ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބް ސިންގަޕޫރަށް ފުރާވަޑައިގެންފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސިއްހީ ފަރުވާއަކަށް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ސިއްހީ ފަރުވާ ހޯއްދެވުމަށް އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން 10 ދުވަހަށެވެ.

އެމްޓީޑީން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 އިން 2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ހުރަސް އަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް،" އެމްޓީޑީން ބުނެފައިވެ އެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.

ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާއިރު ރާއްޖޭން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އޮގަސްޓް އެކެއް، 2019 ވަނަ ދުވަހު އަދީބު ވަނީ ހައްޔަރުކޮށްފަ އެވެ.