ފިނިޕޭޖް

ބްރިޓްނީ ސްޕިއާޒްގެ ހަޔާތާ ގުޅޭ ފޮތެއް ނެރެނީ

ލަވަ ކިއުންތެރިޔާ ބްރިޓްނީ ސްޕިއާޒް މެމުއާ އެއް ނެރެނީއެވެ.

މި މެމުއާ "ދަ ވުމަން އިން މީ" ނެރޭ ތާރިހަކީ މިއަހަރުގެ އޮކްޓޫބަރު 24 ވަނަ ދުވަހެވެ.

ބްރިޓްނީގެ މާޒީއަށް ބަލާއިރު އޭނާ އަކީ ހައްސާސް ކަންކަން ކުރާ އަދި އެކަންކަމުގެ ސަބަބުން މީހުންގެ ސަމާލުކަން އެކި ގޮތްގޮތުން ލިބޭ މީހެކެވެ. ހާއްސަކޮށް އޭނާގެ މާޒީގައި ކޮށްފައިވާ ކަންކަމަކީ ތައުރީފުގެ އިތުރުން ގިނަ މީހުންގެ ފާޑުކިޔުންވެސް ރައްދުވި ކަންކަމެވެ.

އެގޮތުން މީގެ ކުރިން ބްރިޓްނީގެ ހަޔާތުގައި ކުރިމަތިވި ވަރީގެ މައްސަލައާއި އާއިލީ މައްސަލަތަކާއި އަދި ގާތުގައި އުޅުނު މީހުންގެ ބާރުފޯރުވުން ފަދަ ކަންތައްތަކަކާ ގުޅިގެން ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ކުރުމުން އެކި ފަހަރު މަތިން ނަފުސާނީ ބައްޔަށް ބޭސްކުރާ ސެންޓަރުތަކުގައި އެޑްމިޓްކޮށްފައިވެ އެވެ. 2007 އަކީ މިގޮތުން ފާހަގަކޮށްލެވޭ އަހަރެކެވެ.

ބްރިޓްނީގެ ބައްޕަ އާއި ލޯޔާރާއި މެނޭޖަރު 2008 ގައި ކޯޓަށް ގޮސް، ބްރިޓްނީ ސިއްހީ ގޮތުން ރަނގަޅު ނޫން ކަމަށް ސާބިތުކޮށް، ބްރިޓްނީގެ އެސެޓްތަކާއި ނަފްސުގެ ކޮންސަވޭޓާޝިޕް ބައްޕައަށް ހޯދާފައިވެ އެވެ.

ބްރިޓްނީ ތުހުމަތު ކުރާ ގޮތުގައި އޭނާގެ ބައްޕަ އެގޮތަށް އަމަލުކުރީ ފައިސާގެ ދަހިވެތިކަމުގައި އޭނާއަށް އަނިޔާ ކުރާށެވެ. ބްރިޓްނީގެ ދެ ކުދިންގެ ބެލެނިވެރިކަން ލިބުނީ އެކުދިންގެ ބައްޕަ އަދި ކުރީގެ ފިރިމީހާ ކެވިން ފެޑަލައިން އަށެވެ. މަންމަ އާއި ކޮށްކޮ ޖޭމީ ސްޕިއާޒްއާ ވެސް ދުރުވި އެވެ.

ބްރިޓްނީގެ ހަޔާތުގެ ކަންކަން ރަނގަޅުވަމުންގޮސް، މިދިޔަ އަހަރުގެ ޖޫން މަހު ސޭމް އަސްގަހާރީއާ ކައިވެނިކޮށްފައި ވެއެވެ. ކޯޓުން ބްރިޓްނީގެ ކޮންސަވޭޓާޝިޕް އުވާލުމާ ގުޅިގެން، ބްރިޓްނީގެ ހަޔާތުގެ މައްޗަށް އަމިއްލަ ކޮންޓްރޯލް ލިބުނެވެ. އަދި މަންމަ އާއި ކޮށްކޮއާ އަލުން ގުޅުން ބާއްވާ، ދަރިންނާ ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރި އެވެ.

ދަރިންނާއެކު ހީކުރި ގޮތަށް ގުޅުން ބަދަހި ނުވެ، މީޑިއާތަކުގައި ހަބަރު ފެތުރުނީ ބްރިޓްނީގެ ހަލަބޮލި ނަފްސާނީ ދުޅަހެޔޮކަމުންނާއި ރުންކުރުކަމުން ކުދިން ބައްދަލުނުވާތާ އެތައް މަހެއް ވެއްޖެ ކަމެވެ. ބްރިޓްނީގެ ކައިވެނީގެ ހަފްލާއަށް ކުދިން ނުދިޔައިރު، ކެވިންއާ އެކު ހަވާއީއަށް އެ ކުދިން ބަދަލުވާން އުޅޭ ހަބަރުވެސް ނޫސްތަކުގައިވެ އެވެ. އަދި ބްރިޓްނީގެ އަހްލާގުގެ ސަބަބުންނާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުން މީޑިއާގެ ސަމާލުކަން ބްރިޓްނީއަށާއި އެ ކުދިންނަށްވެސް އަންނާތީ ލަދު ގަނެ، އުދަނގޫވާ ކަމަށް އެކުދިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެކިއެކި ކަންކަމާ އަދިވެސް މީޑިއާއިން ބްރިޓްނީއަށް ސަމާލުކަންދީ، ބަދުނާމުވާ ފަދަ ގޮތްގޮތަށް ހުށަހަޅާތީ ސޭމް ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އެކަން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ޕަޕަރާޒީން ބްރިޓްނީއާމެދު ކަންތައްކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ގިނަ މީހުން ދެކެ އެވެ.

ބްރިޓްނީގެ ހަޔާތަށް ހަތަރު ޑޮކިއުމެންޓަރީ މިހާތަނަށް ނެރެފައިވާއިރު، މިއީ ބްރިޓްނީގެ ދުލުން އޭނާގެ ހަޔާތުގައި ދިމާވި ކަންތައްތައް ކިޔައިދޭ ފުރަތަމަ ފަހަރެވެ.

ބްރިޓްނީގެ ކޮންސަވޭޓާޝިޕްގެ ޝަރީއަތުގައި ވާހަކަ ދެއްކިއިރު "އަހަރެންގެ ހަޔާތް އަނބުރާ ބޭނުން" ކަމަށް ބްރިޓްނީ އަސަރާ އެކު ބުނި ބުނުމަކީ މީހުންގެ ހިތްތަކާ ކުޅެލި ކަމަކެވެ. މި މެމުއާގައި އޭގެ ވާހަކަތައްވެސް ހިމެނޭނެ އެވެ.

މި މެމުއާ ޝާއިރުކުރަނީ ސައިމަން އެންޑް ޝޫސްޓާގެ ގެލެރީ ބުކްސްއިންނެވެ. މި މެމުއާއަށް މިހާރު ޕްރީއޯޑާ ކުރެވެ އެވެ.