އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީން މި ސީޒަނުގައި ނެރެފައިވާ ދެރަ ނަތީޖާތަކުގެ މާޔޫސްކަން ފިލުވާލުމަށް ޗެމްޕިއަންސް ލީގު ނުވަތަ އެފްއޭކަޕް ފައިނަލުގައި ކުޅެން ޖެހޭ ކަމަށް އެ ޓީމުގެ ކީޕަރު ތިބައޫ ކޯޓުއާ ބުނެފި އެވެ.
އޭނާ މިހެން ބުނީ އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީއާ ވާދަކުރަން ޖެހޭ މެޗާއި އޭގެ ފަހުން އެފްއޭކަޕުގެ ފަސް ވަނަ ބުރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ މުހިންމުކަމާމެދު ވާހަކަ ދައްކަމުންނެވެ.
"އަހަރުމެން ޖެހޭ މީގެ ތެރެއިން ކޮންމެވެސް އެއް މުބާރާތެއްގެ ފައިނަލްގައި ކުޅެން. އެއިރުން ކާމިޔާބު ސީޒަނަކަށްވާނީ،" ކޯޓުއާ ބުންޏެވެ.
ބެލްޖިއަމްގެ ގައުމީ ކީޕަރު ބުނީ ކޮންމެ ސީޒަނެއްގައި ޕްރެމިއާ ލީގު ޗެލްސީ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި ނަމަވެސް ޓީމުގެ ކޯޗުކަމާ ގުސް ހިޑިންކް ހަވާލުވި ފަހުން ނަތީޖާތައް ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
"ބަލަން ތިބެން ޖެހޭނީ ކުރިއަށް ހަޔެއް ނުވަތަ ހަތް މެޗުގައި އަހަރުމެން އޮންނާނީ ޓޭބަލުގެ ކިހާ ހިސާބެއްގައިކަން. ގަދަ ހަތަރަކަށް އެރުމަކީ އުނދަގޫ ކަމެއް. އެހެންވީމާ ޗެމްޕިއަންސް ލީގާއި އެފްއޭކަޕަށް އަހަރުމެން ސަމާލުވާންޖެހޭނެ،" ކީޕަރު ބުންޏެވެ.
އިނގިރޭސި ލީގު ނިމެން ކޮންމެ ޓީމަކަށް ބާކީ 15 މެޗު އޮތއިރު ޗެލްސީ އޮތީ 30 ޕޮއިންޓާއެކު ޓޭބަލުގެ 13 ވަނާގަ އެވެ. އެ ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. ނަމަވެސް ތަށި ހޯދައިދިން ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ނަތީޖާތައް ގޯސްވުމުން މި ސީޒަނުގެ މެދުތެރެއިން މަގާމުން ވަކިކޮށްފަ އެވެ.