އެމްޓީސީސީ

އިހަވަންދޫގެ ބިން ހިިިއްކަން އަލުން ފަށައިފި

ހއ. އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖެހިފައި އޮތުމަށްފަހު އަލުން ބިން ހިއްކަން ފަށައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2021 ވަނަ އަހަރު އެވެ. ނަމަވެސް މަޝްރޫއުގެ ވަކި ހިސާބަކުން އެ މަސައްކަތުގައި ބޭނުންކުރި އުޅަނދު އެހެން ތަނަކަށް ވަގުތީގޮތުން ގެންދިއުމާ ގުޅިގެން މިމަޝްރޫއު ހުއްޓިފައި އޮތީ އެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ އަލުން ފެށީ ބެލްޖިއަމްގެ ކުންފުންފުންޏަކުން ރާއްޖެއަށް ކުއްޔަށް ގެނެސްފައިވާ ޑްރެޖު -- "ފިލީޕޯ ބްރޫނެލޭޝީ" ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. އެމްޓީސީސީގެ އަމިއްލަ ޑްރެޖަރު -- މަހާޖައްރާފާ އިން ގާތްގަނޑަކަށް ހަތަރު ދުވަހުން ހިއްކާލާ ވަރުގެ ސަރަހައްދެއް އަލަށް ގެނައި ޑްރެޖަރުން އެއް ދުވަހުން ހިއްކާލަ އެވެ. މިއީ ދުވާލެއްގެ މައްޗަށް ހެކްޓަރެއްގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް މިއަދު ވިދާޅުވީ އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 25 ހެކްޓަރުގެ ބިން ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއު އިއްޔެ އަލުން ފެށުމުގެ ކުރިން 12 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި ހިއްކަންޖެހޭ ބާކީ ބައި ހަތް ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިމަޝްރޫއަކީ އިހަވަންދޫގެ ރައްޔިރުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތްކަމެއް" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއަކީ 116 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. ބިން ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 850 މީޓަރުގެ ބޮޑު ހިލަ ތޮއްޓެއް ލުމަށްވެސް ހަމަޖެހިފައިވެ އެވެ. އިހަވަންދޫގެ ހިއްކާ ބިމުގައި އެމްޓީސީސީން ބޯޓްޔާޑެއް އެޅުމަށްވެސް ހަމަޖެހިފައިވާއިރު ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި އިހަވަންދޫ ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް ގޯތި ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.