ރިޔާސީ އިންތިހާބު 2023

ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާނާ ގުޅޭ އުސޫލެއް ހަދަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާން އޮންނަންޖެހޭ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުން އިންތިހާބަށް ކުރާ ހަރަދުތަކާ ގުޅޭ މާލީ ބަޔާނާ ބެހޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަނީ އޭސީސީ އާއި އޮޑިޓާ ޖެނަރަލް އޮފީސް ފަދަ ކަމާ ގުޅޭ ފަންނީ އިދާރާތަކުގެ އެހީތެރިކަމާ އެކު އެވެ.

އޮޑިޓާ ޖެނަރަލް އޮފީހުގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ މާލީ ބަޔާނާ ގުޅޭ އުސޫލު އެކުލަވާލުމަށް ފަންނީ މަސައްކަތުގައި އޮޑިޓާ ގެނެރަލް އޮފީހުން އީސީއަށް އެހީތެރިވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނެއް ނޫން އުސޫލު ހަދާނީ. އެއީ އީސީގެ ކަމެއް. އީސީން އެދުނު އެހީތެރިކަމެއް އަޅުގަނޑުމެން ދެނީ،" އޭނާ ވިދާޅުވި އެވެ.

ކެންޑިޑޭޓުން އިންތިހާބަށް ބޭނުންވާ ހަރަދު ކުރުމަށް ކޮންމެ ކެންޑިޑޭޓަކުވެސް ބޭނުންކުރަންވާނީ އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ އެކައުންޓެއް ކަމަށްވެސް އީސީން ބުނެ އެވެ. އަދި ގާނޫނުގައިވެސް އޮންނަނީ އެކަން އެގޮތަށް ކުރާށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.