އިހަވަންދޫ

އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި

އ. އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2021 ވަނަ އަހަރު އެވެ. ނަމަވެސް އަށް ހެކްޓަރުގެ ބިން ހިއްކުމަށްފަހު އެ މަސައްކަތުގައި ބޭނުންކުރި އުޅަނދު އެހެން ތަނަކަށް ވަގުތީގޮތުން ގެންދިއުމާ ގުޅިގެން މިމަޝްރޫއު ހުއްޓިފައި އޮތީ އެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 12 ވަނަ ދުވަހު އަލުން ފެށީ ބެލްޖިއަމްގެ ކުންފުންފުންޏަކުން ރާއްޖެއަށް ކުއްޔަށް ގެނެސްފައިވާ ޑްރެޖަރު -- "ފިލީޕޯ ބްރޫނެލޭޝީ" ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. އެމްޓީސީސީގެ އަމިއްލަ ޑްރެޖަރު -- މަހާޖައްރާފާ އިން ގާތްގަނޑަކަށް ހަތަރު ދުވަހުން ހިއްކާލާ ވަރުގެ ސަރަހައްދެއް އަލަށް ގެނައި ޑްރެޖަރުން އެއް ދުވަހުން ހިއްކާލަ އެވެ. މިއީ ދުވާލެއްގެ މައްޗަށް ހެކްޓަރެއްގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

ގާތްގަނޑަކަށް 4،000 މީހުންގެ އާބާދީއެއް އޮތް އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ 25 ހެކްޓަރުގެ ބިން ހިއްކާ މިހާރު ވަނީ ނިންމާލާފަ އެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއަކީ 116 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. ބިން ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 850 މީޓަރުގެ ބޮޑު ހިލަ ތޮއްޓެއް ލުމަށްވެސް ހަމަޖެހިފައިވެ އެވެ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކުގެ ޖުމްލަ 75 ޕަސަންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އިހަވަންދޫގެ ހިއްކާ ބިމުގައި އެމްޓީސީސީން ބޯޓްޔާޑެއް އެޅުމަށްވެސް ހަމަޖެހިފައިވާއިރު ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި އިހަވަންދޫ ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް ގޯތި ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.