ފިނިޕޭޖް

ބިޔޯންސޭގެ މަންމަގެ ގެއިން ވައްކަންކޮށްފި

ބިޔޯންސޭގެ މަންމަ އަދި ވިޔަފާރިވެރިޔާ ޓީނާ ނޯލްސްގެ ލޮސް އެންޖަލިސް ގެއިން ވައްކަންކޮށްފި އެވެ.

އުމުރުން 69 އަހަރުގެ ޓީނާ އާއި ފިރިމީހާ ރިޗަޑް ލޯސަން، 76، ގެ ގެއިން އެއް މިލިއަން ޑޮލަރުގެ ގަހަނާއާއި ނަގުދު ފައިސާ ހުރި ތިޖޫރީއެއް ވަގަށް ގެންގޮސްފައިވާ ކަމަށް ޓީއެމްޒީން ރިޕޯޓްކޮށްފައިވެ އެވެ.

ޓީނާގެ ގެއިން ވައްކަންކޮށްފައިވަނީ އޭނާ ރަށުން ބޭރުގައި ވަނިކޮށެވެ. އަދި ވައްކަންކުރިކަން އެނގިފައިވަނީ މިދިޔަ ބުދަ ދުވަހު ޓީނާ ދަންނަ މީހަކު އެގެއަށް ދިއުމުންނެވެ.

މިގެއަށް ވަގުން ވަދެ ތިޖޫރީ ވަގަށް ގެންދިޔަ ގޮތް ސާފުވެފައެއް ނުވެ އެވެ. ޕޮލިހުން ދަނީ ސެކިއުރިޓީ ވީޑިއޯ ފުޓޭޖް ބަލައި، މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މިދިޔަ އޭޕްރިލްގައި ޓީނާގެ ގޭގެ މެއިލްބޮކްސްއަށް މީހަކު ގައު އުކާތީވެސް ޕޮލިހަށް ގުޅާފައިވެ އެވެ. ޕޮލިސް އައުމުން އެމީހާ ފިލިނަމަވެސް\ އެގޭ ކައިރީގައި ދުއްވި ހެލިކޮޕްޓަރެއްގެ އެހީގައި އެމީހާ ވަނީ އަތުލައިގަނެފަ އެވެ. އެމީހާ ސިކުނޑި ހަމަނުޖެހޭ ޒާތަކަށް އުޅުމުން، އޭނާލީ ނަފްސާނީ މީހުން ގެންގުޅޭ ތަނަކަށެވެ.

ބިޔޯންސޭގެ ފިރިމީހާ ޖޭޒީ އަދި ތިން ކުދިން މިހާރު ވީ ބިޔޯންސޭގެ ރެނޯސަންސް ޓުއާއަށް ކެނެޑާގެ ޓޮރޮންޓޯއަށް ގޮސްފަ އެވެ. ޓީނާވެސް މި ޓުއާގައި ބައިވެރިވާނެ އެވެ.