނީޝް ޝަރްމާ އެވެ. އަދި މިފިލްމު ޑައިރެކްޓުކުރަނީ މުޅިން އަލަށް ޑައިރެކްޝަން ގޮނޑީގައި އިށީންނަ އަކްޝޭ ރޯއި އެވެ.