އާބަންކޯ

ހުޅުމާލޭގައި ގަރާޖު ހަދަން ދޫކުރާ 23 ބިމުގެ ގުރު ނަގައިފި

މާލޭގައި ހިންގާ ގަރާޖުތަކާއި ވޯކްޝޮޕްތައް ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާ ސަރަހައްދުން ދޫކުރާ 23 ބިން ލިބޭ ފަރާތްތަކުގެ މެދުގައި ގުރު ނަގައިފި އެވެ.

ގަރާޖާއި ވޯކްޝޮޕް ހިންގަން ބިން ބޭނުންވާ ފަރާތްތަކަށް އާބަންކޯ އިން ފުރުސަތު ހުޅުވާލުމުން 190 ފަރާތަކުން ފޯމު ހުށަހަޅާފައިވެ އެވެ.

ފޯމު ހުށަހެޅި ފަރާތްތަކުގެ މެދުގައި މިއަދު ހެނދުނު ގުރު ނެގުން ކުރިއަށް ގެންދިޔައީ ހުޅުމާލޭގައި ހުންނަ އާބަންކޯގެ އޮފީހުގައެވެ.

އާބަންކޯ އިން ބުނީ ބިން ހޯދުމަށް ފޯމު ހުށަހެޅުމުން އެ ފަރާތްތަކުން ހިންގާ ގަރާޖުތަކަށް ޒިޔާރަތްކޮށް ސައްހަ މައުލޫމާތު އެއްކުރުމާ އެކު ސާވޭއެއްވެސް ކުރިއަށް ގެންދެވުނު ކަމަށެވެ.

އާބަންކޯ އިން މިފަހަރު ބިން ދޫކުރުމުގައި ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށް ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ.

އާބަންކޯ އިން ބުނީ ގަރާޖުތަކާއި ވޯކްޝޮޕްތައް މާލެ އިން ނެގުމުގެ ސަރުކާރުން ނިންމި އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

ގަރާޖާއި ވޯކްޝޮޕް ހިންގުމަށް ދޫކުރަން ނިންމާފައިވަނީ 1،297 އަކަފޫޓަށް ވުރެ ކުޑަ ނޫން އަދި 1،447 އަކަފޫޓަށް ވުރެ ބޮޑު ނޫން ބިމެވެ.

މިފަހަރު ލިބުނު ތަރުހީބަށް ބަލައި، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ބިންތައްވެސް ހުޅުމާލެ އިން މިމަސައްކަތަށް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.