މުހައްމަދު ނާޒިމް

މާލެ ރައްޔިތުންނަށް ގޯތި ހާއްސަކުރުން: ނާޒިމަށް ނަސްލީ ތަފާތުކުރުމެއް

މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގޯތި ދޫކުރުމަކީ ނަސްލީ ތަފާތު ކުރުމެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ސިފަކުރައްވައިފި އެވެ.

ހއ. އިހަވަންދޫގައި މިރޭ ބޭއްވި ނާޒިމުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ މީހަކަށް އެއްޗެއް ލިބިގެން އޭނާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ހުރިހާ ރައްޔިތުންނާ މެދުވެސް އަމަލުކުރެވެންޖެހޭނީ ހަމަހަމަ ގޮތެއްގައި ކަމަށެވެ. އަދި އޭނާ އެފަދަ ވާހަކަދައްކަވާތީ "އަންޕޮޕިއުލާ" ވިޔަސް ނުވަތަ މަގުބޫލުކަން ކުޑަވިނަމަވެސް ރައްޔިތުންނާ ގައުމުގެ ހަމަޖެހުމާއި މަސްލަހަތު މާމުހިއްމު ކަމުގައި ވިދާޅުވި އެވެ.

"ރާއްޖޭގައި ކޮންމެ ސަރަހައްދެއްގައިވެސް ހަމަހަމަކަމާ އެކު ގޯތި ދެވެންޖެހޭނެ. 40 އަހަރު ދުވަހު ދަފްތަރުގައި ޖަހައިގެން ހުރި ކުޅުދުއްފުށި މީހަކަށް ނުވަތަ އިހަވަންދޫ މީހަކަށް ގޯތި ލިބޭނެ ހަމައެއްވެސް ގޮތެއް ނެތް މާލެ އަކުން. މިސިޔާސަތަކީ ކޮން ކަހަލަ ނަސްލީ ތަފާތުކުރުމެއް އޮތް ގޮތެއްތޯ ތިބޭފުޅުން މިއަދު ވަޒަންކުރައްވާ. އަޅުގަނޑު ތަފްސީލަށް ދާކަށް ނެތިން. މިރަށުގެ ރައްޔިތަކު މާލެ ގޮސް އުޅެންޏާމު ގޯތި ލިބެންވާނެ. އަޅުގަނޑު މިއީ މާލެ މީހެއް،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ވޯޓު ހޯދުމަށް ސަރުކާރުތަކުން ޖަހާ މިފަދަ :ޗައްކަރުތަކުން" ރައްޔިތުން ސަލާމަތްވާން ޖެހޭ ކަމަށެވެ. ނާޒިމު ގަބޫލުކުރައްވާ ގޮތުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ބުނެ ސަރުކާރުން ކުރަނީ "ގުނބޯހެއްދުމުގެ" މަސައްކަތެކެވެ.

