ހައިކޯޓް

ނަދީމުގެ މަރު: ދައުވާ ލިބޭ މީހުން ބަންދުގައި ބޭތިއްބުމަށް އެދިއްޖެ

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ އިސްތިއުނާފް ޝަރީއަތްތައް ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެ އެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމަށެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ މި މީހުން މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.

ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިއަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު އެވެ.

ހައިކޯޓުގައި މިއަދު އޮތް އިސްތިއުނާފް އަޑުއެހުމަށް ދައުވާ ލިބޭ މީހުންގެ ތެރެއިން ހާޒިރުވީ މަފާޒާއި ޝާމިން އެވެ.

ދައުލަތުން ބުނީ ދައުވާ ލިބޭ މީހުންނަށް ދައުވާކުރަނީ މަރުގެ މައްސަލައަކަށް ވެފައި ދައުވާ ލިބޭ މީހުންގެ މައްސަލަ ދަށު ކޯޓުގައި ނިމުނު ފަހުންވެސް ދައުވާ ލިބޭ ބައެއް މީހުންގެ ކުށުގެ ރެކޯޑް ހުރުމުން އެ މީހުން ބަންދުގައި ބޭތިއްބުމަށް އެދޭ ކަމަށެވެ.

ދައުވާ ލިބޭ މީހުން ހައިކޯޓުގައި އެދުނީ ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެކަމަކު ފަނޑިޔާރުން ނިންމެވީ އެކަމަށް ތިން ދުވަސް ދިނުމަށެވެ.

ދައުވާ ލިބޭ މީހުންނަށް ވަކީލަކު ހަމަޖައްސަން ދިން މުއްދަތުގައި އެ މީހުން ބަންދުނުކުރަން ފަނޑިޔާރުން ނިންމެވުމާ ގުޅިގެންވެސް ދައުލަތުން ވަނީ އެމީހުން ދޫވެފައި ތިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެ އެ މީހުން ބަންދުކޮށްދިނުމަށް އެދިފަ އެވެ.

އެކަމަކު ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ވަކީލުން ހަމަޖެއްސުމަށް ދިން މުއްދަތަށްފަހު ބާއްވާ އަޑުއެހުމުގައި ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށެވެ.

ހައިކކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝަހީދެވެ. ދެން ތިއްބަވަނީ ފަނޑިޔާރު ހުސައިން މަޒީދު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.