މިފްކޯ

ކޫއްޑޫ އާއި ތިނަދޫގައި މަސްވެރިންނަށް ފެސިލިޓީ ހެދުން އެމްޓީސީސީއަށް

މިފްކޯއިން ގއ. ކޫއްޑޫ އަދި ގދ. ތިނަދޫގައި އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސްވެރިކަމުގެ ފެސިލިޓީތަކުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

މިފްކޯގެ އޮތް ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން ގއ. ކޫއްޑޫގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ އަލަށް ހަދާ ބްރައިން ފްރީޒިން އިމާރާތުގެ ފައުންޑޭޝަނުގެ މަސައްކަތާއި، 50 ރީފާ ކޮންޓެއިނާގެ ކޮންޓެއިނާ ޔާޑެއް ހެދުމުގެ މަސައްކަތާއި، ބްރައިން ޓޭންކުގެ ކޮންކްރީޓު މަސައްކަތާއި މިފްކޯގެ މަދާ ވެސަލްތައް ގާތްކުރުމަށް ބޭނުންވާ އަންލޯޑިން ޕްލެޓްފޯމެއް ހެދުމެވެ.

އެމްޓީސީސީން ތިނަދޫގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ އެ ރަށުގައި އަލަށް ގާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި، ބްރައިން ޓޭންކުގެ ކޮންކްރީޓު މަސައްކަތާއި، އެ ތަނުގައި ހަދަން ނިންމާފައިވާ އިތުރު ފެސިލިޓީތަކުގެ ފައުންޑޭޝަން މަސައްކަތާއި އަދި ބަނދަރުން ބައެއް ކޮންކްރީޓް ޕޭވްކުރުމެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމީ އާޒިމް ވިދާޅުވީ ކޫއްޑޫގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން މިހާރު ފަށާފައިވާ ކަމަށެވެ.

މިފްކޯގެ ފަރާތުން ފައުޒީ ވިދާޅުވީ ކޫއްޑޫގައި 4،000 ޓަނުގެ މަސް ފިނިކުރާ ސްޓޯރޭޖު ގާއިމުކުރުމަށް ބަޔަކު ހޯދަމުންދާ ކަމަށާއި އެމަސައްކަތް ނިމުމުން މިފްކޯއަށް ދުވާލަކަށް މަސްގަނެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުކުރޭނެ ކަމަށެވެ.

"މަސްވެރިކަމުގެ މޫސުމުގައި މަސްގަތުމަށް މިހާރު ދިމާވަމުންދާ ދަތިތަކަށް އެ ފެސިލިޓީތަކާ އެކު ހައްލު ލިބޭނެ. އެ ފެސިލިޓީތަކުގެ މަސައްކަތް ނިމުމުން ދުވާލަކަށް މަސްގަނެވޭ މިންވަރު އިތުރުވެ، މަސް ރައްކާ ކުރާނެ ޖާގަ އިތުރުވެގެންދާނެ،" ފައުޒީ ވިދާޅުވި އެވެ.