މުހައްމަދު ނާޒިމް

ޕްރޮކިއުމަންޓް މަރުކަޒުކޮށް ޓެންޑަ ބޯޑު މިނިވަންކުރާނަން: ނާޒިމު

ވެރިކަން ލިބިވަޑައިގެންފިނަމަ ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމު ލާމަރުކަޒުކޮށް، ޓެންޑާ ބޯޑު ސަރުކާރުގެ ނުފޫޒެއް ނެތި ހިނގާ ތަނަކަށް ހަދާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން ސިލްސިލާކޮށް ބާއްވަމުން ގެންދާ "ނުއިވޭ އަޑުތައް" ނަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ނާޒިމު ވިދާޅުވީ ދައުލަތަށް ބޭނުންވާ މުދަލާއި ވަސީލަތްތައް މިހާރު ގަންނަމުން ގެންދަނީ އެ އޮފީހަކަށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ގޮތަށް ތަފާތު ކުންފުނިތައް ހަދައި އެ ތަންތަނުގެ ބޯޑުތަކަށް އެކިއެކި ބޭފުޅުން އައްޔަންކޮށްގެން ކުރާ ކަމަކީވެސް އެކި ނަންނަމުގައި ތަފާތު ތަކެތި ގަނެ ކޮންމެވެސް އެއްޗެއް ދައުލަތުން "ދަމައިގަނެވޭތޯ" ބެލުން ކަމަށެވެ.

ނާޒިމު ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު -- ސެންޓްރަލައިޒްކޮށް އެ ތަނަށް މިނިވަން ބޭފުޅުން ކަނޑައަޅާނެ ކަމަށެވެ.

"އެއްޗެތި ގަތުމުގައި އަޅުގަނޑުމެން މިތިބީ ހައްދު ފަހަނައަޅާފައި. ޕްރޮކިއުމެންޓް ސެންޓްރަލައިޒް ކޮށްގެން ވަކި ވަރަކަށް ވުރެ ބޮޑު އަދަދުތަކުން އެއްޗެތި ގަނެވޭ ގޮތް ހަދަނީ އޭރުން އެއް ދިމާލަކުން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ދައުލަތުގެ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ. އެފަދަ ބައެއް ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެ ކުންފުނިތަކުގެ ގާބިލްކަމަށް ބެލުމެއް ނެތި ކަމަށާއި އެގޮތަށް އަމަލުކުރުމުގެ ސަބަބުން މަޝްރޫއުތައް ނުނިމި ލަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މަޖިލިސް މެންބަރުންގެ ކުންފުނިތަކަށް މަޝްރޫއުތައް ދެނީ ވަކި ބޭފުޅެއްގެ ރުހުމާއި ތާއީދު ހޯދުމަށް ކަމަށްވެސް ނާޒިމު ތުހުމަތުކުރެއްވި އެވެ.

"ގިނަ ދަނޑުތަކާއި ގިނަ އެކި ކަހަލަ ހެލްތު ސެންޓަރުތަކާއި މިހެން ގޮސް ހަދަން ހުރި ގިނަ ތަންތަން ނުނިމި ހުރީ ކިހިނެއް ވެގެންތޯ؟ ކޮންމެވެސް މެންބަރަކާ ގުޅިފައި އޮންނަ ނޫނިއްޔާ މެންބަރެއްގެ ކުންފުނިތަކަށް ދެވިފައި އޮތީ. އަޅުގަނޑުމެން އެބަބަލަންޖެހޭ ކޮންމެ ކުންފުންޏަކީވެސް އެ ކުންފުންޏަކަށް ކުރެވޭ ވަރުގެ ގާބިލް ބައެއްތޯ ބަލަން އެބަޖެހޭ. އެހެން ނޫން ކަމަށްވަންޏާ އެ މަސައްކަތެއް ނުއެއް ނިމޭނެ،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ބަޔަކަށް އަމާޒުކޮށްގެން ދައުލަތުގެ މަޝްރޫއުތައް ދިނުން ހުއްޓުވޭނީ ޓެންޑާ ބޯޑު މިހާރަށް ވުރެ ހަރުދަނާކޮށްގެން ކަމަށެވެ. ޓެންޑަ ބޯޑު މަސައްކަތްތައް ކުރިއަށް ދަނީ ހަރުދަނާ ގޮތަކަށް ނޫން ކަމަށާއި އެތަނުގެ މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓެންޑާ ބޯޑުގެ ބައެއް ކަހަލަ އުސޫލުތަކަށް އަމަލުކުރަން ނުޖެހޭތީ އެކަމަށް ނާޒިމު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ނާޒިމު ވިދާޅުވީ ކުންފުނިތަކުން ޓެންޑާ ބޯޑުގެ އުސޫލުތަކަށް އަމަލުކުރަން ނުޖެހޭ ގޮތް ހަދައި ސިންގަލްސޯސްކޮށް މަޝްރޫއުތައް ހަވާލުކުރެވޭ ގޮތް ހަދާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތް ހަދައި ވަކި ބަޔަކަށް މަޝްރޫއުތައް ދިނުމަށް ކަމަށެވެ.

"މިހާރު މި އޮންނަނީ ބައެއް ކުންފުނިތަކަށް ސިންގަލްސޯސްކޮށް އެކަން ކުރެވޭ ގޮތަށް ދޫކޮށްލާފައި. ތިން ފަރާތަކުން ކޯޓު ކޮށްލައިގެން ނުލިބުނީއޭ ބުނެފައި ބޯޑަށް ގެންދިއުމަށްފަހު ބޯޑުން ވަކި ފަރާތެއް ނިންމުމަށްފަހު މިދެނީ. ދިނީމާ ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވެގެން މިދަނީ. އެހެންވީމާ އެކަންކަން ނުވާ ގޮތަކަށް އަޅުގަނޑު މަގުފަހިކުރާނަން،" ނާޒިމު ވިދާޅުވި އެވެ.

އޭނާގެ ވެރިކަމެއްގައި ޓެންޑާ ބޯޑުގެ މަސައްކަތްތައް މުރާޖައާކޮށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު މަޝްރޫއުތައް ހަވާލުކުރެވޭނެ ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ނާޒިމު ވިދާޅުވި އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި އަދަބުދީ ވަރުގަދައަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ނާޒިމު ދެއްވި އެވެ.

އިންތިހާބަށް އަމާޒުކޮށްގެން ވަޒީފާތައް އިތުރުކުރުމާއި، ބަޖެޓުގައި ނެތް މަޝްރޫއުތައް ފެށުމާއި، މުސާރަތައް ބޮޑުކުރުމަކީ ވޯޓު ހޯދަން ސަރުކާރުން ޖަހާ "ޗައްކަރެއް" ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް އޭނާގެ ވެރިކަމެއްގައި އިންތިހާބަށް އަމާޒުކޮށްގެން އެއްވެސް ކަމެއް ނުކުރާނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.