ބޭރު ކުޅިވަރު

އަހަރެންގެ ނިންމުން ބަދަލުކުރެވޭނީ އަންހެނުންނާއި ގާޑިއޯލާ އަށް: ބުސްކެޓްސް

އޭނާ ކުޅޭނެ ކުލަބެއް ނިންމުމުގެ އިހްތިޔާރު އޮތީ އޭނާގެ އަންހެނުންނާއި ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ބުނެފި އެވެ.

އުމުރުން މިހާރު 27 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ އަންނަ ސީޒަނުގައި އޭނާ މެންޗެސްޓާ ސިޓީ އަށް ގެންދަން އުޅޭ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ. ސިޓީ އަކީ އަންނަ ސީޒަނުގައި ގާޑިއޯލާ ކޯޗުކޮށްދޭނެ ކުލަބެވެ.

"އަހަރެންގެ ނިންމުމެއް ބަދަލު ކުރެވޭނީ ދެ މީހަކަށް. އެއީ އަހަރެންގެ އަންހެނުންނާއި ގާޑިއޯލާ އަށް. އޭނާ އާއި އަހަންނާ ވަރަށް ގާތް ގުޅުމެއް އޮވޭ. އަހަރެން ފުޓްބޯޅަ ދަނޑަށް ނެރެދިން މީހަކީ ވެސް ގާޑިއޯލާ. އަލުން އޭނާއާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލަކަށްވާނެ،" ބުސްކެޓްސް ބުންޏެވެ.

ނަމަވެސް ބުސްކެޓްސް ބުނީ އަބަދުވެސް އޭނާ އެންމެ ލޯބިވާ ކުލަބަކީ ބާސެލޯނާކަން ގާޑިއޯލާ އަށް ވެސް އެނގޭނެ ކަމަށާއި އެކުލަބާ ވަކިވާން ގާޑިއޯލާ ބުނާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

"އޭނާ އަށް އެނގޭނެ އަހަރެންގެ ކުލަބަކީ ބާސެލޯނާކަން. އަހަރެން އުއްމީދެއް ނުކުރަން އޭނާ އަހަރެން ބާސެލޯނާއިން ވަކިވާށޭ ބުނާނެކަމަށް،" ބުސްކެޓްސް ބުންޏެވެ.

އޭނާ އަދި ބުނީ ޕްރެމިއާ ލީގުގައި ކުޅެން ބަލާއިރު ސިޓީއާ އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ހޯސޭ މޮރީނިއޯ ހަވާލުވެއްޖެނަމަ ކުރީގެ ހިތިހަނދާންތައް އާވާނެ ކަމަށެވެ.

"އަހަންނާއި މޮރީނިއޯއާ އޮތީ ގޯސް ގުޅުމެއް. (އޭނާގެ ސަބަބުން) ރެއާލް މެޑްރިޑާއި ބާސެލޯނާގެ ތަޅާފޮޅަން ޖެހުމަކީ ވަރަށް ގޯސްކޮށްވި ކަމެއް. އެއީ އަހަރުމެން (ކުޅުންތެރިންނަށް) ވެސް އަދި ސްޕޭނުގެ ފުޓްބޯޅަ އަށް ވެސް ސްޕޭނުގެ ގައުމީ ޓީމަށް ވެސް ރަނގަޅު ގޮތެއްނޫން،" ރެއާލްގެ ކޯޗުކަމުގައ މޮރީނިއޯ ހުރި ދުވަސްވަރު ބާސެލޯނާ އާއި ރެއާލްގެ ކުޅުންތެރިންގެ މެދުގައި އުފެދުނު މައްސަލަތަކަށް އިޝާރާތްކޮށް ބުސްކެޓްސް ބުންޏެވެ.

ބުސްކެޓްސް ގެންދަން ސިޓީން މަސައްކަތް ކުރާނެ ކަމަށް ނޫސްތަކުން ބުނާއިރު އޭނާ ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކާ ބުނީ އޭނާއާއެކު ބާސެލޯނާ އަށް ކުޅުނު ގާޑިއޯލާގެ ސަބަބުން ބާސެލޯނާގެ ކުޅުންތެރިން އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ބުސްކެޓްސް އަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށެވެ.

"މިސީޒަނުގައި އެންމެ ގިނަ ވަގުތު ދަނޑުމަތީގައި ހުރި އެއް ކުޅުންތެރިއަކީ އޭނާ. މީގެއިން އެބައެނގޭ އޭނާ އަކީ އަހަރުމެންނަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން. ގާޑިއޯލާ ސިޓީ އަށް ދިއުމަކީ އަހަރުމެންގެ ކުޅުންތެރިންނަށް އަސަރުކުރާނެ ކަމެއްނޫން،" އެންރީކޭ ބުންޏެވެ.