އެމްޓީސީސީ

އެމްޓީސީސީއަށް ފެރީ ދޯނިތަކެއް ހޯދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ފެރީ ދޯނިތަކެއް ހޯދަން ފަށައިފި އެވެ.

މި ފެރީތައް ހޯދަނީ އެމްޓީސީސީން ފެރީގެ ހިދުމަތް ދޭ ޒޯންތަކުގައި އެކަމަށްވެސް އޮތް ޑިމާންޑް ބޮޑުވުމުން ފެރީގައި ދަތުރުކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށެވެ.

އެމްޓީސީސީން ބުނީ ފެރީގެ ހިދުމަތް ދޭ ސަރަހައްދުތަކުގައި މުދާ އުފުލުމަށްވެސް ބޮޑު ޑިމާންޑެއް އޮންނާތީ އިތުރު ފެރީ ބައެއް ސަރަހައްދުތަކަށް ބޭނުންވާ ކަމަށެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެމްޓީސީސީންނެވެ. އެގޮތުން އެމްޓީސީސީ އަކީ ގައުމީ ދަތުރުފަތުރުގެ ނިޒާމު -- ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިންގާ ކުންފުންޏެވެ.

ސްޕީޑް ލޯންޗް ފެރީ ބޭނުންކޮށްގެން އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ދެނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ޅ. އަތޮޅަށެވެ. އާރްޓީއެލް ފެރީގެ ހިދުމަތް މާދަމާ ހުވަދު އަތޮޅުގައި ފެށުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.