ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް، ދަފްތަރުކޮށްފި

ޕާޓީއެއްގެ ގޮތުގައި "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ހިމަނައިފި އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް މި ހުއްދަ ކޮމިޝަނުން ދިނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި 3،560 ފޯމާ އެކު "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން ހުށަހެޅީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމުގެ ކުރިން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނީ މި މަހުގެ ދެވަނަ ދުވަހު އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތަށް "ދަ ޑިމޮކްރެޓްސް"ގެ 300 މެންބަރުންނަށް ވުރެ ގިނަ މެންބަރުންނާ އެކު މިޖަލްސާ ބޭއްވީ މިދިޔަ ޖުލައި ފަސްވަނަ ދުވަހު އެވެ.

މިޖަލްސާގައި ވަނީ ޕާޓީގެ ވަގުތީ ޗެއާޕާސަނަކަށް ޕާޓީގެ މުއައްސިސް ހަސަން ލަތީފް އަދި ވަގުތީ ޗެއާޕާސަންގެ ނައިބުންގެ މަގާމަށް އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރުގެ އިތުރުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ހަމަޖައްސާފަ އެވެ.

މިޖަލްސާގައި ރަސްމީ ނަމުގެ ގޮތުގައި ފާސްކުރީ "ދަ ޑިމޮކްރެޓްސް" އެވެ. އާންމު ނަމުގެ ގޮތުގައި ފާސްކުރީ "ޑިމޮކްރެޓްސް" އެވެ. ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި އިއްތިފާގުން ފާސްކުރީ އެސްޓްރިކް އެކެވެ. މި ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ ކަމަށް ޕާޓީގެ މުއައްސިސް އެވެ. ދަ ޑިމޮކްރެޓްސްގެ ކުލަތަކުގެ ގޮތުގައި ފާސްކުރީ ހުދު ކުލަ އާއި މަޑު ނޫ (ބޭބީ ބްލޫ) އާއި އަދި ކަޅުކުލަ އެވެ.