ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ކުރިކް ރިޒާގެ ދައުވާތައް އަނބުރާ ގެންނަނީ

ރ. ފުއްގިރި މައްސަލައިގެ ދައުލަތުން މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާ އިތުރުން ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ދައުވާކޮށްފަ އެވެ.

ކްރިކް ރިޒާ ބަލިވެ އުޅޭތީ މި މައްސަލައިގައި އެންމެފަހުން ތާވަލުކުރި ފަސް ޝަރީއަތްވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ކްރިކް ރިޒާގެ ބައިގައި ދިމާވި މި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި ކަމަށެވެ.

މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވުމަކީ އާންމު މަސްލަހަތު އޮތްގޮތް ކަމަށް ނުފެންނާތީ އާއި ކުރިކް ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުވައިދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ކުރިކް ރިޒާގެ ބައި އަނބުރާ ގެންނަނީ މިވަގުތަށް މަޑުޖައްސާލުމަށްޓަކައި ކަމަށާއި ހާލަތު ބަދަލުވުމުން އަދި ސާފުކުރަންޖެހޭ ކަންކަން ސާފުވުމުން އަލުން ދައުވާ ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ޕީޖީ އޮފީހުން ވަނީ ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ބުނެފަ އެވެ.

ފުއްގިރި މައްމި މައްސަލައިގައި ޖޫން 19 ވަނަ ދުވަހާއި 20 ވަނަ ދުވަހުވެސް ޝަރީއަތް ބާއްވަން ތާވަލުކުރި އެވެ. މީގެ އިތުރުން މިމަހުގެ ދެވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު އަދި ނުވަ ވަނަ ބާއްވަން ހަމަޖެއްސި ޝަރީއަތްވެސް ކެންސަލް ކުރީ ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އެވެ.

ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.