މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރެން ކުޅުނު 30 މިނިޓްގެ ފަހު ވަގުތުކޮޅު އެންޖެލޯ ޖެހި ލަނޑުން 2-1އިން ވެސްޓްހޭމް އަތުން ބަލިވެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުން ލިވަޕޫލް ކަޓައިފި އެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ވެސްޓްހޭމް އެވެ. އެއީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އެންޓޯނިއޯ ޖެހި ލަނޑުންނެވެ. ލިވަޕޫލަށް އެއްވަރުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ބްރެޒިލްގެ ފިލިޕް ކޫޓީނިއޯ އެވެ. މިއީ ފާއިތުވެދިޔަ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް 60 މިނިޓަށް ފަހު ކޮޗު ކްލޮޕް ވަނީ އޭނާ ބަދަލުކޮށްފަ އެވެ.
ވަރަށް ޒުވާން ޓީމެއް ނެރުނު ލިވަޕޫލަށް މެޗުން މޮޅުވާން ގިނަ ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް އެންމެ ކުރިއަށް ކުޅުނު ފޯވަޑް ކްރިސްޓިއަން ބެންޓެކޭ އަށް ލިބުނު ގިނަ ފުރުސަތުތައް އޭނާ ވަނާ ނަގާލައިފަ އެވެ.
ނަމަވެސް މެޗަށް ފަހު ކޯޗު ކްލޮޕް ބުނީ ހުސްކޮށް ލިބުނު އެތައް ފުރުސަތުތަކަކުން ލަނޑު ނުޖެހުމަކީ ބެންޓެކޭގެ ކެރިއަރުގައި އުފާވެރި ވަގުތެއްނޫން ކަމަށެވެ.
"އޭނާ މަސައްކަތްކުރި ގޯލު ޖަހަން. އަހަރުމެން ވެސް ބޭނުން އޭނާ ގޯލުޖަހަން. އެކަމަކު މި މެޗަކީ އޭނާ އަށް އުފާވެރި މެޗެއްނޫން. އަހަރުމެން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނަން މިކަން ރަނގަޅު ކުރަން،" ކޯޗު މެޗަށް ފަހު ބުންޏެވެ.
ލިވަޕޫލް އެފްއޭކަޕުން ކެޓުމުން މި ސީޒަނުގައި ބާކީ އޮންނާނީ ތިން މުބާރާތެކެވެ. އެއީ އިނގިރޭސި ލީގާއި ޔޫރޮޕާ ލީގު އަދި ކެޕިޓަލްވަން ކަޕެވެ. މީގެ ތެރެއިން މި މަހުގެ ފަހުކޮޅު ކެޕިޓަލްވަން ކަޕުގެ ފައިނަލުގައި ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.