"އަދި ހިއްކާފައި ނެތް ތަންތަން، އަޑިންނާއި މަތިންނާއި ތަންތަނުން ގޯތި ބަހާލީމާ ދެން އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުން ވިސްނާވަޑައިގަންނަވަން. އެ ރައްޔިތުން މިއަދު ގުނބޯހެދި އެެއަށްވުރެ މާތައުލީމީ ވިސްނުންތެރި ދިވެހިން މިއަދު މިތިބީ. މިއަދު 'ގުނބޯހެއްދިގެން' ނުވާނެ. ތިބޭފުޅުންނަށް ލޮލަށް ފެންނަ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ،" ނާޒިމު ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ރާއްޖޭގައި އެންމެ ފާހަގަކުރެވޭ ކުންފުނީގެ އިސްވެރިއެއް ކަމަށްވާ ނާޒިމު ވިދާޅުވީ އެންމެންނަށް ހަމަހަމަކަމާ އެކު ބޯހިޔާވަހިކަން ދެވޭނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެންމެ ނިކަމެތި މީހާއަށް ގޯތި ދޭނަމަ އެކަމަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޕްރޮމޯޓް ކުރަމުންދާ "ޖަޒީރާ ރާއްޖެ" ސިޔާސަތާ ފުށުއަރާ ގޮތަށް މާލެ ސަރަހައްދުން އެތައް ގޯއްޗެއް ހިލޭ ދޫކުރުމުން އަތޮޅު ތެރެއިން އެތައް ބަޔަކު އަލުން މާލެއަށް ޖަމާވާނެ ކަންވެސް ނާޒިމު ފާހަގަކުރެއްވި އެވެ. އަދި އޭރުން މާލެ ސަރަހައްދުގެ އިޖުތިމާއީ މައްސަލަތައް އިތުރަށް ގޯސްވެދާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ހުރިހާ ރަށްރަށުން މީހުން ހުސްވީ މާލެއަށް އަނެއްކާ އެންމެން ޖަމާކުރީމާ. ވިލިމާލެއަށް ޖަމާކުރީ. ތިލަފުށްޓަށް ޖަމާކުރީ. ގުޅިފަޅަށް ޖަމާކުރީ. ނުހިކި އޮތް ތަނަށް [ގިރާވަރު ފަޅަށް] ޖަމާކުރީ. ހުޅުމާލެއަށް ޖަމާކުރީ. ދެން ވިސްނަވާ އަޅުގަނޑުމެންނަށް އަންނާނެ އިޖުތިމާއީ މައްސަލަތައް،" ނާޒިމު ވިދާޅުވި އެވެ.

މާލެ ސަރަހައްދަކީ ކުޑަ ސަރަހައްދެއް ކަމަށް ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ މާލެ ސަރަހައްދު މިހާރުވެސް ތޮއްޖެހިފައިވަނީ ކިޔެވުމަށާއި އިގްތިސާދީ ބޭނުންތަކުގައި ރަށްރަށުން މާލެއަށް މީހުން ހިޖުރަކޮށްފައިވާތީ ކަމަށެވެ. އަދި އެގޮތަށް ހިޖުރަ ކުރާ މީހުންނާއި އެމީހުންގެ ދަރިން މާލޭގައި ދިރިއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށް ވިދާޅުވި އެވެ.

"މާލޭ މީހުންނަށް ސަލާންޖަހައިގެން ކުލި ދައްކައިގެން ނޯކިރީ ކޮށްގެން އެކަން ކުރަމުން ދިޔައީ. މިއަދު އަނެއްކާ އަލުން އަނބުރާ އެ ސަގާފަތް އަޅުގަނޑުމެން ދާންވީތޯ މިއަދު؟ މުއްސަނދިން ވާނީ މުއްސަނދި. ފަގީރުން ވާނީ ފަގީރު،" ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޯތި ތަކެއް ދޫކުރާނެ ކަމަށް ސަރުކާރުން ބުނާއިރު ގޯތި ހެދުމަށް ފައިސާ ހަމަޖައްސައިދޭނެ ބޭންކެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން ދޫކުރާ ގޯތިތައް ހަދާނީ ކިހިނެއްތޯ ނާޒިމު ސުވާލު އުފެއްދެވި އެވެ. އެހެންވެ ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ސިޔާސަތެއް ނެތި ކަމުގައި ވިދާޅުވި އެވެ.

"މިވާހަކަ އަޅުގަނޑު މިދަންނަވާލީ ތިބޭފުޅުން ވިސްނާވަޑައިގަންނަވަން. ނުވައެއް ސެޕްޓެމްބަރުގައި ތިބޭފުޅުން ތިލާ ވޯޓަކީ މިހުރިހާ ކަންކަމަކާ ދޭތެރޭ ރިއާޔަތްކޮށް ލައްވާ ވޯޓަކަށް ވާން އެބަޖެހޭ. ތިބޭފުޅުންގެ ދަރިންގެ ދަރިންގެ މުސްތަގުބަލް ކާކުތޯ ހޯދައިދޭނީ ވިސްނަން އެބަޖެހޭ،" ނާޒިމު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށްޓަކައި ގޯތި ލިބޭ މީހުންގެ ލިސްޓް ސަރުކާރުން މިހާރު ވަނީ އާންމުކޮށްފަ އެވެ. އަދި 6،200 ގޯތި މިބުރުގައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.