ފިނިޕޭޖް

ބޮމުގެ އިންޒާރަކާ ގުޅިގެން ނޮއެލް ގެލެގާގެ ކޮންސަޓް ހުއްޓިއްޖެ

ބޮމުގެ އިންޒާރަކާ ގުޅިގެން ކުރީގެ "އޮއޭސިސް" މެމްބަރު ނޮއެލް ގެލެގާ ކޮންސެޓެއް ހުއްޓިއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކްގެ ސެރެޓޯގާ ސްޕްރިންގްސްގައި އޮތް މި ކޮންސަޓަކީ ނޮއެލްގެ "ހައި ފްލައިން ބާޑްސް" ޓުއާގެ ކޮންސަޓެކެވެ.

މި ޓުއާގައި ރޮކް ބޭންޑް "ގާބެޖް" އާއި "މެޓްރިކް" ވެސް ބައިވެރިވެ އެވެ. މި ކޮންސަޓް ހުއްޓިފައިވަނީ ގާބޭޖް އާއި މެޓްރިކްގެ އޯޕަނިން އެކްޓް ނިމި، ނޮއެލް ސްޓޭޖަށް އެރުމުގެ ކުރިންނެވެ.

ނިއު ޔޯކް ސްޓޭޓް ޕާކް ޕޮލިސް އިން ފޭސްބުކް ޕޭޖްގައި ބުނި ގޮތުގައި ކޮންސަޓް ހުއްޓުވައި، އޯޑިއަންސްގައި ތިބި ބެލުންތެރިން އެތަނުން ނުކުތުމަށް އެންގީ ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެންނެވެ.

ކޭނައިން ޔުނިޓް މެދުވެރިކޮށް އެ ސަރަހައްދު ބަލައި ފާސްކުރިއިރު އެއްވެސް ގޮވާ ޒާތުގެ އެއްޗެއް ފެނިފައިނުވާ ކަމަށް ޕޮލިހުން ބުންޏެވެ. އަދި މި މައްސަލަ ޓެރަރިސްޓް އިންޒާރެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ގާބެޖްއިން ކުރި ޓްވީޓެއްގައި ބުނީ އެ ދުވަހު ވީގޮތެއް ނޭގުނު ކަމަށާއި އެންމެނަށް އެތަނުން ނިކުތުމަށް އެންގި ކަމަށެވެ.

ނޮއެލްގެ "ހައި ފްލައިން ބާޑްސް" ޓުއާގެ ކޮންސެޓެއް ނިއު ޔޯކްގެ ސެންޓްރަލް ޕާކް ސަމާ ސްޓޭޖްގައިވެސް ބާއްވާފައިވެ އެވެ. މި ޓުއާ އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ކުރިއަށް ދިއުމަށްފަހު ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުގައިވެސް ކުރިއަށް ގެންދާނެ އެވެ.

ލަވަކިޔުންތެރިންގެ ޝޯތައް ބޮމުގެ އިންޒާރާ ގުޅިގެން ކެންސަލްވުމަކީ އާކަމެއް ނޫނެއެވެ. މިގޮތުން މިދިޔަ އޭޕްރިލް މަހުގައި ސަބްރީނާ ކާޕެންޓާގެ ޝޯއެއްވެސް ބޮމުގެ އިންޒާރަކާ ގުޅިގެން ވަނީ ކެންސަލް ވެފަ އެވެ.