ބޮންޑެ އިބްރާހިމް ރަޝީދު

ހިޔާނާތް އެނގުނީ ފައިސާ ޖަމާކުރިފަހުން: ބޮންޑޭ

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތް ހިންގާފައިވާކަން އެނގުނީ އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ބޭންކް ސްޓޭޓްމަންޓް ފެނުމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު-ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެއްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު އޮތް ޝަރީއަތުގައި ހެކިބަސް ދެއްވަމުން ބޮންޑޭ ވިދާޅުވީ އޭރު ރައްޔިތުންގެ މަޖިލީހުގައި ނޫޅުއްވާ ކަމަށާއި މަސައްކަތް ކުރެއްވީ ޓޫރިޒަމާއި ޓުއާ އޮޕަރޭޓް ވިޔަފާރީގައި ކަމަށެވެ.

އެ ގޮތުން ފުއްގިރި ކުއްޔަށް ދޫކުރަން ނިންމި ދުބާއީގެ ކްލެސިކް އައިލެންޑް ހޯލްޑިންގެ ފަރާތުން ރެޕްރެޒެންޓެޓިވްއެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރެއްވި ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ދުބާއީ ކުންފުނިން ފައިސާ ހަމަޖެއްސުމުން ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 150،000 ޑޮލަރު ދެއްކި ކަމަށާއި އެ ފައިސާ ޖަމާކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން -- އެމްއެމްޕީއާރުސީގެ ބަދަލުގައި އެސްއޯއެފްގެ އެކައުންޓަށް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ޝައްކުކުރެވުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވި ކަމަށެވެ.

އެ މައްސަލަތައް ތަހުގީގުކުރަން ފެށުމުން އަހުމަދު އަދީބު އާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާމެދު މައްސަލަތަކެއް އުޅޭކަން އެނގުނު ކަމަށް ބޮންޑޭ މިއަދު ވިދާޅުވި އެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށެވެ.

ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

މިމައްސަލައިގައި ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާގެ މައްޗަށްވެސް ދައުވާ އުފުލި އެވެ. ނަމަވެސް ދައުލަތުން އެދިގެން އެ ދައުވާތައް ވަނީ އަނބުރާ ގެނެސްފަ އެވެ.