ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުވާ ކުރައްވައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ 16 މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާ އުފުލި އެވެ. ނަމަވެސް އަލީ ވަހީދާ ދެކޮޅަށް ތަހުގީގަށް ބަޔާން ދިން މީހުންނާއި އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން އެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ ދައުލަތުން ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހު ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
އަލީ ވަހީދަށް ކުރެވުނު ސީރިއަސް ބޮޑެތި ތުހުމަތުކުން ސަލާމަތްވެގެން މިއަދު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިން ކުރެއްވި ހުރިހާ ސުވާލަކަށް އަލީ ވަހީދު ވަނީ ޖަވާބު ދެއްވާފަ އެވެ. އެގޮތުން އަލީ ވަހީދުގެ މައްޗަށް ދައުވާކުރެނު ޖިންސީ ގޯނާގެ ކުށުގެ ދައުވާތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް އުފުލުނު ދައުވާތަކަކީ އެއްވެސް އަސްލެއް ހިމެނޭ ދައުވާތަކެއް ނޫން ކަމަށެވެ.
"އެއްވެސް ހެއްކެއް ދެއްކުމަށް އަޅުގަނޑު ޗެލެންޖުކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރި ބޮޑު ތުހުމަތަކީ ވެރިކަން ކުރާ އެމްޑީޕީ ކުރިން ދެބައި ނުވެ އޮތް އިރު އެ ޕާޓީ ތެރެއިން ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ. އެކަން ކުރި ބަޔަކު އެކަން ކުރި ބޭނުމަކީ އޭނާގެ ސިޔާސީ ހަޔާތް ކަފުންކޮށް އޭނާ ނައްތާލުން ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ﷲގެ މަގުގައި ހަނގުރާމަކޮށް މިއަދު އޭނާ ހުންނެވި ނަސްރު ހޯއްދަވައިގެން ކަމުގައި ވިދާޅުވި އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރި މީހުން އޭނާގެ ކުރިމަތީ ހުންނަވައިގެން އެ މީހުންގެ ތުހުމަތު ސާބިތުކޮށްދިނުމަށް ދައުވަތު ވެސް ދެއްވި އެވެ.
"އަޅުގަނޑު މިދަންނަވަނީ ކެރިގެން ނޯންނާނެ އެއްވެސް އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
އެއްވެސް މީހަކަށް ޖިންސީ ގޯނާކޮށް، ފުރައްސާރަކޮށްފައި ނުވާނެ ކަމަށް ހުވާކުރެއްވުމަށް ނޫސްވެރިޔަކު އެދިވަޑައިގަތުމުން އަލީ ވަނީ އެވަގުތު އެތަނުގައި ތިއްބެވި ހުރިހާ ނޫސްވެރިންނާއި އޭނާއަށް ތާއީދުކުރާ އެންމެންގެ ކުރިމަތީގައި އެކަން ނުކުރާ ކަމަށް ހުވާކުރައްވާފަ އެވެ.
"އަޅުގަނޑު ﷲ ގަންދީ ހުވާކޮށްފައި މިދަންނަވަނީ... ނޯންނާނެ، ނޯންނާނެ، ނޯންނާނެ... ޖިންސީ ގޯނާއެއް، ޖިންސީ ފުރައްސާރައެއް، ރޭޕެއް، އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" އަލީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާ "ފްރޭމް" ކުރުމުގައި ޕީޕީއެމްއާއި ރައީސް އަބްދުﷲ ޔާމީނާއި، ޖުމްހޫރީ ޕާޓީއާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑުގެ ބުރަކަށްޓަށް ވަޅިޖަހާފައިވަނީ ސިޔާސީ މާހައުލު ތެރޭގައި އުޅޭ 'ބޮޑު މަހެއް'" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާ ރާއްޖެ ވަޑައިގަތީ އޭނާއަށް ކުރެވުނު ތުހުމަތުތަކަށް ނިޒާމުގެ ތެރެއިން އިންސާފު ހޯދައިގެން ކަމަށެވެ. އެހެންކަމުން ދެން އޭނާއާ މެދު އެ ތުހުމަތުކުރާ މީހުންނަށް ރައްދު ދެއްވާނެ ކަމަށެވެ. އެކަމަކު އޭނާ ފްރޭމް ކުރި މީހުންގެ މައްޗަށާއި ދައުލަތުގެ މައްޗަށް ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެންނެވީ އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ ހިނގަމުން ދަނިކޮށް އިނގިރޭސިވިލާތަށް ވަޑައިގެންނެވިފަހުން ދެ އަހަރާއި ތިން ދުވަސް ފަހުންނެވެ.