ރިޔާސީ އިންތިހާބު އަންނައިރު އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ނުތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްގެ މައި ހަރުގެ -- "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އީވާ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭވެސް ރައީސް ސޯލިހާއި ފެއަށް ޖެހޭނެ ކަމަށެވެ.
އީވާ ވިދާޅުވީ އަންނަ މަހު މި ދުވަހާ ހަމައަށް އަންނައިރު އަދާލަތު ޕާޓީއާ އެމްޑީއޭ، ރައީސް ސޯލިހު އަރިހުގައި ނުތިބޭނެ ކަމަށެވެ.
ރައީސް ސޯލިހަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ރައީސް ސޯލިހުގެ ވެރިކަން ނިމޭނެ ކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އިންތިހާބުތަކުގައި ކެންޑިޑޭޓުން އެ ކެންޑިޑޭޓެއް ނިސްބަތްވާ ޕާޓީގެ ވޯޓު ކަށަވަރު ކުރައްވާ ކަމަށާއި ނަމަވެސް އެމްޑީޕީ ދެބައިވުމުން އެތައް ވޯޓެއް ގެއްލިފައިވާ ކަމަށެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކާއި ކުރީގެ އިންތިހާބުތަކަށް ބަލާއިރު ޕާޓީތަކަށް ވޯޓު ބެހި ބާކީ ވަނީ 70،000 ވޯޓު ކަމަށާއި އެއީ 29 ޕަސަންޓް ކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ޕީޕީއެމްއަށް 80،000 ވޯޓު ލިބޭނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް ކުރީން ހޯއްދެވި އަދަދަށް ވޯޓު ހޯއްދަވާނެ ކަމަށެވެ.
މީގެ އިތުރުން އެމްއެންޕީއަށް 7،000 ވޯޓު އަދި އެމްއާރްއެމްއަށް 5،000 ވޯޓު ލިބޭނެ ކަމަށް އީވާ ވިދާޅުވި އެވެ.